ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ހުރިހާތަނެއް އެއް ވިގުއަކުން ގުޅާލުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އިން ގުޅިގެން މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ މިއަދު ސްޓެލްކޯގައި އެކަމަށް ޚާއްްޞަކޮށްގެން ބޭއްވި ޖަލްސާގައެވެ.

މި ފަހުމުނާމާގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޢަބްދުﷲ އަމީން އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީ އިން ސޮއިކޮށްފައިވަނީ މިނިސްޓަރު އަލްފާޞިލް މަލީހް ޖަމާލު އެވެ.

މި މަސައްކަތަކީ ސަރުކާރުގެ 100 ދުވަސްތެރޭ ކުރުމަށް ވެފައިވާ ވަޢުދުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެފައިވެއެވެ. އަދި މި ގޮތަށް ހުރިހާ ތަނެއް އެއް ވިގުއަކުން ގުޅާލެވުމުގެ ސަބަބުން ޚިދުމަތް އަވަސްވެ ޑޮކްޓަރަށް ދެއްކުމަށްޓަކައި ފަސޭހަކަމާއެކު އެ މަޢުލޫމާތުތައްލިބި އަދި ބޭސް ހޯދުމުގައި ދިމާވާ މައްސަލަތަކަސް ހައްލު ލިބިގެން ދާނެކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި ހަމައެހެންމެ މިއަދު މި ފަށާ މަސައްކަތީ ސިއްޚީ ޚިދުމަތަށް އާ ހަރުފަތަކަށް އެރިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެފައިވަނީ މި މަސައްކަތަކީ ފަސޭހަކަމާއި އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ވަސީލަތެއް ކަމަށާއި މިކަމުގެ ސަބަބުން ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި ކޮންމެ މީހެއްގެވެސް ޒާތީ މަޢުލޫމާތުގެ ސެކިއުރިޓީ އަދި ވަކިން ޙަާއްސަކޮށް ސިއްޙީ މަޢުލޫމާތަށް ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިފަދަ މަޢުލޫމާތު ތަކަށް އެހެން މީހުންނަށް އެސެސް ނުވެވޭގޮތް ހެދުމަކީ ޢަޒުމެއް ކަމަށް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެފައި ވެއެވެ.