އެއީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ލޯބި ޖިއާން އާއިއެކު އޭނާގެ މަންމަ ފަރުޒާނާ ނިކުތީ ބޭރަށެވެ. މަޖީދީ މަގުގެ ޕޭމަންޓުން، ހިނިތުންވުމާއި، ހިތްހަމަޖެހުމާއި އެކު ހީ ސަމާސާކުރަމުން އެ ކުޑަ ކުޑަ ޖިއާން ހިނގާފައި އެ ދަނީއެވެ. މަޖީދީ މަގުގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ހަދަމުން ދިޔަ އިމާރާތަކާއި އަރާ ހަމަވި ވަގުތު ޖިއާން ހުރީ މަންމަ އަށް ވުރެ ކުޑަ ތަންކޮޅެއް ކުރީގައެވެ. ކުއްލިއަކަށް މަތިން ވެއްޓުނު ސިމެންތި ކޮތަޅެއް ވެއްޓުނީ ޖިއާންގެ ބޮލަށެވެ. މުޅި ސަރަހައްދު ނުސާފުވެ، ފަރުޒާނާއަށް އޭނާގެ ދަރިފުޅު ގެއްލުނީއެވެ. އިރުތަކެއް ފަހުން ތަން ސާފުވެ ދަރިފުޅު ކޮބާތޯ ބަލާލިއިރު އެއްވެސް ހަރަކާތެއް ނެތިފަ، ސިމެންތިން ތަތްތެޅިފައި އެ ލޯބި ދަރިފުޅު ވެއްޓިފައި އޮތް މަންޒަރުފެނުމުން ފަރުޒާނާ އަށް ލިބުނީ ބުނެދޭންވެސް ނޭނގޭކަހަލަ ކުއްލި ޝޮކެކެވެ. ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދަރިފުޅު ގެންގޮސް ފަރުވާދޭން ފެށިއެވެ.

ޖިއާން އަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ބޮޑު ދެ އޮޕަރޭޝަނެއް ކުރެވިއްޖެއެވެ. ފަރުޒާނާގެ ލޮލުގެ ކޮއި ފަދަ ޖިއާން ގައިގަ ބައްދާލައި ލޯބިން ބޮސް ދިނުމަށް ފަރުޒާނާ ހުރީ ކެތް މަދުވެފައެވެ. ދެ އޮޕަރޭޝަން ކުރުމަށްފަހު ޖިއާންގެ ހާލަތު ރަނގަޅުކަމަށް ނުފެންނާތީ ކުއްލިގޮތަކަށް އައިސީޔޫ އަށް ބަދަލުކުރިއެވެ. ގިނަ އިރުތަކެއް ނުވެ އެ ލޯބި ލޯބި މަޢުޞޫމު ދަރިފުޅު މި ދުނިޔެއާއި އަލްވަދާޢުކީއެވެ. މި ފަނާކުރަނިވި ދުނިޔެއާއި އަބަދުގެ އަބަދަށް ވަކިވީއެވެ.

ރަވްޝަން ޖިއާން
ރަވްޝަން ޖިއާން

މަޔަކު ދަރިއަކު ދެކެ ލޯބިވާނެ ވަރު އިޙްސާޞް ކުރެވޭނީ މަޔަކަށެވެ. ފަރުޒާނާގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އެ ލޯބި ދަރިފުޅުގެ ހަނދާންތަކާއި ދުރައްދާނީ ކިހިނެއް ހެއްޔެވެ؟ އެ ލޯބި ދަރިފުޅު މަންމަ ކައިރި އަބަދުމެ ހުރުމަށް ނޭދޭނެ ހެއްޔެވެ؟ އެ ފުރާނައަށް އިންސާފު ނުލިބެނިސް ހިތަށް ތަޞައްލީއެއް ލިބޭނެހެއްޔެވެ؟ އެ ކުށެއްނެތް ދަރިފުޅުގެ އުންމީދުތަކާއި ހަނދާންތައް ފިލާނެހެއްޔެވެ؟ މިއީ ހައްތަހާވެސް އެ މަންމަ ހިތާހިތާ ކުރާނެ ސުވާލުތަކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ 17 ވީ ހޯމަ ދުވަހު މި ދުނިޔެއާއި ޖިއާން ވަކިވިފަހުން މިއަދަށް 34 ދުވަސް ފާއިތު ވީއެވެ. ޢުމުރުން އެންމެ 8 އަހަރުގައި މި ދުނިޔެއާއި ދަރިފުޅު ވަކިވެގެން އެ ދިއައީ ބައެއްގެ ކޮން ފަދަ އިޙުމާލަކުންހެއްޔެވެ؟ ދަރިފުޅު ނިޔާވުމަށްފަހު ކުޑަ ދުވަސްކޮޅަކަށް ފަރުޒާނާގެ ޤައުމަށް، ބަންގްލަދޭޝަށް އޭނާ ދިޔައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ފަރުޒާނާގެ ފިރިމީހާ، މުޙައްމަދު ކަމާލުއްދީން ޖާވިދު އާއި އެކު މިހާރު ފަރުޒާނާ ހުރީ މި ޤައުމަށް އައިހެވެ. ބޭނުމަކީ ދަރިފުޅަށް އިންސާފު ހޯދުމަށް މަސައްކަތް ކުރުމެވެ.

މި މައްސަލައާއި ގުޅެގޮތުން ފުރަތަމަ ފަހަރަށް ޖިއާންގެ އާއިލާއިން މިއަދު ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ. ފަރުޒާނާ އަކީ މީގެ ދެ އަހަރު ކުރިން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެކެވެ. މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ޖިއާންގެ މަންމަ، ފަރުޒާނާ ބުނީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އޯގާތެރިކަމާއި އެހީތެރިކަން ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށާއި ޚާއްސަކޮށްރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށާއި، ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމަށާއި، ނައިބު ރައީސް ފައިސަލް ނަޞީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. މީގެ އިތުރުން، މާލޭ ސިޓީ މޭޔަރ ޝިފާ އަށާއި ހެލްތު މިނިސްޓަރ އަމީން ގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި އައި.ޖީ.އެމް ހޮސްޕިޓަލްގެ ހުރިހާ ސްޓާފުން ހިމެނޭގޮތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށެވެ.

ޖިއާންގެ މަންމަ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޖިއާންގެ މަންމަ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ބޮޑު އިޙުމާލު ހިމެނޭ މައްސަލަ، މޯލްޑިވްސް ސާރވިސަސްގެ ފަރާތުން އަންނަނީ ތަޙުޤީގު ކުރަމުންނެވެ. ފަރުޒާނާ އެދެނީ އެ މައްސަލަ ވީ އެންމެ އަވަހަކަށް ނިމި، އޭނާގެ ދަރުފުޅަށް އިންސާފު ލިބުމެވެ.

"އަހަރެންގެ ދަރިފުޅަކީ ވީޑިއޯއިން އެ ފެންނަ ކުއްޖާއަށް ވުރެ މާ އުފާވެރި މާ ލޯބި ކުއްޖެއް. އޭނާގެ ސުކޫލު ދެކެ އޭނާ ވަރަށް ލޯބިވޭ. އޭނާގެ ޓީޗަރުން އޭނާ ދެކެ ވަރަށް ލޯބިވޭ. ޖިއާން ބޭނުންވީ ޕައިލެޓަކަށް ވާން." ވަރަށް އަސަރާއި އެކު ފަރުޒާނާ ކިޔައިދިނެވެ.

ތަފާތު ނުކުރުމާއި ޒާތީ ދިރިއުޅުން

ޤާނޫނު އަސާސީގެ، "އަސާސީ ހައްޤުތަކާއި މިނިވަން ކަމުގެ ބާބު" ގައި ބަޔާންކޮށްފައިވާ އެއްވެސް ހައްޤެއް އަދި މިނިވަން ކަމެއް ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ބަލައިގެން ނުވާނެއެވެ. މުޖުތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަން ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާޢީ ޙާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ، ތަފާތު ކުރުމެއް ކަމުގައި ނުބެލެވޭނެކަން، ޤާނޫނު އަސާސީގެ 17 ވަނަ މާއްސާއަށް ބެލުމުން އެނގެން އޮވެއެވެ. އަދި ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާއި ކުރާ ޒާތީ މުޢާސަލާު ތަކަކީ، ޙުުރުމަތްތެރިވެގެންވާ ކަންކަމާއި، ތަންތަނެވެ. އަދި ކޮންމެ މީހަކުމެ، އަނެކުންގެ އެ ހައްޤުތަކަށް ހުރުމަތް ތެރިކޮށް ހިތަން ވާނެ ކަމަށްވެސް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން، ޖިއާން އާއިލާގެ ވަކީލް، އިބްރާޙިމް ހާފިޒު ވިދާޅުވީ، މި މައްސަލައިގަ ދެވެން އޮތް ހުރިހާ ހިސާބަށް ދާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ އިންސާފާއި ހަމައަށް ދެވޭނެ ކަމަށެވެ. އަދި ޖިއާންގެ އާއިލާއިން މިވަގުތު ބޭނުންވަނީ މީޑިޔާއަށް އެހާބައިވަރު މަޢުލޫމާތު ނުދީ މައްސަލައައިގެން ކުރިއަށްދާން ކަމަށާއި ނަމަވެސް ދިވެހިންގެ ހިތްތަކުން މި ހާދިސާ ފިލައިގެން ގޮސްފާނެކަމަށް ބަލައި މަޢުލޫމާތު ޙިއްޞާކުރަން ބޭނުންވީ ކަމަށެވެ.

މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ފަރުޒާރާ ރާއްޖޭގައި މަޑުކުރާނެއެވެ. އެހެންކަމުން ފ.އަތޮޅު ހޮސްޕިޓަލްގެ ވަޒީފާއަށް މާދަމާ ފަރުޒާނާ ނިކުންނާނެއެވެ. ފަރުޒާނާގެ ފިރިމީހާ އަކީ ބަނގްލަދޭޝްގައި ފެޝަން ޑިޒައިން މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މިވަގުތު އޭނާވެސް ހުރީ ރާއްޖޭގައެވެ.

"ވަގުތު" އެދެނީ ޖިއާންގެ އާއިލާއަށް ކެތްތެރިކަން ލިބި، ވީ އެންމެ އަވަހަކަށް އެ އާއިލާއަށް އިންސާފުލިބިގެން ދިއުމެވެ. މާތް ﷲ ޖިއާން ގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާދޭވެ! އާމީން!

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަޙްމަދު

  މަޖީދީމަގުގެ ކޮންނަމެއް ކިޔާގެއެއްގަ ހަދާ ޢިމާރާތެއް ކަން އެގޭ ބޭފުޅަކު އެބަހުންނެވިބާ؟

 2. ލިލިއަން

  ސުވަރުގޭގެ ދާއިމީ ނިއުމަތް ތުއްތު ޖިއާން އަށް ދެއްވާށި!! ޢާމީން

 3. ނަން

  އާމީން

 4. ޔާމިން

  އިންސާފްލިބޭނެ އިންޝާﷲ

 5. ޢަބްދުﷲ

  ޔާﷲ އެދެކަނބަލުންނަށް ކެތްތެރިކަން ދެއްވައި އަދިވެސް ލޯބިލޯބި ދަރިން ދެއްވަވާންދޭވެ. އަދި ދިވެހި މުޖުތަމަޢަކީ އިބައިލާހަށް ބިރުވެތިވާ އިބައިލާހުގެ އަޅުތަކުން ދިރިއުޅޭ ޤައުމެއްކަމުގައި ލައްވަވާ ބިރުވެރި ޙާދިސާތަކުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ.

  • ޕާޓޭ ގެ ޑެޑީ

   އާމީން

 6. އަން

  ނަސީބުވެރިއެއް. ފާފައިގެ ވެށިން ތަޣައްޔަރު ވެފައިވާ ކެހިވެރި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ނަސީބްވެރިނަކީ އާހިރަތުގެ ހެޔޮކަން ލިބޭމީހުންނެވެ.