ވިލާ ކޮލެޖުގެ ސްކޮލާރޝިޕް ސްކީމް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު އެކޮލެޖުން ހުޅުވައިލައިފިއެވެ.

ވިލާ ކޮލެޖުން ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދު އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއަދު ވިލާކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވެފައި ވަނީ ކޮންމެ އަހަރަކުވެސް ޖެނުއަރީ އިންޓޭކަށް ދަރިވަރުންނަށް ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ދެމުން އަންނަކަމަށާއި، މިއަހަރުވެސް ހަމަ އެފުރުސަތު ދަރިވަރުންނަށް އޮތް ކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް / އަމީން ހުސައިން ފަހުމީ

ވިލާ ކޮލެޖްގެ ސްކޮލަޝިޕް ސްކީމްގައި ހިމެނެނީ ހަތަރު ކެޓެގަރީއެވެ. އެއީ އޯޕެން ކެޓެގަރީއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަރޝިޕާއި، ވިލާ ކޮލެޖް އެލަމްނައި ސްކޮލަރޝިޕް އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕެވެ.

ވިލާކޮލެޖްގެ އޯޕެން ސްކޮލަރޝިޕް ކެޓެގަރީން ހުޅުވައިލެވިފައިވަނީ 3 ސްކޮލަރޝިޕަކަށެވެ. އެއީ ފައުންޑޭޝަން ފެންވަރުގެ އެއް ސްކޮލަރޝިޕާއި ޑިގްރީފެންވަރުގެ އެއް ސްކޮލަރޝިޕް، އަދި މާސްޓަރ ފެންވަރުގެ އެއް ސްކޮލަރޝިޕެވެ. އެ ލެވަލްތަކުގެ ކޯސްތަކަށް ޝަރުތުހަމަވާ ހަމަ ކޮންމެ ދިވެއްސަކަށްވެސް ސްކޮލަރޝިޕަށް ކުރިމަތިލެވޭނެކަމަށް ވައިސް ރެކްޓަރ ވިދާޅުވެފައި ވެއެވެ.

" ވިލާ ކޮލެޖްގެ ސްކޮލަރޝިޕް ގައި ހިމެނެނީ 4 ކެޓެގަރީއެއް. އެއީ ވިލާ ކޮލެޖްގެ އޯޕެން ސްކޮލަރޝިޕް، މި ސްކޮލަރޝިޕް އަކީ މެރިން ބޭސް ކޮށް އަޅުގަނޑުމެން ބާއްވާ، އޮފަރ ކުރާ ސްކޮލަރޝިޕް ތަކެއް، އެއީ އަޅުގަނޑުމެން އެ ސްކީމްގެ ދަށުން އެ ކެޓެގަރީގެ ދަށުން ސްކޮލަރޝިޕް މިދެނީ ފައުންޑޭޝަން ލެވެލް އަށް ސްކޮލަރޝިޕަކާ ޑިގްރީ ލެވެލްގެ ސްކޮލަރޝިޕަކާ މާސްޓާ ފެންވަރުގެ ސްކޮލަރޝިޕެއް،" ޑރ. އަލީ ނަޖީބް ވިދާޅުވެފައި ވެއެވެ.

ސްކޮލަރޝިޕްތަކަށް ކުދިންހޮވުމުގައި ބަލާނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ލިބިފައިވާ ދަރިވަރުންނަށްކަމަށްވެސް ޑރ. އަލީ ނަޖީބް ވިދާޅުވެފައި ވެއެވެ. އަދިހަމައެހެންމެ، ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވެފައި ވަނީ އޯލެވެލް ނަތީޖާ ލިބުނީ ވަރަށް ފަހުން ކަމަށް ވުމާއެކު އެކުދިންނަށް އަދިވެސް ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް / އަމީން ހުސައިން ފަހުމީ

"އޯލެވެލް ނަތީޖާ ދާދި އެހަކަށް ދުވަހަކު އެ ލިބުނީ، އެހެންވީމަ އެކުދިންނަށް އަދި އެ ފުރުސަތު އެބަ އޮތްކަން އެބަ އެނގެންޖެހޭ،" ރެކްޓަރ ވިދާޅުވެފައި ވެއެވެ.

ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ކޮންމެ އަހަރަކުވެސް ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލުން އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ވިލާ ކޮލެޖުގައި ޑިގްރީ ހެދުމަށް 2 ފުރުސަތު ހުޅުވައިލެވޭނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގައިވެސް ދަރިވަރުން ހޮވުމަށް ބެލޭނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން އޭލެވެލް އިން އެންމެ މަތީފާސް ހޯދައިފައިވާ ފަރާތްތަކަށް ކަމަށްވެސް ރެކްޓަރ ވިދާޅުވެފައި ވެއެވެ.

" ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ކިޔަވާ ކުދިންނަށް އަޅުގަނޑުމެން ސްކޮލަރޝިޕް އެބަ ދެން، މީގަ ހަމަޖެހިފައިވާ ގޮތުން ހައިސްކޫލުގައި ކިޔަވާ ކުދިންނަށް ޚާއްސަ، އެހެންވީމަ ސްކޫލަށް އަންނަ ކުދިންނަށް އިތުރު ފައިދާއެއް އެއީ ވިލާ ހައިސްކޫލަށް ވަނުމަށް އިތުރު ފައިދާ އެއް އެއީ ސްކޮލަރޝިޕެއް އޮތުން،" ރެކްޓަރ ވިދާޅުވެފައި ވެއެވެ.