" ކޮރަޕްޝަނާއި ޙިޔާނާތް ހުއްޓުވުމުގައި އަހަރެންގެ ވަޢުދު " މި ނަމުގައި، އިޤުރާރެއްގައި ސްޓެލްކޯގެ 1000 މުވައްޒަފުން މިއަދު ސޮއި ކޮށްފިއެވެ.

ޢިޤުރާރުގައި ސޮއި ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ޚާއްޞަ ކުރެވިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރ އަޙުމަދު ޞަމީރެވެ. މީގެ ކުރިން ޞަމީރު ވަނީ 20 އަހަރަށްވުރެ ގިނަ މުއްދަތެއްގައި ސްޓެލްކޯއަށް ޚިދުމަތްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞަމީރު ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ މަސައްކަތަކީ ކޮރަޕްޝަނާއި ނާޖައިޒް ފައިދާ ނެގުން ހުއްޓުވުންކަމަށާއި އެކަމުގެ ފެށުމެއްގެ ގޮތުން ސީޔާސީ ހުރިހާ ފަރާތްތަކެއްގެ މާލީ ބާޔާންތައް މިހާރު ޢާއްމުކުރަމުންދާކަމަށެވެ. އަދި ސްޓެލްކޯއަކީ އެންމެ ރަނގަޅު މުވައްޒަފުން ތިބި ކުންފުނި ކަމަށާއި، މި މަސައްކަތުން ނަމޫނާ ލިިބިގަނެގެން އެހެން ހުރިހާ ކުންފުނި ތަކަކުންވެސް މަސައްކަތް ކުރަންވެއްޖެ ކަމަށް ޞަމީރު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ނަމެއްގަ ކުރާ މަސައްކަތެއްނޫން. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން މި މަސައްކަތް ފެށިގެން މި ދަނީ. އިރާދަކުރެވިއްޔާ މި ފަސް އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ކޮންމެ އިދާރާއަކީ ކޮރަޕްޝަނާއި ނާޖައިޒް ފައިދާ ނެގުމުން ސަލާމަތްވެފައިވާ ތަންތަނަށް ހަދާނަން" ޞަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ސަމީރު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިނިސްޓަރ ސަމީރު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސްޓެލްކޯގެ މުވައްޒަފުން މިއަދު ސޮއި ކުރި އިޤުރާރުގައި ޖުމްލަ 8 ކަމެއް ހިމެނެއެވެ. އެގޭތެރޭގައި، ކުންފުނިން ދޭ ޚިދުމަތާއި މަސައްކަތްތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ކުރުމަށާއި، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި، ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި ފައިދާ ހޯދުންފަދަ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ކުންފުނިން ދޭ ޚިދުމަތްތަކާއި ގުޅޭގޮތުން އެހީތެރިކަން ހޯދާ ފަރާތްތަކަށް މަގުދައްކައިދީ، ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، މަޤާމުގެ ފައިދާ އެއްވެސް ޙާލަތެއްގައި ނަހަމަ ގޮތުގައި ބޭނުން ނުކުރުން ހިމެނެއެވެ. އަދި މަޞްލަޙަތު ފުށުއަރާ ޙާލަތުގައި އެކަން ހާމަކޮށް ތެދުވެރިކަމާއި އެކު ދެފުށް ފެންނަ ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް މި އިޤުރާތުގައި ބަޔާންކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވެސް ވާހަކަފުޅު ދެއްކެވިއެވެ. ކޮރަޕްޝަނަށް ސްޓެލްކޯއިން ދޭނީ ޒީރޯ ޓޮލަރެންސް ކަމަށާއި ކޮރަޕްޝަނާއި ޚިޔާނާތުގެ އެއްވެސް ކަމެއް އެއްވެސް މުވައްޒަފެއްގެ ފަރާތުން ފާހަގަކުރެވުނަސް އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

"މި ކުންފުނީގެ އެއްވެސް މުވައްޒަފެއް ކޮރަޕްޝަނެއްގަ ބައިވެރިއެއް ނުވާނެ. ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވައުދެއް އެއީ ކޮރަޕްޝަން ހުއްޓުވުމަކީ. އެކަން ޔަޤީންކުރާ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ ވެގެންދާނެ" މުޣުނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައްޔަ

  ތިޔަކަހަލަ ވަރަށްގިނަ އިގުރާރުގަ ސޮއިކުރާނެ ކަން ދުއްވާލާނީ މެކުހުގަ މަޖުލީ
  ީހު މެންބަރުން ހުވަަކުރި މިނސިްޓަރުން ހުވާކުރި އެކަމަކު އެހުވަޔާ އެއްގޮތަށް ދިޔައީ ކިތައްކަންތައްބާ؟؟؟

 2. ލަބީބު

  ޑްރަގު ހުއްޓުވުމަށް 93000 މީހުން ސޮއިކޮށްފައިއޮންނާނެ! އެބަ ހުއްޓޭތަ؟ ބޮޑުން ހުރިހާކަމެއްކުރާނީ! ޚިޔަނަތްވިޔަސް ، ކޮރޮޕްސަންވިޔަސް ހެޔޮ!!

 3. މަމީމަ

  މި ސޮއި ކުރުން ވަނީ ހެއްވާ މަޖާ ކަމަކަށް. ަހަރުމެން ހައްދަވާ ގެންގުޅުއްވަނީ ﷲ އެވެ. އަދި އަހަރުމެންމީ އެކަލާންގެ ހެއްދެވި އަޅުންނެވެ. އެކަމަކު ކަލާންގެ ގަންދީ ހުވާ ކޮށް ގެން ތިބި މީހުން ވެސް ޖެހިލުމެއް ނުވެއެވެ. ތީ ހަމަ ގޮތްެ ދެއްކުން ފިޔަވާ އެހެންއެއްވެސް ކަމަމެއް ނޫނެވެ.