ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށް ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު ލަތީފު މިހެން ވިދާޅުވެފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައި ވަނިކޮށެވެ. މީގެ ކުރިން ލަތީފް ވަނީ ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭނެ ގޮތަށް ހެދުމަށް އިސްލާހެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ.

އެ އިސްލާހާ ގުޅިގެން އެމްޑީޕީން ޖޭޕީއަށް އިނގިލި ދިއްކުރި ނަމަވެސް، އެޕާޓީން ބުނީ އެއީ ޕާޓީގެ ނިންމުމެއް ނޫން ކަމަށެވެ.

ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވުމުން އެއްވެސް ބޭފުޅަކު ކަންބޮޑުވާން ނުޖެހޭ ކަމަށާއި ސިޔާސީ ޕާޓީގެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން އިންތިހާބުތަކުގައި ވާދަކުރެވޭނެ ކަމަށެވެ. އަދި އެ އިސްލާހު ފާސްކުރުމަށް ހުރިހާ މެމްބަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން އާންމު އިންތިހާބުތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީއެއްގެ ތެރޭގައި ބާއްވާ ޕްރައިމަރީތަކުގައި ވާދަކުރުމަށް ފަހު ނާކާމިޔާބުވާ މީހުން އެ އިންތިޚާބެއްގައި އެއްވެސް ގޮތަކުން ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު 2016 ވަނަ އަހަރުތެރޭ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު