އެސްޓީއޯގެ ޗެއާމަންކަމުގެ މަޤާމް ފުރުއްވަމުން ގެންދަވާ ހުސެން ސާލިމް މުހައްމަދު އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސާލިމް އަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ސާލިމް އެސްޓީއޯގެ ޗެއަރމަންކަމުގެ މަޤާމަށް ހަމަޖައްސަވައިފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމްޓީސީސީގެ ޗެއާމަން ކަމުގައެވެ.

ސާލިމް އޭނާގެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ނ.ހޮޅުދޫ ދާއިރާއަށް ވާދަކުރުމަށް ނިންމަވާފައިވާތީ އެވެ.

ސާލިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެސްޓީއޯގެ ޗެއާމަންގެ މަޤާމް ދޫކޮށްލެއްވީ މަޤާމުގައި ހުރެގެން މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކޭތީ ކަމަށެވެ. އަދި ހަމައެހެންމެ މަޤާމުގައި ހުންނަވައިގެން ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭނެ ކަމަށް ފެންނާތީވެ މަޤާމުން ވަކިވީ ކަމަށް އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

ސާލިމް އަކީ އެމްޑީއޭގެ ކައުންސިލް މެންބަރެއްގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އެންޖިނިއަރިންގް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ސާލިމް ހޮޅުދޫ ދާއިރާ އަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާ އެދާއިރާގެ ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެއެވެ.