ކުރިއަށް އޮތް ރައްޔިތުން މަޖިލީސް އިންތިހާބުގައި މާލޭގެ ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝަމް އާދަމް ނިންމަވައިފިއެވެ.

އެކަމަނާ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކާފާފުޅު ހާޖީ އެދުރުގެ ދޮން ސީދީ ހިންގެވި މަގުން ހިންގެވުމަށް މަޖިލީހަށް ނުކުންނަން ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމުގެ އިތުރުން ހެލްތު މިނިސްޓަރުކަންވެސް ކުރެއްވި އިރްތިޝާމް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވީ ދާދިފަހުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާގެ މެމްބަޝިޕް ފޯމާ ހަވާލުވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.

އިރުތިޝާމް ފުރަތަމަ އިސް މަގާމަކުން ފެނުނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ވަހީދަށް ބައިއަތު ހިފާ ވަހީދުގެ ސަރުކާރުގައި ވެސް އިސް މަގާމުތަކެއް އިރުތިޝާމް އަދާކުރެއްވިއެވެ.

އިރުތިޝާމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވިއިރު އޭނާގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމް އިން ވަނީ ޓިކެޓް ދީފައެވެ.

އިރުތިޝާމަކީ ޔާމީންގެ ވެރިކަން ނިމުނު އިރު ވަޒީރު ކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރު ކޯލިޝަން ޕާޓީއަކަށް ސޮއި ކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝެން

    ހޮވުނީމަ ޔާމީން ގަނެލާނެ.

  2. ދާއިރާގެ ދަރިޔެއް

    ނާއްޓަށް ލާރި އަޅާދޭ ކޮއްޅަށް ދުވާ ވިކޭ މީހުންނަކަށް ވޯޓެއް ނެތް.

  3. ހަފްސާ/ މާލެ

    ގާސިމު މީ ލާދީނީ އެއް ނޫން ތޯ.. ރިސްވަތު ބަންޑު. ގައުމުގެ އެންމެ ބޮޑު ލާދީނީ އެއީ ލާދީނީ ކަމުގެ ބޮޑު ލާދީނީ.