އެންމެ ތަފާތު ޙުކުމްތައް ކުރެއްވި ސިވިލް ކޯޓުގެ ފަނޑިޔާރު މުހައްމަދު ހަލީމް މިއަދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ހަލީމް އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ފައިވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހެ އެވެ. ސަބަބަކީ ފަނޑިޔާރުކަމަށް އައްޔަން ކޮށްފައިވާ ގޮތާ މެދު ސުވާލު އުފައްދަމުން ދާތީ އެވެ.

"އައްޔަން ކުރި ގޮތާ މެދު ސުވާލު އުފެދޭ ފަނޑިޔާރުން އެބަތިއްބެވި. ވަކި އަދަދަކަށް ކޯޓާ ދީގެން ފަނޑިޔާރުން އައްޔަން ކުރި ކަމަށް އެބަކިޔާ. ގޭންގްތަކުން ބޭނުންވާ މީހުން ފަނޑިޔާރުކަމަށް އައްޔަން ކުރި ކަމަށް އެބަ ބޭނުން. އެހެންވީމާ މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވައިގެން ނޫނިއްޔާ ޖުޑިޝަލް ރިފޯމްގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ފަނޑިޔާރުން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން އަލުން އައްޔަން ކުރަން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ކޮށްފައިވާ ތަފާތު ޙުކުމްތަކުގެ ތެރޭގައި "ހަވީރު" ނޫހުގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް ކުރި ޙުކުމް ފާހަގަ ކޮށްލެވެއެވެ.

އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވިދާޅުވާ ގޮތައް ބައެއް ޙުކުމްތައް ކުރައްވާފައި ވާނެ ކަމަށް މީގެ ކުރިން އަމިއްލައަށް އިއުތިރާފު ވެސް ވެފައެވެ. އަލީ ހަމީދު ވިދާޅުވެގެން ކުރި ބައެއް ޙުކުމްތަކުގެ ތެރޭގައި ވިލާގެ މައްސަލައެއްގައި އިއްވާފައިވާ ޙުކުމެއް ވެސް ހަލީމް ވަނީ ފާހަގަ ކޮށްފައެވެ.

ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަޙްޤީޤަށް ހަލީމް ދެއްވި ބަޔާނުގައި ވިދާޅުވީ ސިވިލް ކޯޓުގައި މަސައްކަތް ފެއްޓެވި ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭނުންފުޅުވާ ގޮތަށް މައްސަލަތަކުގައި އަމަލު ކުރުމަށް ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ މެދުވެރިކޮށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ބައްލަވައިގެން ހަލީމް ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ރިކޯޑެއް ވެސް ހައްދަވާފައެވެ. 2017 ވަނަ އަހަރުގެ އޮކްޓޯބަރ 28 ވަނަ ދުވަހުގެ ހެނދުނު 08:00 އިން އެރޭ 00:00 އާއި ހަމައަށް 153 މައްސަލައިގެ ޝަރީއަތް އޭނާ ހިންގަވާފައި ވެއެވެ. އެދުވަހު 66 މައްސަލައެއްގެ ޙުކުމް އޭނާ އިއްވެވިއެވެ. އެދުވަހު ހަލީމް ހިންގެވި މައްސަލަތަކަށް ބަލާއިރު އެއްވެސް ޒަރޫރީ ބޭނުމަކަށް ވަގުތު އުނިނުކޮށް ބަލާނަމަ ކޮންމެ މައްސަލައަކަށް ހޭދަކުރީ އެންމެ ހަމިނެޓެވެ.

ހަލީމް މިއަދު އިސްތިއުފާ ދެއްވި އިރު އޭނާ ވަނީ މިހަފްތާގައި މާލީ ބަޔާން އާއްމު ކުރައްވާފައެވެ. މާލީ ބަޔާނުގައި ވާގޮތުން އޭނާއަށް މުސާރައާއި އެލަވަންސްތަކާ އެކު މިދިޔަ އަހަރު އޭނާއަށް 571800 ރުފިޔާ ލިބިވަޑައިގެންނެވިއެވެ. އަދި ދިރިއުޅުއްވަމުން ގެންދަވާ ގޭގެ ކުއްޔަށް 400000 ރުފިޔާ ވަނީ ހޭދަކުރައްވައިފައެވެ.

