މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ރޭ ސިމެންތި ބަސްތާއެއް ވެއްޓިއްޖެއެވެ.

ރޭގެ ވަގުތެއްގައި ސިމެންތި ބަސްތާއެއް ވެއްޓުނީ ގަލޮޅުގައި ހަދަމުންދާ އިމާރާތެއްގެ މަތިންނެވެ. ސިމެންތި ބަސްތާ ވެއްޓުނު ވަގުތު ސިމެންތި ބަސްތާ ވެއްޓުނު ދިމާލުގައި މީހަކު ނެތުމުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ގުޅުމުން ފުލުހުންގެ އެއްވެސް މީޑިއާ އޮފިޝަލަކު ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ނުލިބުނެވެ. އެހެންކަމުން ސިމެންތި ބަސްތާއެއް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއް ވެސް ސާފެއް ނުވެއެވެ.

ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ވެސް މާލޭގައި މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖަކު ނިޔާވިއެވެ. އެހާދިސާއަށް ފަހު އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބަލަން ސަރުކާރާއި ސިޓީ ކައުންސިލުން ބޮޑު އޮޕަރޭޝަނެއް ފެށި ނަމަވެސް އެއޮޕަރޭޝަންގެ ޚަބަރެއް މިހާރު ނުވެއެވެ.

މިހާރުވެސް މާލޭގައި މަސައްކަތް ކުރަމުން ގެންދާ ގިނަ އިމާރާތްތަކުގެ ހާލަތު ހުރީ ވަރަށް ނުރައްކާތެރި ހާދިސާތަކެއް ހިނގާފާނެ ގޮތަކަށެވެ. އިމާރާތްތައް ކުރުމުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް ފިޔަވަޅެއް އަޅާފައި ހުންނަ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ.

ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖަކު މަރުވި ހާދިސާ އާއި ގުޅިގެން އެހާދިސާ ހިނގި ސައިޓްގައި މަސައްކަތް ކުރި ކުންފުނީގެ މަސައްކަތް ހުއްޓުވި ނަމަވެސް މިހާރު އަލުން ވަނީ އެކުންފުނިން މަސައްކަތް ކުރުމުގެ ހުއްދަ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ކޮބާ ވެއްޓޭ ބަސްތާ ބަލާ ކޮމެޓީ؟ ކޮންކަމެއް ތިވަނީ؟ ހަމައެއްކަމެއް މި ރިޕީޓްވަނީ! ކޮބާހޭ ކުރީސަރުކާރަށް ފާޑުކިޔަން ހޭބޯނާރާ ޓްވީޓްކުރި އެމްޑީޕީކުދިންކޮޅު؟ މިހާރު މަޑުން ތިތިބެނިއްޔޯ؟

 2. ވޮއިސް އޮފް ހުވަދޫ

  ސޯލިހޫ މިކަމަށް ހައްލެއް ގެނެސް ބަލަ

 3. ހަސަނު

  މިދިވެހިރާއްގޭގަ ކޮންމެސަރުކާރެއް އޮތަސް އެއްވެސްކަމެއް ރަގަޅުކުރުން އެއީ ލާހިކު ކުޅަދާނަކަމެއް ނޫން..... ޔާމީން ސަރުކާރުގަ ވައްކަން ކުރަން އުޅުނު މީހުން މިސަރުކާރުގަ ސަރުކާރު ކުންފުނިތަކުގެ ވެރިންނައްވީ.... ވައްކަންކުރުން ކުރިއަރުވާ ތަރައްގީ ކުރެވިދާނެ މިރާއްޖޭގަ....

 4. ޭއާތު

  ކޮމެޓީ އޮތީ ކޮމާގާ!