ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް، ހުރަވީ ސްކޫލަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ތަރައްގީކުރި އެ ސްކޫލްގައި މިހާރު ދަނީ ކިޔަވާދެމުންނެވެ. އެ ސްކޫލް ހުޅުވާދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މިއަދު ގެޒެޓްގައިކުރި އިއުލާންތަކުގައި އެ ސްކޫލުގެ 13 މަގާމަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފައި ވެއެވެ. ހޯދަން ބޭނުންވާ މުވައްޒަފުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޓީޗަރުން ހިމެނެއެވެ. އޭގެ ތެރޭގައި، ޕްރިމަރީ ގްރޭޑްތަކަށް ކިޔަވާދިނުމަށް ހާއްސަ ޓީޗަރުންވެސް ހިމެނެއެވެ.

ސްކޫލްތަކުގައި ކިޔަވަދޭން ފަށާ ބައެއް ސްކޫލްތަކަށް އަދިވެސް ޓީޗަރުން ހަމަނުވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި އެލްކެޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ 73035 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާނެއެވެ. މިއަހަރު ސްކޫލްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ ޢަދަދަކީ 9800 އެވެ. މީގެތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ކިޔަވާދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްވަ

    ހެހެހެ އެކަމަކު ސްކޫލްތަކައް މީހުން ހަމަ ދޯ