މަދަނީ ޖަމިއްޔާތަކުގެ ފެއަރ މާޗު މަހު ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ ބޭއްވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙްމަދު މަހުލޫފާއި ޖަމްއިއްޔާތަކުގެ ފެއަރގެ ކަންތައްތައް ކުރިއަށް ގެންދަވާ ސްޓިއަރިންގގ ކޮމިޓީން ވިދާޅުވީ މިފެއަރ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ މާރިޗް މަހުގެ 16، 17، 18 މިތިންދުވަހު ދަރުބާރުގޭގައެވެ

ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުވުމުގައި އެމިނިސްޓްރީއިން ވިދާޅުވީ، ޖަމްއިއްޔާތަގެ ފެއަރގެ މައިގަނޑު މަގްޞަދަކީ ޖަމްޢިއްޔާތަކުން ރާވާ ހިންގުމަށް ކަނޑައެޅޭ ޕްރޮގްރާމްތައް ހިންގުމަށް ފަންޑު ހޯދޭނެ ވަސީލަތެއް ގާއިމްކޮށް، ޕްރޮޖެކްޓްތައް ސްޕޮންސަރ ކުރާނެ ފަރާތްތައް ދެނެގަނެ އެހީހޯދުމަށް މަގުފަހިކުރުމާއި، މެންބަރޝިޕް އިތުރުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއިއެކު ގުޅުން ބަދަހިކުރާނެ ނެޓްވާރކިންގެ މާހައުލެއް ގާއިމުކުރުމެވެ.

ފެއަރގެ ފުރަތަމަ ދުވަހު ޚާއްޞަކުރެވިފައިވަނީ ބޮޑެތި ވިޔަފާރި (ކޯޕަރޭޓް) ދާއިރާ ތަމްސީލްކުރާ ފަރާތަކަށް ޚާއްޞަކޮށްގެންނެވެ. އަނެއް ދެދުވަސް ކުރިއަށްދާނީ އާންމުންނަށާއި ސްކޫލް ޔުނިވަރސިޓީ، ކޮލެޖް ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ.

މިފެއަރގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިފެއަރގައި ބައިވެރިވާން އެދޭފޯމް މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ވެބްސައިޓުން ލިބޭނެކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު