މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެފައި ވާކަމަށާއި އެހެންކަމުން މޫދަށް އެރި އުޅުމާއި މޫދުގައި އެކި އެކި ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ފަތުރުވެރިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް މޫދަށް އެރި އުޅުމުގައި ރައްކާތެރިކަމަށް އިތުރަށް ފަރުވާތެރިވުމަށް އިލްތިމާސް ކުރާކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

މޫދަށް އެރި އުޅުމުގައި ރައްކާތެރިކަން އިތުރު ކުރުމަށް ފުލުހުން އިލްތިމާސް ކުރިއިރު ފާއިތުވި 12 ދުވަސް ތެރޭގައި ރާއްޖޭގައި ވަނީ ކުއްލި މަރުގެ 17 ހާދިސާއެއް ހިނގާފައެވެ. އޭގެ ތެރެއިން މޫދުގައި މަރުވެފައި ވަނީ އެންމެ ހަތަރު މީހެކެވެ.

ނަމަވެސް ފުލުހުން މިއަދު ވިދާޅުވީ މިދުވަސްވަރު އިރުވައި މޫސުމުގެ ވަޔާއެކު އޮއިވަރު ވެސް ބާރުކަމަށް ފާހަގަ ކުރެވޭތީ ކުޑަކުދިންނާއި ފަތަން ނުދަންނަ މީހުން މޫދަށް އެރި އުޅުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވުމަށާއި ފަތުރުވެރިން މޫދަށް އެރި އުޅުމުގައި ވެސް ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މޫދުގައި ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުން ދިއުމާއި ގުޅިގެން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކުރުމަށާއި އަދި މިފަދަ ހާދިސާތައް މަދު ކުރުމަށްޓަކައި ހިދުމަތްދޭ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން މިސާވިސްގެ ފަރާތުން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މިމަސް ފެށުނު ފަހުން އާދަޔާއި ހިލާފަށް ކުއްލި މަރުތަކާއި ބޮޑެތި ހާދިސާތަކުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ. އެކަމާއި ގުޅިގެން އާއްމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.