އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެކްސެލެންސީ މިސިޒް ޖޫލިއާނާ މަންނޭލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، އިޓަލީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޚަބާ ވިދާޅުވިއެވެ. އަދި ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސް ވަނީ ތަޙުނިޔާވެސް ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިޓަލީއާ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީގެ ފަތުރުވެރިންގެ މެދުގައި ޒަމާނުއްސުރެ ރާއްޖެއަކީ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި މި ފަހަކަށް އައިސް ގިނަ އަދަދެއްގެ ދިވެހިން އިޓަލީއަށް ޒިޔާރަތްކުރަމުންދާކަމަށާއި، އެއީ އިޓަލީގައި އޮންނަ މުއްސަނދި މަރުޙަބާ ކިޔުމުގެ ސަޤާފަތުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިޓަލީ ސަފީރާ ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ވަރުގަދަކުރެއްވުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެބޭފުޅުން ވަނީ ފަތުރުވެރިކަން ކުރިއަރުވައި، ތިމާވެށި ރައްކާތެރިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައި ވެއެވެ. އަދި ދެބޭފުޅުން ވަނީ ރާއްޖެ ސަރުކާރާއި، ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ އާ ދެމެދުގައިވާ އެއްބަސްވުން އާކޮށްފައިވުމުން އުފާ ފާޅުކުރައްވައި، ކަނޑު ފަޅުގެ ހޯދުންތަކުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމާލައްވަމުން އިޓަލީ ސަފީރު ވިދާޅުވީ އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމު ފުރުއްވުމަކީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާލިމް

    އިބޫ އެބައުޅޭދޯ؟