އައްޑޫ ސިޓީގެ ހޮޓަލެއްގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދޭ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ހޮޓާ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހާ އިންދާ، އޭނާއާ އެންމެ ގާތުން އިން މީހާ ބުނާ އަޑު އިވެނީ "އަހަރެން މިތާ ނެތްނަމަ މިއަދު ކަލޭ މަރާލާނެ" ކަމަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެހެން އޭނާ ބުނަނީ ހާއްސަ އެހީއަށް ބޭނުންވެފައިވާ މީހާ ދެކެ އިންތިހާއަށް ރުޅި އަސްގެން ހޮޓަލު ތެރޭގައި ކޮޅަށް ހުންނަ މީހާއަށް އިޝާރާތް ކޮށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހާ ކައިރީގައި އިން މީހާ އެހެން ބުނާތާ މާ ގިނައިރެއް ނުވެ، ކޮޅަށް ހުންނަ މީހާ އޭނާއަށް ހަމަލާ ދޭތަން ފެނެއެވެ. އެގޮތުން އޭނާ ގޮސް، ހާއްސަ އެހީއަށް ބޭނުންވާ މީހާގެ މޫނު މަތީގައި ޖަހާ، އެތަކެއް އައުގުރާނައަކާއެކު "ތިީ ވަގެކޭ" އޭނާއަށް ދިމާއަށް ބުނެއެވެ.

އެހިސާބުން ހާއްސަ އެހީއަށް ބޭނުންވާ މުސްކުޅި މީހާވެސް ތެދުވެއެވެ. އެހިސާބުން އަނެއްކާވެސް ކޮޅަށް ހުރި މީހާ އޭނާ ގައިގައި ޖަހަން މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް އޭނާ ޖެހުމުގެ ކުރިން، ހާއްސަ އެހީއަށް ބޭނުންވާ މުސްކުޅި މީހާ އޭނާގެ ގަޔަށް ކުޅު ޖަހައެވެ.

އަދި އަނގައިގައި ހުރި ފެންތަކާއެކު ދެމީހުން ދެމީހުންވެސް އެކަކު އަނެކަކު ގަޔަށް ކުޅުން ޖަހަމުން ގޮސް، ކޮޅަށް ހުރި މީހާ އަނެއްކާވެސް ހާއްސަ އެހީއަށް ބޭނުންވާ މުސްކުޅި މީހާގެ ބޮލަށް ހަމަލާ ދޭތަން ފެނެއެވެ.

އެހިސާބުން ހާއްސަ އެހީއަށް ބޭނުންވާ މީހާ ހޮޓަލުގެ ބަދިގެއާ ދިމާލަށް ދާން ފެށުމުން އަނެއްކާވެސް "ކަލޭ އާދެބަލާށޭ" ބުނެ ކޮޅަށް ހުރި މީހާ ވަރަށް ބާރަށް އޭނާއަށް އިންޒާރު ދޭތަން ފެނެއެވެ. އަދި ފަހަތުން ގޮސް ކުޅު ޖެހުމަށްފަހު ޖަހަން މަސައްކަތް ކުރާތަން ފެނެއެވެ.

ބަދިގެ ތެރެއަށް ވަނުމަށްފަހު، ސައިތަށްޓެއް ހިފައިގެން ހާއްސަ އެހީއަށް ބޭނުންވާ މުސްކުޅި މީހާ ނުކުންނަން ފެށުމުން ކައުންޓަރުގައި ހުރި ބިދޭސީ މީހާ، ކޮޅަށް ހުރި މީހާގައި ޖަހާށޭ ބުނެ އޭނާއަށް ހިތްވަރު ދޭތަން ފެނެއެވެ. އެ ހާދިސާ ހިނގި އިރު، ހޮޓަލް ތެރޭގައި ކައުންޓަރުގައި ހުރި ބިދޭސީ މިހާގެ އިތުރުން ތިން ދިވެހިން ތިބިކަން ފާހަގަކޮށްލެވެ.

އެ ތިން ދިވެހި މީހުންވެސް ހާއްސަ އެހީއަށް ބޭނުންވާ މީހާއަށް އެހީވެދީ، މައްސަލަ ހައްލު ކުރުމަށް އެހީވިތަނެއް ނުފެނެއެވެ.

ހާދިސާ ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ކުރީގެ މާހެރެ ކެފޭގައެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހާއަކީ މިހާރުވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމު އަދާކުރާ މީހެކެވެ. އޭނާއަކީ ކުރިން ސަރުކާރުގެ އެކިއެކި އޮފީސްތަކުގެ ސިޓީ ބެހުމުގެ ކަންކަމުގައި އުޅެފައިވާ މީހެކެވެ.

ނޯޓު: ހަބަރުގައި ބަޔާން ކޮށްފައިވާ ވީޑިއޯގައި ބޭއަދަބީ ބަސްތަކުގެ އިތުރުން އައުގުރާނަ ގޮވާފައިވާތީ ވީޑިއޯ ހަބަރަށް ލެވިފައިނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ...

    ޙާއްސަ އަނިޔާ މިހާރު ހުންނާނީ ހުރިހާކަމެއް ގަނޑުވަރުން ވެސް...ކީއްކުރާނީ.

  2. ރައްޔިތު

    ސަބަބުތަކެއް ވާނެ. އެކަމަކު ހިތާމަހުރި ކަމެއް. ތިނޫން ގޮތަކަށް ޙައްލު ކުރެވެން ޖެހޭނެ ކަމަށް ދެކެން.

  3. މޯދީ

    ކޮންމެ ސަބަބެއް ހުއްޓަސް ގަޔަށް އަތްލާ މާރާމާރީ ހިންގައިގެން ނުވާނެ. ކަމާއިބެހޭ ފަރާތްތަކުން މިކަން ބަލާ ފިޔަވަޅު އަޅަންޖެހޭނެ.

  4. ޙަސަނު

    މީ ރީނދޫ ބައިގަނޑަށް ތާއީދުކުރާ އައްޑޫ '' ގިނަ '' މީހުންގެ ޙާލަތަކީ އަދަބު އަޚްލާޤިއްޔަތެއް ކެތްތެރިކަމެއް އިންސާނިއްޔަތު ކަމެއް ނެތް ނުވެސް އޮންނާނެ

  5. މަރީ

    ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް. އަދި ދިވެހިން އަޅާނުލާ ކުޅިބަލަން ތިބުން އެއީ އެއަށްވުރެ ވެސް ހުތުރުކަން ބޮޑު ޢަމަލެއް