މުމްބާއީގައި ބާއްވާ އިންޑިޔާގެ އެންމެ ބޮޑު އެއް ޓްރަވެލް ޓްރޭޑް ފެއަރ ކަމުގައިވާ އޯ.ޓީ.އެމްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.

މި ފެއާގައި ރާއްޖެއިން ބައިވެރިވެފައި ވަނީ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީ.އޭ.އެމް) އިންނެވެ. ޖީއޭއެމްއާއެކު އެފެއާގައި އެމްއެމްއާރުޕީސީންވެސް ވަނީ ބައިވެރިވެފައެވެ.

އޯޓީއެމް ފެއަރ އިންޑިޔާގެ މުމްބާއީގައި ފަށާފައި ވަނީ މިއަދުއެވެ. މި ފެއާ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ފެއަރގައި ރާއްޖޭގެ ޓްއަރިޒަމްއަކީ އެންމެނަށްވެސް އެފޯޑަބަލް ޓްއަރިޒަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރެއެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގޯ.އެއަރ އަދި އިންޑިގޯގެ ދަތުރުތަށް ރާއްޖެއަށް ފެށުމާއެކު އިންޑިޔާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

އެ އެސޯސިއޭޝަނުން ބުނީ، މި ފެއަރގައި ގެސްޓް ހައުސް އެސޯސިއޭޝަންގެ ފަރާތުން ރާއްޖެ ތަމްސީލުކުރުމަށް ބޭނުންކުރާ މޮޓޯ ލޯކަލް އައިލެންޑް ޓްއަރިޒަމް (ރަށްފުށު ފަތުރުވެރިކަން) އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މި ފެއަރގައި ގެސްޓް ހައުސް އެސޯސިއޭޝަންގެ ފަރާތުން ބައިވެރި ވެފައިވަނީ އެ އެސޯސިއޭޝަންގެ ވައިސް ޕްރެސިޑެންޓް އަދި ޔޫ.އައިހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމްގައި ހުންނަވާ މުސާ ނާސިހްއެވެ.

ކިޔުންތެރިންގެ ހިޔާލު