ހޯމް މިނިސްޓަރ، އައްޝައިޚް އިމްރާން އަބްދުﷲ އަކީ ތެދުވެރިއެއް ކަމަށް ޤަބޫލުނުކުރާ ކަމަށް އެމްޓީޑީގެ ނައިބު ރައީސް، އަދި ވެލިދޫ ދާއިރާގެ މެމްބަރ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ނުދޭ މައްސަލައާއި ގުޅިގެން މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

"މަނިކުފާނަކީ ތެދުވެރިއެއް ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. ހަމަބުއްދި ހުރި ދިވެހި އެއްވެސް ރައްޔިތަކުވެސް ހަމަވިސްނުމުން ވިސްނާއިރު މަނިކުފާނަކީ ތެދުވެރިއެއް ކަމަކަށް ޤަބޫލެއް ނުކުރައްވާނެ. މަނިކުފާނަކީ، ދިވެހިރާއްޖޭގެ ރައްޔިތުން ވޯޓުލައިގެން ހޮވާފައު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގަ ދޮގުހައްދަވާ ބޭފުޅެއް." ހޯމް މިނިސްޓަރ އިމްރާނަށް އިޝާރާތް ކުރައްވާ، ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރުވެސް އިމްރާން އަންނަނީ އަދީބާއި ގުޅޭގޮތުން ދޮގު ހައްދަވަމުން ކަމަށާއި، އިމްރާން ޒިންމާދާރުކޮށް ހަމަމަގަށް އެޅުވުމަށް ކުރަންޖެހޭ ކޮންމެ ކަމަށް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން މި މައްސަލަތަށް ބެލޭނެ ކަމަށާއި، ޙާއްޞަކޮށް އިމްރާންގެ މައްސަލަ، ރާއްޖޭގެ ފުލުހުންގެ އިދާރާއިން ބައްލަވާނެ ކަމަށެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަން ނުނިމި ލަސްވަމުންދާތީ، އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން މިރޭ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި މިވަނީ، މިއަދު މެންދުރުގެ ވަގުތެއްގައި އެކަމާއި ގުޅޭގޮތުން ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު ވާހަކަފުޅުދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

އަދީބުގެ ބޭސްފަރުވާއާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ، އެ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ތަކެއް ފާހަގަކުރެވިފައިނުވާ ކަމަށާއި ހޯމް މިނިސްޓްރީންނާއި ކަރެކްޝަން ސާރވިސަސްގެ ފަރާތުންވެސް އެކަމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ކަންކަން ކުރިއަށް ގެންގޮސްފައިހުރީ ރަނގަޅަށްކަމަށެވެ.

ނަމަވެސް އެމްޓީޑީން ތުޙުމަތު ކުރާ ގޮތުގައި ރައީސް ސޯލިހު އެގޮތަށް އެ ވިދާޅުވީ ރައީސް އަށް ގޯސް މަޢުލޫމާތު ތަކެއް އިމްރާންގެ ފަރާތުން ލިބިފައިވާތީއެވެ. އަދި އެ މައްސަލަ ރަނގަޅަށް ބަލާ ތަޙުޤީޤު ކުރާނެކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނުރަބޯ

    ހޫނ ކަލޭ އެމީހެއްގެ ފަހަތަށް ގޮސް ތިޔަހަރަ އަދީބަކީ ވަރަށް ތެދުވެރި އިޚްލާޞްތެރި ބޭކަލެއް. ޢަޖައިބުވޭ.

  2. ދދދދދ

    ތީ ރަނގަޅު ވާހަކައެއް. އެއީ މަކަރުވެރި ދޮގުވެރި މީހެއް. އެކަމަކު ކަލޭވެސް ތިވާހަކަ ތި ދައްކަނީ ދުނިޔޭގަ ނެތްވަރު ބޮޑު ވަގެއްގެ ދިފާއުގަ ވިއްޔަ. އެއް ވަރެއްނު ތިވީ.

  3. އަލްޖިބްރާ

    ކަލެއަށް އަދީބު ކުލަހުވަފެން ދެއްކީމަ އެންމެ ތެދުވެރި މީހަކަށް ކަލެއަށް ފެންނާނީ އަދީބު ! ކަލޭމެން އަދި ޅަވާނެ ! މާދަމާ އެހެންމީހަކު ނުކުމެ ކުޅިޖަހާކުޅިހަމަކުރީމަ ކަލެއަށް އެވަރު މޮޅުމީހަކު ނުފެންނާނެ ! ތިހިރީ ގުއިނުފެންނަ ކާޅަށް ގުއި ފެނިފަ !

  4. ބުރޯ

    ބުރޯ ބުނަން ރަންގަޅު ތެދުވާހަކައެއް! ވަގުންނާ އެކު އުޅޭނީވެސް ވަގުން....

  5. ޢޯޔޭ

    ޙޫ ވަރައްތާހިރު މީހުންގެވާހަކަދައްކަން. ޢެމްޑީޕީޓިކެޓުގަހޮވީމަ ޕާޓީބަދަލުކުރީ ތެދުވެރިކަންކޮޅުންލައިގެން ދީ

  6. ޢަބުދުލް ވާހިދު

    ސޯލިހުަ އެވިދާޅުވީ ހަމަރަނގަޅައް އިމްރާނު ވެސް ރަނގަޅު މައްސަލަޔަކީ އަދީބު ކޮއްގެން އުޅޭކަންތައް

  7. ޢަނީސާ

    ރައީސް ޔާމީންގެ ސަރުކާރުގައި މިނިސްޓަރުން ގޯސްހަދާ ކަމަކަށް ނުވޭ.. އޭރު ގޯހަކީ ރައީސް ޔާމީން... މިހާރު އޮތީ މިނިސްޓަރުންނާ ދިމާކުރުން... ރައީސް އިބޫގެ މައްސަލައެއް މިހާރު ނޯވޭ.. މިވަނީ ކިހިނެއް...

  8. ހޯގޮޅާ ޅަކޮއި

    ދިދައަކާއި ކާރަކަށް އިންތިޒާރުކޮށް މަގުމަތި ހަލަބޮލި ކޮށްލުމުން ދިދައަކާއި ކާރަކާއި ލިބޭނަމަ އެކަން ނުކުރާނީ ކާކުތޯއެވެ. އަޑުގަދަމީހާގެ ރުއް ގިނަވާނެ އޭ ބުނާ އުޞޫލުން ކަންތައްތައް ވަމުންދާ ޒަމާނެއްގައި އިންސާނީ ޠަބީޢަތް ތަންދޭގޮތަށް، ރިޔާލައި އިސްލާމީ ޘަޤާފަތް ތަންނުދޭ ގޮތަށް އުޅެމުންދާ މީހުންނަކީ، މަދުބައެއްނޫނެވެ. ގެއްލި އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ. އެއްވެސް ހެޔޮކަމެއް ނުކުރެވޭ ވަޒީރުކަމަކަށް އެއްވެސް ދަންނަބޭކަލަކު ނުރުހޭނެއެވެ.

  9. ށަނޫން

    ކަލޭ ތިހިރީ ހިޖުރަ އޮޅިފަ. ދާއިރާ މީހުން ކަލޭ ހޮވީ ގައްބަރު ސިންގް ގެ ވަކީލު ކުރާކަށެއް ނޫން.
    ތި އިމުރާނަކީ ގައްބަރޭ އަކީ ހަމަ އެއް ފައިސާ ފޮތީގެ 2ފުއް...