ފެބްރުއަރީ 4 ވަނަ ދުވަހު ލަންކާގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ އެ ގަޢުމުގެ މިނިވަންދުވަހުގެ ހަރަކާތްތައް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޝަރަފުވެރިކޮށްދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ގުޅޭ ތަފްޞީލް ރައީސް އޮފީހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް ލަންކާގެ މީޑިއާތަކުން ވަނީ ލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރި ކޮށްދެއްވާނީ ރައީސް ޞާލިހް ކަމަށް ބުނެފިއެވެ. މި ދަތުރުފުޅަކީ ރައީސް ޞާލިޙު، މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޞާލިޙުގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސް، ސިރިސޭނާގެ ދަޢުވަތަކަށް އަންމަ މަހު 3 ން 5 ށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި ލަންކާގެ ގުޅުން ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުން އަންނަނީ އެ ގަޢުމާއި ދޭތެރޭ ވަރަށް ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ކުރީގެ ރައީސް އަދި އެމް.ޑީ.ޕީ ގެ ރައީސް މުޙައްމަދު ނަޝީދު،، ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހު ރާއްޖެ ވަޑައިގަތީވެސް ލަންކާގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހުގައެވެ.