މިދިޔަ 20 ވަރަކަށް ދުވަސް ތެރޭގައި ޓްރެފިކް ގަވާއިދާ ހިލާފުވި ދެހާހެއްހާ މީހުން ޖޫރިމަނާކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު އާއްމުންގެ މީހަކު ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު (އެމްސީ ހަމީދު) އެވެ.

ހަމީދު ވިދާޅުވީ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކް ގަވާއިދާ ހިލާފުވެވެގެން 1895 މީހަކު ޖޫރިމަނާކޮށްފައިވާނެ ކަމަށެވެ. އަދި ޖޫރިމަނާކޮށްފައި ވަނީ ޕާކްކުރުން ފިޔަވައި އެހެން ކުށްތަކަށް މީހުން ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

"މީގެ ތެރޭގައި ހިމެނެނީ ގަވާއިދަށްވުރެ ބާރު ސްޕީޑްގައި ވެހިކަލް ދުއްވައިގެން ޖޫރިމަނާ ކުރި ދެ މީހެއް، އަދި 130 މީހަކުވެސް ހުއްޓުވާފައިވޭ". ސީޕީ ހަމީދު ވިދާޅުވިއެވެ.

އިތުރަށް ހަމީދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު މިއަދު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެ މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ މަގުމަތީގެ ގަވާއިދުތަކާ ގުޅޭގޮތުން ކަމަށެވެ.

ބުރިޖާއި ހައިވޭގައި ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގަމުން އަންނައިރު، އެކަން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބުރިޖާއި ހައިވޭގައި ސަވައިލެންސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދދ

    އަނިޔާވެރި ސަރުކާރު. ފޭރޭ ސަރުކާރު

  2. ސަޓޯ

    ޓްރެފިކް ގަވާއިދާ ހިލާފުވި ދެ ހާހެއްހާ މީހުން ޖޫރިމަނާކުރި އެކަމަކު ފައިސާ ދެއްކީ އެންމެ ދެ މީހުން ދޯ...

  3. ސޮއްބެ

    ރައްޔިތުން ފެލައިގެން އުޅޭ އަނިޔާވެރި ސަރުކާރު... ކޮމިޓި ސަރުކާރު އިސްތިއުފާ