ކ. މާފުއްޓަށް ކަރަންޓް ދިނުމުގައި ބޭނުން ކުރަމުންދާ ޑިސްޓްރީބިއުޝަން ފޮއްޓެއްގައި ރޯވެ އެރަށު ބައެއް ސަރަހަައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

އެރަށަށް ކަރަންޓް ދެމުން ގެންދަނީ ސްޓެލްކޯއިންނެވެ.

އެރަށުގެ ކައުންސިލް ރައީސް އުސްމާން ރަޝީދު "ވަގުތު"އަށް ވިދާޅުވީ، ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެ އެރަށުގެ ވަކި ސަރަހައްދަކުން ކަރަންޓްގޮސްފައިވާކަމަށެވެ. އެގޮތުން ކަރަންޓް ކެނޑިފައި ވަނީ ރަށުގެ ތިންބައިކޮށްފައި އެއްބައިންކަމަށް އުސްމާން ވިދާޅުވިއެވެ.

"މީގެ ގާތްގަނޑަކަށް 30 މިނިޓް ކުރިން އެ ހާދިސާ ހިނގީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިއޮތްގޮތުން އަދި ހަތްކަ ގަޑިއިރު ވެދާނެ އެ ސަރަހައްދަށް ކަރަންޓް ދޭން". އުސްމާން ވިދާޅުވިއެވެ.

އެރަށުގެ ކަރަންޓް ގޮސްގެން އުޅެނީ ގެސްޓްހައުސްތައްވެސް ހުންނަ ދިމާލުންނެވެ. އެ ރަށުގެ ބައެއް ގެސްޓްހައުސްތަކުގައި ކަރަންޓެއްވެސް ނެތެވެ. އަދި ކަރަންޓް ދިޔަ އެ ސަރަހައްދަކީ ގިނަ އަދަދެއްގެ އާއްމުން އުޅޭ ސަރަހައްދެކެވެ.

މިކަމުގައި އަދި ސްޓެލްކޯގެ ބަހެއް ނުލިބެއެވެ.