މިއަހަރު އޯލެވެލް ހެދި ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ވިލާ ކޮލެޖުން ފަށައިފިއެވެ.

މިޕްރޮގްރާމަކީ އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ކުރިއަށްދާނެ ރޮނގެއް އިޚްތިޔާރު ކުރުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ވިލާ ކޮލެޖުގެ ފަރާތުން ހިންގާ ކޯހެކެވެ.

ވިލާ ކޮލެޖުން ބުނީ މިޕްރޮގްރާމް ކުރިއަށް ދާނީ އިއްޔެ އިން ފެށިގެން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށާއި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ މި ދާއިރާގައި ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް 14:00 ން 17:00 އަށް ކަމަށް ވެސް ވިލާ ކޮލެޖުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

"ކޮންމެ ދުވަހަކުވެސް 2:00 އިން ހަވީރު 5:00 އަށް ކުރިއަށްދާ މި ޕްރޮގްރާމުގައި އެ ކުއްޖަކު އައުމުން އެ ކުއްޖަކަށް އެންމެ އެކަށީގެންވާ ކެރިއަރއެއް ޚިޔާރު ކުރުމުގައި ޢިލްމީ ނަޒަރަކުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ." ވިލާ ކޮލެޖުގެ ބަޔާނުގައި ވެއެވެ.

ވިލާ ކޮލެޖުން މި ފެށި ޕްރޮގްރާމާއި އެކު އޮލެވެލް ނިންމި ދަރިވަރުންނަށް ފުރުސަތު ދިނުމަށްޓަކައި ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކްގެ ފައުންޑޭޝަން ލެވެލް އާއި ސެޓްފިކެޓް ލެވެލް އަދި ޕްރޮފެޝަނަލް ޕްރޮގްރާމްތަކުގައި ބައިވެރި ވުމުގެ މުއްދަތު ވަނީ 31 ޖެނުއަރީ 2019ގެ ނިޔަލަށް އިތުރު ކުރެވިފައެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން ވިލާ ކޮލެޖްގެ މިޒްނާ އަލީ ދީދީ ވިދާޅުވީ ޑިގްރީ ކޯސްތައް ފެށިފައިވީ ކަމުގައި ވީ ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭލެވެލް ނިންމި ކުދިންނަށް ވެސް ޕެންޑިންގް ނަތީޖާ އާ އެކު ޑިގްރީ ކޯސް ތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް އޭލެވެލް ނަތީޖާ ލިބުމުން އެކުދިން ނަތީޖާ ހުށައަޅަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.