ޕާރލޭ ފޯ ދަ އޯޝަންގެ ސީއީއޯ އަދި އެކުންފުނީގެ ބާނީ މިސްޓަރ ސައިރިލް ގަޓްޗްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސައިރިލް ގަޓްޗް ވަނީ ޕާރލޭ ފޯ ދަ އޯޝަންގެ ތަޢާރަފެއް ރައީސަށް އަރުވައެވެ. އެކުންފުނީގެ މަސައްކަތްތައް ހިއްސާކުރައްވައި އެކުންފުނިން ދުނިޔޭގެ ކަނޑުތަކަށް ހުރި ނުރައްކާތަކަށް ބަލަމުންދާގޮތްވެސް އޭނާ ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ސައިރިލް ގަޓްޗް ވަނީ އޭނާ ދިވެހިރާއްޖެއާ މެދު އުންމީދުކުރައްވާ ގޮތް ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ބައިނަލްއަޤުވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތައްފަދަ ކަންތައްތަކުން ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިވުމަށް ކުދި ޤައުމުތައް ކުރިއެރުވުމަށް ބާރަކަށް ވެވިދާނެފަދަ ޤާބިލުކަންހުރި ޤައުމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި ސައިރިލް ގަޓްޗް ވަނީ އެބޭފުޅުންގެ މައިގަނޑު މަޤްޞަދުކަމުގައިވާ ޕްލާސްޓިކުން ކަނޑުތައް ރައްކާތެރިކުރުމުގެ ސިޔާސަތު ކަމުގައިވާ 'އެއަރ ސްޓްރެޓަޖީ' އާއިބެހޭ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފައެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޕަރލޭ އިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި ކަނޑުތައް ރައްކާތެރިކުރުމަށް އިސްނަންގަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ދެން މާދަން މޫދަށް އެރިލާފަ ޕްލާސްޓިކް ކަތަޅެއް ނެގީމަ 100 ދުހުގެ ކަނޑުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގެ ވައުދު ފުއްދުނީ. ދެން މިކަން ދެމެހެއްޓެނިވި ގޮތެއްގަ ކުރަން ކޮމިޝަނެއް އައްޔަން ކުރީމަ ހުރިހާ ކަމެއް ނިމުނީ.

  2. ކަލޯބެ

    ޜައީސް ސާލިހް ކިހިނެއް ބޭރު މީހުންނާ ވާހަކަ ދައްކަނީ. ބްރޯކަން އިންގްލިޝް ދޯ؟ ތީކީ ވިޝަނެއް ހުރި ރައީސެއް ނޫން!