ވިލާ ކޮލެޖުން އޭ.ސީ.ސީ.އޭ ހެދި ދަރިވަރުންގެ އެވަރެޖް ނަތީޖާ ގިނަ މާއްދާ ތަކަކުން ގްލޯބަލް އެވަރެޖަށްވުރެ މަތިވެއްޖެއެވެ.

ވިލާ ކޮލެޖުން މިކަން މިހެން ޢާންމު ކޮށްފައި ވަނީ މިއަދު އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ. އެ ކޮލެޖުން ބޭއްވި ނޫސް ކޮންފްރެންސްގައި ވަނީ ވަކިވަކި ޕޭޕަރުތަކުގެ ނަތީޖާ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

ވައިސް ރެކްޓަރ ޑރ. ނަޖީބު ވިދާލުވެފައި ވަނީ 2018 ވަނަ އަހަރު އެ ކޮލެޖުގައި އޭ.ސީ.ސީ.އޭގެ ފުރަތަމަ ލެވެލްގެ ޕޭޕަރެއް ކަމަށްވާ އެކައުންޓެންޓް އިން ބިޒްނަސްގެ ގްލޯބަލް ފާސް އިންސައްތަ 85 ގައި ހުރި އިރު ވިލާ ކޮލެޖު ދަރިވަރުންގެ އެވްރެޖް އިންސައްތަ އަކީ 91 ކަމުގައެވެ. އަދި މެނޭޖްމަންތް އެކައުންޓިންގް ޕޭޕަރުގެ ގްލޯބަލް އެވަރެޖު 64 އިންސައްތައިގައި ހުރި އިރު ވިލާ ކޮލެޖްގެ އެވަރެޖަކީ 89 އިންސައްތަ ކަމުގައި ވެސް ޑރ. ނަޖީބު ވިދާޅުވެފައި ވެއެވެ. ޑރ. ނަޖީބު ވިލާ ކޮލެޖްގެ އޭ.ސީ.ސީ.އޭ ނަތީޖާ އިތުރަށް ހާމަ ކުރައްވަމުން ވިދާޅުވީ ފައިނޭންޝިއަލް މޮޑިއުލް ގެ ގްލޯބަލް އެވަރެޖް 72 އިންސައްތައިގައި ހުރި އިރު ވިލާ ކޮލެޖުގެ ފާސްވި ނިސްބަތަކީ 93 އިންސައްތަ ކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް / އަމީން ހުސައިން ފަހުމީ

ވިލާ ކޮލެޖުން ވަނީ އޭ.ސީ.ސީ.އޭގެ އެންމެ ފަހު ލެވެލް ކަމަށްވާ ސްޓްރެޓީޖިކް ޕްރޮފެޝަނަލް ލެވެލް ގެ ސްޓްރެޓެޖިކް ބިޒްނަސް ލީޑަރ ޕޭޕާރއިން 100 އިންސައްތަ ފާސް ރޭޓް ޙާސިލުކޮށްފައެވެ.

" 3 ލެވެލް އެއް އަޅުގަނޑުމެން މި ހިންގަނީ، ނޮލެޖް ލެވެލް އާ ސްކިލް ލެވެލް އާ ޕްރޮފެޝަނަލް ލެވެލް، މި ތިން ލެވެލް ގެ އެގްޒާމް ތަކުގައި ބައިވެރިވި ކުދިން ހާއްސަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ގްލޯބަލް ރޭޓް އަޅުގަނޑުމެން މިކިޔާ ޕާސް ރޭޓަށްވުރން ރަނގަޅަށް އަޅުގަނޑުމެންގެ ކުދިން ޕަރފޯމް ކޮށްފައިވާތީ އަޅުގަނޑުމެން އެކަން ހާމަކޮށްލަން ބޭނުންވެގެން އެވާހަކަ ދަންނަވާލިން،" ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވެފައި ވެއެވެ.

ވިލާކޮލެޖްގެ ރެކްޓަރ އަހްމަދު އަންވަރު ވިދާޅުވީ އެ ކޮލެޖްގެ 4 ދަރިވަރަކު ޑިސެމްބަރ އެޖްޒޭމްގެ އޭ.ސީ.ސީ.އޭ ނެޝަނަލް ޕްރައިޒް ހާޞިލުކޮށްފައިވާ ކަމަށެވެ. އޭ.ސީ.ސީ.އޭ އެގްޒޭމްތަކަކީ ދުނިޔޭގެ އެތައް ޤައުމެއްގެ ދަރިވަރުން ހަދަމުން އަންނަ އެގްޒޭމެކެވެ.

ވަގުުތު އިމޭޖްސް / އަމީން ހުސައިން ފަހުމީ

ވިލާ ކޮލެޖަކީ މިހާރުވެސް އޭ.ސީ.ސީ.އޭގެ ގޯލްޑް ސްޓޭޓަސް ލާނިންގް ޕްރޮވައިޑަރ ލިބިފައިވާ ކޮލެޖެކެވެ. އެ ކޮލެޖުން މިހާރު އަމާޒު ހިފައިފައި ވަނީ އޭ.ސީ.ސީ.އޭގެ ޕްލެޓިނަމް ސްޓޭޓަސް ހޯދުމަށެވެ.

ވިލާ ކޮލެޖުން ހިންގާ އޭ.ސީ.ސީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ މާއްދާތަކުގައި ކިޔަވައިދެއްވާނީ ރާއްޖޭން ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންނެވެ.

ވިލާ ކޮލެޖުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ރެކްޓަރ ވިދާޅުވެފައި ވަނީ އެ ކޮލެޖުން ހިންގާ އޭ.ސީ.ސީ.އޭގެ ޖެނުއަރީ އިންޓޭކްގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 31 ޖެނުއަރީ 2019 ކަމުގައެވެ.