ޤާނޫނާއި ހިލާފު އަމުރެއް ސިފައިންގެ މައްޗަށް ނުކުރައްވާނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ޙަވާލުވުމުން، ފާހަގަކުރެވުނީ، ސިފައިންގެ އެތެރޭގެ ކަންތައްތަކަށްވެސް އިޞްލާޙީ ބަދަލުތަކެއް އަންނަންޖެހޭކަން ކަމަށެވެ. ހުރިހާ ގިންތިއެއްގެ ސިފައިންނަކީވެސް، ޒިންމާދާރުކަމާއެކު މަސައްކަތްކުރާ، އަދި ޒިންމާތަކަށް ޖަވާބުދާރީވާ ބަޔަކަށް ހެދުމަށްޓަކައި، ސިފައިންގެ ގަވާއިދުތަކާއި އުޞޫލުތައް، އިޞްލާޙު ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުމުގައި، ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށްވާންޖެހޭނެ. އަޅުގަނޑުމެން މި މަޤާމަށް އައިސް މިތިބީ ޤާނޫނުގެ ވެރިކަން ކުރުމަށް. މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާ އެންގުންތައް. ހަމަގައިމުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޤާނޫނާ ޚިލާފު އަމުރުތަކެއް ނުކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބުނަނީ، ދިވެހި ސިފައިންނަކީ އެއް ފިކުރެއްގެ ވެރިބަޔަކަށް ވާންޖެހޭނެ ކަމަށާއި އެއީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބުމުގެ ފިކުރު ކަމަށެވެ. އަދި އެއީ،ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ފިކުރާއި ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުމުގެ ފިކުރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ހުވާކުރެއްވި ސިފައިންނަކީވެސް، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ ބައެއްކަން ޔަޤީން ކުރައްވާ ކަމަށާއި އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ވަރުގަދަ ޢަޒުމެއްގެ މަތީގައި ސާބިތުވެ ތިއްބެވުމަށް އިސްތިމާސް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤައުމެއްގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ބަހާއަކީ، ކުޅަދާނަ ފަހުލަވާނުން ހިމެނޭ ލަޝްކަރެއް އޮތުން. ސިފައިންގެ އެންމެ މުހިންމު ވާޖިބަކީ ތާއަބަދު ހަނގުރާމަ ކުރުމެއް ނޫން. ހަނގުރާމައިގެ ނަޞްރުން ލިބޭ އުފަލަށްވުރެ، މިނިވަންކަމާއި ޞުލްޙަވެރިކަން ޤާއިމުވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ މީހަކުވެސް، ކޮންމެވެސް ދުވަހަކުން މިޤައުމާއި މިފަސްގަނޑު ދޫކޮށްފައި ދާނެ ކަމަށާއި ވަޠަނުގެ ދަރީންތައްވެސް، ޖީލަކަށްފަހު ޖީލެއް ބަދަލުވަމުންދާނެ ކަމަށެވެ. ނަމަވެސް މިވަޠަން ތާއަބަދަށް ދެމިއޮންނާނެ ކަމަށާއި މިވަޠަނުގެ ބަނޑުން އުފަންވާ ދަރީން އަބަދުވެސް، މި ވަޠަނުގެ ޙައްޤުގައި ޤުރްބާންވަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދު އެ ޒިންމާއާ ޙަވާލުވެ ތިބީ ހިތްވަރުގަދަ ޒުވާން ސިފައިން ކަމަށެވެ.

"ޝަހީދު ޢަލީ ރަސްގެފާނު، އުތީމު މަހާރަދުން، އަދި ހުރާ ދޮން ބަންޑާރައިން ފަދަ ބޭބޭފުޅުންނަކީ، ޤައުމުގެ ޙައްޤުގައި ތެދުވެވަޑައިގެންނެވިއިރު، ތިޔަބޭފުޅުން ފަދަ ނޫކަށިފުރައިގެ ޒުވާނުން. ޝަހީދު ޙުސައިން އާދަމް، މި ޤައުމުގެ ޙައްޤުގައި ޝަހީދުވެވަޑައިގަތީ، ޒުވާން ލޭގެ ހޫނާއި ޖޯޝްގައި. އެ ފުރާނަފުޅުތަކަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވާށި!" ރައީސް ވިދާޅުވިއެވެ.

ހިތްވަރުގަދަ ސިފައިންނަކީ، މިނިވަންކަމާއި ޞުލްޙަވެރިކަމާއެކު ބައިނަލްއަޤްވާމީ މުޖްތަމަޢަށް، މި ރާއްޖެއަށް ނޭވާލެވޭ މައިގަނޑު ސަބަބު ކަމަށާއި ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމުގައިވެސް، ސިފައިންގެ މަސައްކަތަކީ އަގުނުކުރެވޭހާ ގިނަގުނަ މުހިންމު ޚިދުމަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އެއީ އުދައެރުން ކަމަށްވިޔަސް، ސުނާމީ ކަމަށްވިޔަސް، ނުވަތަ އަލިފާނުގެ ހާދިސާއަކަށްވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއްބަޔަކީ ދިވެހި ސިފައިން. އެ ވާޖިބު ވަރަށް ފުރިހަމައަށް އަދާކޮށްދެއްވަމުން ގެންދަވާތީ، ދިވެހި ހުރިހާ ސިފައިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބޮއްބޮ

    ސޯލިހު ކަލެއަށް ކަމިޝަން އުފެއްދުން ނޫންކަމެއް އެބަ ކުރެވޭތަ؟

  2. ހަނދުމަ

    ރައީސްއަކަށް ވުރެ ނައިބު ރައީސްއެއްހެން ހީވަނީ ބޮޑަށް އަމަލުތަކުން. މިހެން މިބުނީ ތަންތަން ހުޅުވުމަށް ރިބަން ކެނޑުމާ ޕްރަޒްގިވިންޑޭގެ އިނާމު ދިނުމާ، މިކަހަލަ ކަންތައް އަދި ކުރައްވަނީ

  3. މުނާ

    ދެން އިބޫ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެވޭނެ! ހައްތާހަދަނީ ދޮގު!

  4. ޢަލީ

    އެއްވެސް އަމުރެއް ކުރެވޭތަ ތިހުންންނީ ފިތިފަ ކަންކަން ބޮއްސުންލައިގެންމިދަނީ، ހޭލަބަލަ

  5. ކަލޯބެ

    ތިބުނި ބަސް ހަނދާބަހައްޓާތި!! ސިފައިންނަށް ގާނޫނާ ޚިލާފްއަމްރެއް ނުކުރާނެކަމާށް ތިބުނީތާ!! ޢަދާއިނހަމައަށް ކެމްޕޭމް ތެރޭގައި ނުކުރާނަމޭ ބުނިހާ ކަންތައްތައް ދަނީ ދިމާ އިދިކޮޅަށް. ތި ބޭފުޅާ އަކީ ގްރޭޑް 9 އާއި ހަމައަށް ކިޔަވައިގެން ހުރި މީހެއް ވީމަ ރަަޅު ޢިލްމީ ވާހަކައެއް ނުދެއްކޭކަން ފާހަގަ ކުރަން. ޢެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ނުދެއްކޭ އަދާއި ހަމައަށް.

  6. ހައްހައްހާ

    ތިގޮތަށް ކިތަށް ދޮގު ހަދައިފިންތަ؟ ޕޮލިސް މިނިވަންކުރާނަމޭ ކިޔާފަ އެކްޓިވިސްޓުން ލައިގެން ޕޮލިސް ހިންގަނީ ކޯޓުތަށް މިނިވަންވަރު ކޯޓުއަމުރު ތަކުން ވަރަށް ސާފް. އަތް ނުބާނާ ތަނެއް އިނިއްޔާ ދައްކަބަލަ

  7. ހަސަން

    އިސްލާންދީނާޚިލާފުއަމުރުކުރަންވެސް

    ބޭނުން އެކަމަކުއެފުރުސަތުއަޅުގަޑުމެނެއް

    ނުދޭނަން

  8. ލަބީބު

    އަވަހަށް ތިކަމަށް ކޮމިޝަންއެއް އުފައްދާ! ޕްރައިމެރީން ބަލިވި ބައިވަރުމީހުން އެބަތިބި!

  9. އަހްމަދު

    މިއޮތް ހުރިހަދުވަހު މަނިކުފާނުގެ އައުވާނުންގޮވަމުންދިޔައީ ސިފައިންނަކީ އެވެނި މިވެނި ބަޔެކޭ. ސިފައިންގެވެސް އުވާލަންވީއޭ. ރާއްޖޭގެ ދިފާއީ ކަންތަށް ބަލަހަށްޓަން ބޭރުގެ ސިފައިން ގެންނަންވީއޭ. މިއަދު ހަމަ ވެރިކަމަށް އެރުނީމާ އެމީހުން ރަނގަޅު. ތިޔަ މަގާމްގައި ނެތްނަމަ އެވަރު ނުބާބައެއްނުތިބޭނެ. މީހާލަކީ. އަދިވެސް ހިތުގެ އަޑި އޮންނާނީ ވަރަށް ނުބައިކޮށްކަން ޔަގީން.

