ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްވެ ހުންނަވާ އުފެއްދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑެމޮކްެރަޓިކް ޕާޓީ (އެމްއެލްއެސްޕީ) އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފިއެވެ.

މިއަދު އިލެކްޝަން ކޮމިޝަނުގެ މައި އިދާރާގައި ބޭއްވި ރަސްމިޔާތެއްގައި އިލެކްޝަން ކޮމިޝަނުން ވަނީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑެމޮކްެރަޓިކް ޕާޓީ އިލެކްޝަންގެ ދަފްތަރުގައި ހިމަނައި ރެޖިސްޓްރީ ކުރިކަމުގެ ސެޓްފިކެޓް އެޕާޓީ އާއި ހަވާލުކޮށްފައެވެ.

ލޭބަރ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ލޭބަރ ރަޖިސްޓްރީ ކުރުމުގެ ކުރިން ބާއްވަން ޖެހޭ އާއްމު ޖަލްސާ އެ ޕާޓީން ވަނީ މިމަހު 11 ވަނަ ދުވަހުގެ ރޭ ބާއްވާފައެވެ. މި ޖަލްސާގައި ޕާޓީގެ 317 މެންބަރުން ބައިވެރިވެފައިވާއިރު، މެންބަރުންގެ ވޯޓުން ބައެއް ކަންކަން ވަނީ ފާސްކޮށްފައެވެ. އެގޮތުން ޕާޓީގެ ނަމާއި، ކުލަ އަދި ލޯގޯ އާއި ދިދަ ފާސްކޮށްފައިވާއިރު، އެ ޕާޓީގެ ވަގުތީ ލީޑަރޝިޕް ކޮމިޓީއަށް 15 މެންބަރަކުވެސް ވަނީ އިންތިޚާބުކޮށްފައެވެ.

މި ޖަލްސާގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ހަސީން ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރު ތަފާތު ސިޔާސީ ފިކުރުތައް އޮތްއިރު، ދިވެހި ރައްޔިތުން ދިރިއުޅެމުން އައީ ބޮޑުން ނުވަތަ މުއްސަނދީންގެ އަޅުންގެ ގޮތުގައި ކަމަށާއި ލޭބަރ ޕާޓީ އުފެއްދީ އެފަދަ މައްސަލަތައް ފެނި ގައުމުގެ މަސައްކަތްތެރީންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    ޕީއެންސީ ރަޖިސްޓްރީ ނުކޮށް ހިފަހައްޓާ ކޮންމެ ދުވަހަކަށް ކިހާވަރެއް ރިސްވަތުގެ ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ޝަރީފްއަށް ލިބޭތޯ އަހާލަން ބޭނުން