ހަލީމްގެ މިލްކިއްޔާތުގައި ހުރި މުދަލަށް ބަލާލާއިރު އޭނާގެ އަތުގައި 78000 ރުފިޔާގެ ސައިކަލަކާއި 390000 ރުފިޔާގެ ލޯންޗެއް އޮވެއެވެ. އަދި އެމްޓީސީސީގެ 10 ހިއްސާއާއި ދިރާގުގެ 100 ހިއްސާގެ އިތުރުން އުރީދޫގެ 300 ހިއްސާ ހަލީމްގެ ނަންމަތީގައި އޮވެއެވެ.

ދަރަނީގެ ގޮތުގައި އިސްލާމިކް ބޭންކުން ނަގައިފައިވާ 98065.76 ރުފިޔާއާއި އަދި ބޭންކް އޮފް މޯލްޑިވްސް އިން ނަންގަވައިފައިވާ 92972.17 ގެ ދަރަންޏެއްވެސް ހަލީމްގެ ނަން މަތީގައި އޮވެއެވެ.

ހަލީމް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ޖޭޕީގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިހްސާނާ

    ވަރައް ރަނގަޅު

  2. ހުސޭނުބޭ

    ހަލީމް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ޖޭޕީގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވިއެވެ.

    މިވަރުން ފުދޭ! ކަލޭގެ އިސްތިޢުފާދިނޭ ކިޔާފައި ކުރި ޙުކުމްތައް ދެން ހުދު ކާފޫރަށް ވާނޭކަމަށް ހީކުރަނީތަ؟

  3. Anonymous

    ސާބަސް ތިޔަކުރާ ހިއްވަރަށް އިސްފަނޑީޔާރަކު އަންގަވައި ފިއްޔާ މިކަލޭގެ ސަޖިދަވެސް ޖަހާފާނެ މިވަރުގެ މީހުން ފަނޑިޔާރު ގޭގާ ބައިތިއްބަން ހެޔޮނުވާނެ....

  4. މިމީ

    އަމިއްލައައް އިއުތިރާފް ވުމުންވެސް އަދަބެއް ދޭކައް ނުޖެހޭތޯ؟ ބޭއިންސާފުން ހުކުމް ތަކެއްކޮއް އެތައްބައެއްގެ ދިރިއުޅުން ނުހައްގުން ހަލާކުކޮއްލި މީހަކު އޮންނަން ވާނީ އުމުރައް ޖަލުގައި އަދި ހައްގު ތައް ގެއްލުވާލި މީހުނައް ބަދަލު ދޭންޖެހޭ.. މިއޮއް ގައުމެއްދޯ

  5. މަރްޔަމް

    ވަރަށް ރަނގަޅު ނިންމުމެއް، މުޅި ސިވިލްކޯޓްގެ އެއްބައިވަންތަކަން ގެައްލުވާލި މީހެއްތީ... ވަކިސެކްސަނަކަށް އަންނަކުދިންނަށް ފަހުގެ އައިފޯނާ މާބޮޑިބަހާ.. މުސާރަޔާނުބައްދަލު ހަރަދުކޮއް.. ދެން ޖޭޕީ އަށް ސޮއިކޮައްލާ....

  6. ސ

    ނަސީބެއް! މި މީހާ އާ ހެދި އަހަރުމެންގެ ގޯތި ސަލާމަތްވީ ހަމަ ކިރިޔާ.

  7. މަރްޔަމް

    ބުނީމެންނު ޖޭޕީން މަޖްލިސް ޓިކެޓްލިބޭ ވާހަކަ؟

  8. ބޭގަނޑު

    ވާނެކަމެއް ނޯންނާނެ. މީހުން ބަދަލުކުރެވޭނީ. ހެއްކާއި ޤަރީނާގެ ބަދަލުގައި ހުކުމް ކުރަނީ ރިޝްވަތަށް. އިހަށް ޖަލުތަކުގައި ތިބި ނުހައްގުން އަނިޔާ ލިބޭ މީހުންގެ މައްސަލަ ތަހްޤީޤްކޮށް އެމީހުންގެ އަނބިދަރިން ގާތަށް މިނިވަންކޮށް ފޮނުވާދީ. ދެން ހަމަ އެއްޖަރީމާއެއްގައި ޙުކުމް ކޮށް އެކަމަކު ދެ އަދަބެއް ތަހައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުން ސަލާމަތް ކުރައްވާ.