ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީ.އައި.އެޗް.އެސް) އަށް އޭލެވެލް ކިޔެވުމަށް ވަންނަން ބޭނުންވާ ކުދިންނަށް ޚާއްސަކޮށް ކުރިޔަށްގެންދާ އިވެންޓެއް މާދަމާ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.

" ވަގުތު" އަށް މައުލޫމާތު ދެމުން އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވެފައި ވަނީ މި އިވެންޓަކީ އޯޕެންޑޭ ހަރަކާތުގެ ބައެއް ކަމަށެވެ. އަދި އިވެންޓް ހުޅުމާލޭގައި ބޭއްވިގެން މި ދަނީ ހުޅުމާލެއަކީ މާލޭގެ އާބާދީގެ ބޮޑުބައެއް އުޅެމުންދާ ތަނަކަށްވެފައި ހުޅުމާލޭގައި ކިޔަވައިދޭ ސުކޫލުތަކުން 10 ނިންމާ ދަރިވަރުންވެސް އުޅޭތީއާއެކު ރަށްރަށުން އައިސްއުޅޭ މީހުނަށްވެސް ފަސޭހައިން ސުކޫލާއި ބެހޭ މަޢުލޫމާތުތައް ލިބޭނެ ފުރުސަތެއް ތަނަވަސްކޮށްދިނުމަށް ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވެފައި ވެއެވެ.

މި އިވެންޓުގައި ދަރިވަރުންނަށް ވަގުތުން އޭލެވެލްއަށް ވަނުމަށް ފޯމު ހުށައެޅުމާ, ސުކޫލާއި އަދި ކިޔެވާ މާއްދާތަކާ ބެހޭގޮތުން މަޢުލޫމާތު ލިބިގެންދާނެއެވެ.

ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވެފައި ވަނީ މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ރަނގަޅު އެއް ސުކޫލަކީ، ވީއައިއެޗްއެސް ކަމަށާއި ސްކޫލުން އަބަދުވެސް ބޭނުންވަނީ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުހުރި ތަޢުލީމު ލިބިފައިވާ ކުދިން އުފެއްދުމަށް ކަމަށެވެ.

"ވަގުތު" އަށް އިތުރަށް މަޢުލޫމާތު ދެމުން ވީއައިއެޗްއެސްގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާލުވެފައި ވަނީ 2018 ވަނަ އަހަރުގެ އޭލެވެލް ނަތީޖާއާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ފޮޓޯ/ ވީ.އައި.އެޗް.އެސް

ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވެފައި ވަނީ ނަތީޖާ ވަޒަން ކުރުމުގައި ބޭނުން ކުރާ ހަމައަކީ އޯލެވެލްގެ ނަތީޖާއަށްވުރެން އޭލެވެލް ނަތީޖާ ރަނގަޅުވުމާއި، ދަރިވަރު ޔުނިވަރސިޓީ ތަޢުލީމަށް ޝަރުތު ހަމަވާ ވަރަށް ފާސްވާ ކުދިންގެ އަދަދު އިތުރު ކުރުމާއި ކުދިން ހޯދާ ޔޫ ފާސް މަދުކުރެވޭތޯ މަސައްކަތް ކުރުން ކަމަށެވެ. އަދި ގިނަ މާއްދާ ތަކަކުން ޔޫ ފާސް ލިބިފައި ނުވާތީ އެއީ ސުކޫލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްފައި ވެއެވެ. އަދި މިހާރުވެސް ވަރަށް ގިނަ ކުދިން މިއަހަރުގެ ގުރޭޑު 11 އަށް ވަނުމަށް ފޯމު ހުށައަޅާފައިވާ ކަމަށާއި ސުކޫލު އޮފީހުންނާއި ވެބްސައިޓުން ގިނަ އަދަދެއްގެ ފޯމް މިހާރުވެސް ޑައުންލޯޑް ކޮށްފައިވާ ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވެފައި ވެއެވެ.

ވީ.އައި.އެޗް.އެސް ގައި ދަރިވަރުންނަށް ކިޔަވައިދިނުމުގައި އެހެން ސުކޫލުތަކުން ބޭނުން ކުރާވަރަށްވުރެން ގިނަ ވަސީލަތްތައް ބޭނުން ކުރެއެވެ. އެގޮތުން މިއަހަރު ވީ.އައި.އެޗް.އެސް އިން ވަނީ ކިޔަވައިދިނުމުގައި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ފޮޓޯ/ ވީ.އައި.އެޗް.އެސް

ހަމައެހެންމެ ލާނިންގް ބިޔޯންޑް ވޯލްސްގެ ނަމުގައި ކޮންމެ އަހަރަކުވެސް ބިޒްނަސް ސްޓްރީމްގެ ދަރިވަރުންނާއި ސައިންސް ސްޓްރީމްގެ ދަރިވަރުންނަށް ބޭރުގެ ޔުނިވަރސިޓީތަކާއި ކުންފުނިތަށް ތަޖުރިބާކޮށްލުމަށްޓަކައި ދިޔުމުގެ ފުރުސަތާއި ސަޤާފީ ދަތުރުގެ ނަމުގައި ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގެ ހުރިހާ ރަށަކަށް ގޮސް އެރައްރަށުގެ ސަޤާފީ ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އަންނަނީ ދެމުންނެވެ.

ވިލާ ހައި ސްކޫލުން މާދަމާ ބާއްވާ އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:00 ން 18:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.