އިންޑިއާގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަހުނިޔާގެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔތުންނާއި، އަދި ރައީސުލް ޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީދުވަހުގެ ހެޔޮއެދުންތައް ފޮނުވައިފައި ވެއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ އިޤްތިޞާދީ، ސިޔާސީ އަދި ސަޤާފީ ގޮތުން ގުޅުން އިތުރައް ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސެޖް ނިންމަވާލައްވަމުން އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.

އިންޑިއާގެ 70 ވަނަ ޖުމްހޫރީ ދުވަހުގެ ޖަލްސާ މިއަދު ބާއްވާފައިވާ އިރު، އެޤައުމުގެ 26 ކުއްޖަކަށް ވަނީ ރެކޮގްނިޝަން އެވަރޑް ދީފައެވެ.

އެޤައުމުގެ ހުރިހާ އަވަށަކުންވެސް ދަނީ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު