ހޮޓާތަކާއި، ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅާ އެކަން އިއުލާނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް މާލެ އަދި ވިލިނގިލީގައި އެދެވޭނެ ސަރަހައްދުތައް ކަނޑައަޅާފައިވާކަމަށެވެ.

 • ބޮޑުތަކުރުފާނު މަގު
 • ކަނބާއައިސާރަނި ހިނގުން
 • ފަރީދީ މަގު
 • ސޯސަން މަގު
 • މެދުޒިޔާރަތް މަގު
 • ޖަނަވަރީ މަގު
 • މަޖީދީ މަގު
 • ބުރުޒުމަގު
 • އޯކިޑު މަގު
 • އަމީނީ މަގު
 • ލޮނުޒިޔާރަތް މަގު
 • ވިލިނގިލި ފެރީ ޓާމިނަލް
 • ޗާންދަނީ މަގު

އެހެންކަމުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން، މިސަރަޙައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީން، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިމިނިސްޓްރީގެ ސަރވިސް ސެންޓަރަށެވެ. 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް އިން ލިބޭނެއެވެ.

މިނިސްޓްރީން ބުނީ، އެ ހުއްދަ ދޭ އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަަމަށެވެ. އަދި އެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުކަމަށްވެސް ބުނެފައި ވެއެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ސަޒަން

  ހުޅުމާލެ ނުހިމެނެނީތަ؟