ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ވަކި އިންތަކެއްގެ ތެރެއިންކަމަށް މީޑިއާ ކައުންސިލްއިން މިއަދު ވިދާޅުވެއްޖެއެވެ.

މީޑިއާ ކައުންސިލް އިން މިއަދު އެހެން ވިދާޅުވެފައި ވަނީ އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ފަހަކަށް އައިސް ރާއްޖޭގެ ބައެއް މީޑިއާތަކުން ޝާއިޢުކުރަމުންގެންދާ ބައެއް ޚަބަރުތަކާއި ރިޕޯޓުތަކާއި މިނޫންވެސް ބައެއް ލިޔުންތަކުގައި އިސްލާމްދީނާއި ދިވެހި މުޖްތަމަޢުގެ ޢާންމު އަޚްލާޤީ މިންގަނޑާ ޚިލާފު ލިޔުންތަކާއި، ފިތުނަ ފަސާދައާއި ނަފުރަތުގެ ޝުޢޫރުތައް އުފެދެން މަގުފަހިވާ ލިޔުންތަކާއި ނޫސްވެރިކަމުގެ ހަމަތަކާ ޚިލާފަށް ނުބައި މަޢުލޫމާތު ފެތުރޭފަދަ ލިޔުންތައް އިތުރުވަމުންދާކަމުގެ ޝަކުވާ ޢާއްމުންގެ ފަރާތުން އެ ކައުންސިލަށާއި ކައުންސިލުގެ ވަކި ވަކި މެންބަރުންނަށް ލިބެމުންދާކަމަށެވެ.

އެފަދަ ކަންކަމަކީ އެ ކައުންސިލުން ރާއްޖޭގެ މީޑިއާގެ މުޅި ޢާއިލާއިން ނަގަހައްޓަން މަސައްކަތްކުރަމުންދާ މިނިވަން ނޫސްވެރިކަމުގެ މިންގަނޑުން ބޭރު ކަންކަން ކަމަށާއި އެ ކައުންސިލުން ދެކޭގޮތުގައި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާ އިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ވަކި އިންތަކެއްގެ ތެރެއިންކަމަށް އެ ކައުންސިލުން މިއަދު ޢާއްމުކުރި ނޫސްބަޔާނުގައި ވެއެވެ.

ގާނޫނޫ އަސާސީގެ 27 އަދި 28، މި ދެމާއްދާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެއްވެސް ޒިންމާދާރުކަމެއްނެތި އެފަދަ ލިޔުންތައް ޝާޢިއުކުރުމުގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލި ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ޤައުމު ހުށައެޅިގެން ދިޔުން ކަމަށްވެސް މީޑިއާ ކައުންސިލުން ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ޒިންމާދާރުކަމާއެކު ދީނާއި ޤައުމިއްޔަތު އިސްކުރައްވައިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ އެންމެހައި މީޑިއާތަކަށް އެ ކައުންސިލުން އިލްތިމާށްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރިޔަމް މޫސާ

    ކޮބާ، އެމްޑީޕީ ވެރިކަމުގަ އޮތީމަ ވެއްޖެ ދޯ އިންތަކެއް ކަނޑައަޅަން ވެސް. ބަލަ އަބުރާ ބެހުމުގެ ގާނޫނު އުވާލީ މީހުންގެ އަބުރަށް އަރައިގަންނަން އެމްޑީޕީއަށް ފުރުސަތު ދޭކަށްނު. އެކަމަކު އެ ފުރުސަތުގެ ބޭނުން އަހަރެމެން ކުރަންފެށީމާ ހަޖަމް ނުވީ.

  2. ހީވާގޮތް

    ކަލޭމެންގެ މައްސަލައަކީ ހަމަ ހުޅަގު ގައުމުތައް ފަދައިން ދީނީ މިނިވަންކަން އޮވެގެނއް ނުވަނީ؟ ދިނަށް ފުރައްސާރަކުރާތީ އެވާހަކަ ދެއްކިޔަސް އައި އެސް ފަދައިން ޓެރަރިސްޓުންނަށް ހަދަނީ؟ ބޭރު ގައުމުތަކުގައިވެސް އެހެން އެކަން އޮތީ. އައިއެސް އެކަނި ޓެރަރިސްޓުންނަށްވެފައި އެމެރިކާ އިޒްރޭލް ތަންތަނުން އަރަބިން ކަތިލާ ލެރިޔަސް މައްސަލައެއް ނޫން.ދީނީ ވާހަކަ ދައްކައިގެންވެސް ނުވޭ.. މިހަލަ ަމިނިވަންކަން. ބޯ ހަލާކު. ކަލޭމެން ތިބުނާ މައްސަލައަކީ ހަމައެކަނި އެއީ ދޯ