  10. އެލެކްސް

    ދައްކަވާ ވާހަކަ ބަދަލުވާލެއް އަންނި އަށްވުރެ އަވަސް ކަން ވޭތުވެދިޔަ ކުޑަދުވަސްކޮޅު ފާހަގަވޭ. ސިފައިންނާއި ފުލުހުންގެ މަގާމުތަކަށް އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް ކުރި މީހުން ލީ ހިސާބުން ޤާނޫނުތައް މުގުރިއްޖެ ކަމަށް ގަބޫލު ކުރުމުގެ ފުރުސްތު ބޮޑު.

  11. އެލެކްސް

    “ޝަހީދު ޙުސައިން އާދަމް، މި ޤައުމުގެ ޙައްޤުގައި ޝަހީދުވެވަޑައިގަތީ” ނުބައި ބަފާބެގެ ބަޑީގެ ވަޒަންތަކުން ފުރޭންޏަކަށް ހަދާލި ޒުވާނާ ކަމަށް ބުނުން އައުލާކަން ބޮޑު. ސިފައިން މިހާރު ކަމަކު ނުދާކަމަށް ބުނިބުނުން ބަދަލުކުރަން ގޮވާލަން، “ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވުން” ޤާނޫނުގައި ބުނާ ކޮންމެ ވެރިމކަމަކީ ޤާނޫނީ ވެރިކަން ކިޔަމަންތެރި ވާންޖެހެނީ ޤާނޫނީ އަމުރުތަކަށް ޤާނޫނީ ސަރުކާރަކަސް ދިވެހިންގެ ދީނާއި މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަންކަމުގައި އެހީތެރި ނުބެވޭނެ އެވާނީވެސް ޣައިރުޤާނޫނީ ކަނކަމަށް އަމުރުވެސް އަމަލުކުރާފަރާތްވެސް. ސިފައިންގެ މަސްލަހަތު ގެއްލުވާލަން ކަނޑާލާފައިވާ މީހަކު ވެރިއަކަށްލީ ހަމަ އެހރން ފުލުހަށްވެސް ތިޔަހެދީ. ދެކޮޅުވެސް އެތެރޭގެ މަސްލަހަތުވަނީ ގެއްލިފައި

  12. އަލީ

    އިބޫ ކަލޭ ތިހެން ވަރަށް ފޮނިކެނޑި ކެމްޕޭން ދުވަސްވަރުވެސް ވަކި މީހަކު ބުނާގޮތެއް ނުހަދާނަމޭ ކޯލިޝަން ބައިބައިވިޔަކަނުދޭނަމޭ ކިޔައިގެން އެކަމް މިހާރު ކަލޭ ތިއޮތީ އަންނީގެ ފައިތިލާގެ ދަށުގައި ތާާށިވެފަ ވެރިކަންކުރަނީ އަންނީ

  13. ސޯޕް ލައިޓް ބްރަދަރ

    ޤާނޫނާޚިލާފު އަމުރެއްކޮށްފިނަމަ ވަގުތުން ވެރިކަން ވައްޓާލާނެކަން މިހާރުވާނީ ސާބިތުކޮށްދީފައެވެ.

  14. މުހައްމަދު

    ރައީސް ޔާމީން ވެސް ގާނޫނާއި ޚިލާފް އަމުރެއް ފުލުހުންނަށް ކޮށްފައެއްނެތް. އެގޮތަށް ޔާމީން ކަންތައްކުރާކަމަށް ބުނަނީ ޔާމީނާއި އިދިކޮޅުމީހުން.

  15. އޮޅުންއަރާމީހާ

    ބަލަ ތިޔޭ ހަމަހުރިހާ ރައީސުން ތިބިއިރުވެސް ސިފައިން ކުރި ކަމަކީ!! ޤާނޫނީ އަމުރަށް ބޯލެބިއްޔޭ. އެގޮތަށް ބޯލެބީމަ ޖެހޭ ގައުމުގެ ރައްކާތެރިކަމަށްޓަކައި މެންބަރު ފާރުމަތިން ނަގާ އެއްލާލަންވެސް!