ތިން ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޔޫއޭއީ، އެމެރިކާ އަދި އިނގިރޭސިވިލާތަށެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖޭގެ ތަރައްޤީއަށް ރައީސް އިބްރާހިމް ޞާލިޙްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މަޝްރޫޢުތަކަށް އެހީތެރިކަމާއި އެއްބާރުލުން ހޯދުން ކަމަށް ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވެއެވެ. އަދި މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އެމަސައްކަތްތައް ކުރުމަށް ބޭނުންވާ ކަމާގުޅޭ ލިޔުންތައް ވެސް ހިފައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޝާހިދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ޔޫއޭއީ އަށެވެ. އެއަށްފަހު އެމްނިކުފާނު ދެން ވަޑައިގަންނަވާނީ ވޮޝިންގްޓަން އަށެވެ. މި ދަތުރުފުޅުގެ ބޭނުމަކީ އެމެރިކާ އާއި ރާއްޖެއާ އޮތް ގުޅުން އިތުރައް ބަދަހިކުރުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ އދ ގެ ސަލާމަތީ މަޖިލީހުގެ ރައީސް ދެއްވި ދަޢުވަތަކަށޤ ކުރައްވާ ދަތުރުފުޅެއް ކަމަށާއި، އދ މަޖިލީހުގައި ތިމާވެއްޓާއި ބެހޭގޮތުން ބާއްވާ ބަހުސެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްތަރު ޝާހިދު އދ މަޖިލީހުގެ ބައްދަލުވުމަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. މި ދަތުރުފުޅަކީ ލަންޑަނުގެ ފޮރިން އޮފީހުން ބާއްވާ ޑިމޮކްރަސީގެ ބައްދަލުވުމެއްގައި މިނިސްޓަރު ބައިވެރިވެވަޑަގައިންނަވާނެއެވެ. އަދި އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދާއެކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އަދި ޕްލޭނިންގް މިނިސްޓަރު މހައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.