"ޗެނަލް13" އިން ރޭ ދެއްކި އިރާދަން ޕްރޮގްރާމްގައި ގެނެސްދިން ކ.އަތޮޅު ތައުލީމީ މަރުކަޒުން ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން ދެއްކި ވާހަކަތައް އެ ސްކޫލުން ކުށްވެރިކޮށްފިއެވެ.

އެ ސްކޫލުން ބުނީ، ޗެނަލް13 އިން ފަތުރާފައި ވަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ހަބަރެއް ކަމަށެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށާއި، އެ ސްކޫލުން ހެނދުނު ކުދިންނަށް ދީފައިވާ ނާސްތާއަކީ ތާޒާކަންމަތީ ހުރި ތަކެތި ކަމަށް އެ ސްކޫލުން ބުންޏެވެ.

"ހެނދުނު ނާސްތާ ދީގެން ދަރިވަރުން ބަލިވެގެން ނުވަތަ ސިއްހީ އެއްވެސް މައްސަލައެއް ދިމާވެގެން ބެލެނެވެރިއެއް ނުވަތަ އެހެން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވެއެވެ.". އެ ސްކޫލުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

އެ ސްކޫލުން ބުނީ، އެ ސްކޫލުން ދެވޭ ހެނދުނުގެ ނާސްތާ ކުރިއަށް ގެންދަނީ ޕައިލެޓް ޕްރޮގްރާމްގެ އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދިނުމުގެ ކުރިން ޕްރިންސިޕަލް ހިމެނޭ ގޮތުން ތިން މުއައްޒަފަކު ކާނާގެ ތާޒާކަން ކަށަވަރުކުރާނެ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން އެ މަރުކަޒަށް ހެނދުނު ނާސްތާ ފޯރުކޮށްދޭ ފަރާތާއި ނުބައި ތަސައްވަރެއް ދެވޭ އަދި ހަގީގަތް އޮޅޭ އެއްވެސް ވާހަކައެއް ނުފެތުރުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.

ނޯޓު: މި ހަބަރު ފުރަތަމަ ގެނެސްދިން އިރު، ސުރުހީގައި ކ. މާފުށީ ސްކޫލް ޖެހިފައި ވަނީ އޮޅުމަކުންނެވެ. އޭގެ ރަނގަޅު ގޮތަކީ ކ. އަތޮޅު ތައުލީމީ މަރުކަޒެވެ. އެ ކުށަށް ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތިމާ

    މާފުށީ ސްކޫލް ގައި އަދި ނާސްތާ ދޭކަށް ނުފަށާ

  2. މުފީދު

    ކ.އަތޮޅު ތައުލީމީ މަރުކަޒުން މި މައްސަލަ ދިފާޢުކޮށް ވާހަކަ ދެއްކިއަސް އެހާ ހެދުނާ އެހާގިނަ ކުދިންނަށް ހެދުނުގެ ނާސްތާއެއް ހެދުނުގެ ގަޑީގައި ނުވަތަ ފަތިހުގެ ވަގުތުން ފެށިގެން ނުހެދޭނެ! ކާއެއްޗަކާމެދު ތާޒާއޭ ބުނަނީ އޭގައި ހޫނުކަން ނުވަތަ ކިލަބު ރަހައެއް ނުހުންނަގޮތައް ވަގުތުން ތައްޔާރުކުރާ ތަކެއްޗަށް! މިކަމަކީވެސް އޭގެޒާތުގައި ތާޒާކޮށް ކުރެވޭނެ ކަމެއްނޫން! އެހެންވީމައި މިކަހަލަ ނާސްތާ ނުދޭންވީ ވިސްނައިނުލާވާ ވައުދުތައް!