"މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން" މި ނަމުގައި ކެބިނެޓުގެ ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މައުލޫމާތުގެ ސެޝަން ކުރިއަށްގެންދިޔައީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުންނެވެ. މި ސެޝަންގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝިރާނީ ނަޢީމް އަދި އެސިސްޓަންޓް ޑިރެކްޓަރ އިބްރާހީމް މުޙައްމަދުއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ސެޝަންގައި މިންތީގެ ހަމަހަމަކަންކަމާ ގުޅުން ހުރި މަފްހޫމުތަކާއި، އެކަމާ ގުޅުން ހުރި ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ އިތުރުން، މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލާފައިވާނެކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަދުގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބް ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އަންނަނީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެކި ފަރާތްތަކަށް ހިންގަމުންނެވެ. އެ ގޮތުން، ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ވެސް މި ފަދަ ޕްރޮގްރާމްތައް ހިންގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު