ޝަރުއީ ދާއިރާ އިސްލާހު ކުރަން އެމްޑީޕީ އިން ތަންފީޒު ކުރަން ބޭނުންވާ ބައެއް ސިޔާސަތުތަކުގެ ތަފްސީލް ރޭ ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިނަށް އެމްޑީޕީން އެކުލަވައިލި ސިޔާސަތުގައި ރޭ އިއުލާން ކުރި އިރު އެންމެ ފާހަގަ ކުރެވެނީ މިހާރު އިމެއް ނެތި ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުތައް ހަނިކޮށް، ސުޕްރީމް ކޯޓުގެ ބާރުތައް ހިފަހައްޓަން ނިންމާފައިވާ ނިންމުމެވެ.

އެމްޑީޕީ އިން ބުނޭ ސުޕްރީމް ކޯޓަށް އަމިއްލައަށް އިސް ނަގައިގެން އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށް ކަނޑައެޅުމަށާއި އަދި ދަށު ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ނުނެގޭނެ ކަމަށް ވެސް ކަނޑައަޅަން އެމްޑީޕީ އިން ވަނީ ނިންމާފައެވެ.

ހުޅުވާލާފައިވާ އަޑުއެހުމެއް ނެތި ސުޕްރީމް ކޯޓުން އެއްވެސް ހުކުމެއް އަދި އަމުރަކާ ހަމައަށް ވެސް ވާސިލް ނުވެވޭނެ ގޮތް ހެދުމަށް އެމްޑީޕީގެ ސިޔާސަތުގައި ނިންމާފައި ވާއިރު ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުން އިރުޝާދާއި ލަފާ ވެސް ދެވިގެން ނުވާނެ ކަމަށް ކަނޑައަޅަން ވެސް ވަނީ ނިންމާފައެވެ.

ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހެދުމަށް ވެސް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ނިންމާފައެވެ.

ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ސުޕްރީމް ކޯޓުން ނެގުމަށް ވަނީ ނިންމާފަ އެވެ. އެ ބާރު ދިނުމަށް ނިންމާފައިވަނީ ބާ ކައުންސިލަކަށެވެ. އެ ކައުންސިލް ހެދުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އެބިލް އޮތީ މިހާރު ފާސްވުމުގެ މަރުހަލާގައެވެ.

ޑީޖޭއޭ އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެމްޑީޕީގެ ޕްލޭނެކެވެ. އެގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރުމަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ޒިންމާއެއް ކަމަށް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ހިމަނައިފަ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ކަމަށް، އަލަަށް ގެންނަ ބަދަލުތަކުގައި އެމްޑީޕީން ހުށަހަޅާފައި ވެ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މިހާރު އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުންނެވެ. އެއީ ސުޕްރީމް ކޯޓުގެ އިދާރީ މަސައްކަތްތައް ކުރާ އިދާރާ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު، ރަޖިސްޓްރާ ކަނޑައެޅުމަށް ފަހު ރަޖިސްޓްރާ އަށް ބާރުތަކެއް ދޭން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ފަނޑިޔާރުންގެ ދައުރެއް ނެތި މައްސަލަ ބަލައިގަތުމަކީ ރަޖިސްޓްރާގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހަޅާފައި ވެ އެވެ.

ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަަލަ ހަވާލުކުރާނީ ކޮން ފަނޑިޔާރަކަށްތޯ ކަނޑައެޅުމާއި އަދި މައްސަލަ ކޯޓަށް ހުށަހެޅޭ ތަރުތީބުން މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކުރުމާއި މައްސަލައިގެ ކިއު ތަރުތީބުން ހާމަކޮށް އެނގޭ ގޮތަށް ބެލެހެއްޓުމުގެ ބާރު ވެސް ރަޖިސްޓްރާ އަށް ދިނުމަށް ވަނީ ނިންމާފައެވެ.

އާސިޔާސަތުހައި މަތީ މަރުހަލާގެ މައްސަލަތައް ބަލާނެ ބެންޗު ވެސް އެކުލަވައިލާނީ ރަޖިސްޓްރާއެވެ، އޭގެ ސަބަބުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ކޯޓުތަކުގެ ފަނޑިޔާރުންގެ ދައުރެއް ނޯންނާނެ އެވެ، އެ މައްސަލަތަކަށް ބެލުމަށް ފަހު އެ މައްސަލައިގެ ޒާތުން ބެންޗު އެކުލަވައިލުމަކީ ވެސް ރަޖިސްޓްރާގެ ޒިންމާ އެކެވެ. ކޯޓުތަކުގެ އިސް ގާޒީން ކުރާ ހުރިހާ އިދާރީ މަސައްކަތްތަކަކީ ރަޖިސްޓްރާގެ މަސްއޫލިއްޔަތަށް ބަދަލުވެ، ކޯޓުތަކުގެ ފަނޑިޔާރުންނަކީ ސީދާ މައްސަލަ ބެލުމަށް ހުސްވެގެން ތިއްބަވާ ބޭފުޅުންނަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

މައްސަލައެއްގެ ނިންމުމާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ، އިސްތިއުނާފަށް ހުށަހެޅުމަށް މިހާރު ލިބެނީ 10 ދުވަހެވެ. ނަމަވެސް އިސްތިއުނާފް ކުރުމުގެ ނޯޓިހާ އެކު 10 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ފަހު 30 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެވެ.

އެމްޑީޕީ އިން ރޭ އިއުލާން ކުރި ބައެއް ސިޔާސަތުތަކަށް މީގެ ކުރިން އަމަލު ކުރިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެއުސޫލުތައް ވަނީ އުވާލާފައެވެ. އޭގެ ތެރޭގައި ޑީޖޭއޭ ސުޕްރީމް ކޯޓާއި ވަކިން ހިންގުމާއި އިސްތިއުނާފް ކުރަން 30 ދުވަހުގެ މުހުލަތެއް ދިނުން ހިމެނެއެވެ.

ޑީޖޭއޭ ސުޕްރީމް ކޯޓާއި ވަކިން ޤާނޫނުގައި ކަނޑައަޅާފައި އޮތް މާއްދާތައް އުވާލާ 2009 ވަނަ އަހަރު ޑީޖޭއޭ ވަނީ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލު ކޮށްފައެވެ. އަދި އިސްތިއުނާފް ކުރަން 30 ދުވަސް ކަނޑައަޅާފައި އޮތް މާއްދާތައް އުވާލާ އިސްތިއުނާފް ކުރަން ދިހަ ދުވަސް ދޭގޮތައް ހަމަޖެއްސީ ވެސް ސުޕްރީމް ކޯޓުންނެވެ.

އެމްޑީޕީ ވެރިކަމަށް އައީ ވެސް ޝަރުޢީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެންނަން ވައުދު ވެގެންނެވެ. އެމްޑީޕީ އިން މިހާރު ބުނަނީ އެބަދަލުތައް ގެނެވޭނީ މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ތެދުބަސްވީރު

    ކޮންމެ ގޮތެއް ހަދާފަނަމަވެސް ޝަރުއީ ދާއިރާ މިވެރިންގެ މުށުތެރެއަށް ލެވޭތޯ އެ އުޅެނީ.. ސްޕްރީމް ކޯޓުގެ މައްޗަށް ސިޔާސީ މީހުން އައްޔަންކުރާ މީހަކު ލާފަ... އެމީހާގެ ބާރު ސްޕްރީމްކޯޓަށާއި، އެހެނިހެން ކޯޓުތަކަށް ހިންގަން ފެށީމަ ޖުޑީޝަރީ ވާނީ މިނިވަންތޯ ނޫނީ އަޅުވެތިތޯ؟ އިސްލާޙުގެ ނަމުގައި ޖުޑީޝަރީ އަޅުވެތިކުރަން އެ މަސައްކަތްކުރަނީ... ޖުޑީޝަރީއަކީ ރައީސް އޮފީހުން ހިންގާ ތާކަށްވެ ނިމޭނެ

  2. ޢަލީ އަޙުމަދު

    މި ފެށެނީ ކަންތައް. އެމްޑީޕީ ގެ މެންބަރަކަށް މަޖްލިސް އިންތިޚާބުގައި ވޯޓު ދިނުމަކީ އަމިއްލަ ކަރަށް ވަޅިހެރުން ފަދަ ކަމެއް. ރައްޔިތުން ނުވިސންައިފި ނަމަ، އެމްޑީޕީ ބޭނުންވާ ޚުދުމުޚުތާރު ވެރިކަމެއް މިޤައުމުގައި ކޮށް ސެކިޔުލާރ (ލާދީނީ) ޤައުމަކަށް މިތަން ހަދާނެ. މި ކަމަށް ބާރު ދިނުމަށްޓަކައި އިސީ ޝަރީފު އެވަނީ އެމްޑީޕީ ނޫން ޕާޓީއަކުން ވާދަނުކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފަ. މި ރާއްޖެ މިދަނީ ވަރަށް ނުރައްކާތެރި ދިމާއަކަށް. ސުޕްރީމްކޯޓުން ފޭހުނު އިލޮށި އެމީހުންގެ ލޮލަށް ހެރި އެ އިލޮށި މުޅި ގައުމަށް ހެރޭތަން މި ފެންނަނީ.

  3. Anonymous

    މިއީ ހަމަ ސަތޭކައިގެ ބަދަލުތަކެއް. ކިތަންމެ ނުބައި މީހަކުވެސް ރަނގަޅު ވާހަކައެއް ބުނީމަ އެވާނީ ހަމަ ރަނގަޅުވާހަކައަކަށް.

  4. ޖިންނި

    ބޭނުން ހުރިހައި ގަނޑެއް ( ވަގު ލާރިން ) ގަނެފަ މިހާރު އަމިއްލެއަށް ބިރުބޮޑުވެގެން ރީނދޫ ބައިގަނޑު އެ އުޅެނީ

  5. ާނުކެރޭނެ

    ސްޕްރީމް ކޯޓަކީ އެއްވެސް ކަމަކަށް ވަދެގެން ކަންކަން ބަލަންޖެހޭ ތަނެއް ނުން. ށައްކު އުފެދި ހިތް ހަމަ ނުޖެހިގެން ފަހުގެ ހައްލު ހޯދަން ދާތަނަކަށް ވާންޖެހޭތަނެއް. ސްޕްރީމްއޭ ބުނީމާ އެތާތިބި ފަނޑިޔާރުން ގެ ސިކުނޑި ގުޑީހެން ބޮޑަށް ލަފާވަނީ

  6. ދަށުކޯޓް

    1 ފެބްރުއަރީގެ ހުކުމް ތަންފީޒުނުކޮށްގެން އުޅުނު މީހުން މިހާރު ސްޕްރީމް ކޯޓުގެ ބާރުތައް ދަށްކުރަން އުޅުނީމަ އަންނަނީ ހިނި.

  7. މަނަދޫ ސޭކުބޭ

    ވަރށް ރަނގަޅު ބަދަލެއްތީ..އަވަހައް ތި އިސްލާހް މަޖިލީހަށް ހުށައަޅާ،،އަހަރެންގެ ވޯޓް ތި އިސްލާހށް ލިބޭނެ..ތި އިސްލާހު ގެންނަން މާ ލަސްވެއްޖެ؟؟؟؟؟

  8. ދދދދދދ

    ކަލޭނޭ ކަލޭނޭ މިބައިގަނޑަށް މަޖިލީހުގެ މެޖޯރިޓީ ނުދޭތި. ވިސްނާ ތިބޭތި. މި ވަގުންވެސް ވަގަށްވެސް މިކަން ކުރާނެ.

  9. އިންސާފު

    މި ސަރުކާރު ވެއްޓޭނީ ޖުޑިށަރީ އައްދަށުން

  10. އިބްރާހިމް ޞޯލިޚް

    ޖުޑީޝަރީގެ ބާރު ކަނޑުވާލައި ބޭނުންގޮތަކަށް ބޭނުން އިރަކު ބޭނުންހައި ކަމެއް ކުރުމަށް އެމްޑީޕީން ހުޅުވާލާ ދޮރެއް މީ.. މި ޤައުމު މިދަނީ ބިރުވެރިކަމެއްގެ ދިމާއަށް. ވަރަށް ދެރަ. ކޯޓްތަކުގެ ބާރު ކަނޑުވާލައިގެން ނޫން ގޮތަކަށް މި ޤައުމުގައި އިސްލާމްދީނާއި ކުޅެވެން ނެތްކަން އެޕްޑީޕީއަށް އެނގޭތީ ވަރަށް ނުބައި ވިސްނުމެއްގައި ކުރާ ކަމެއް މީ. މަޖްލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ދެން މި ޤައުމުގައި ހުއްދަ ނޫން އެއްކަމެއްވެސް ނޯންނާނެކަން ޔަޤީން..

  11. ވޯޓުވަގު

    ދެން އެމްޑީޕީގެދަށައް ޖުަޑިށަރީގެނައީމާ ރަގަޅުވާނީ

  12. ދުރުމި

    އެމްޑީޕީގެ ތިހުރިހާ ޕްލޭނަކީ އެހެންދީނެއް މިތަނަށް ގެނައުން ތިކަން ކުރަން ފަސޭހަވާނީ ކޯޓްތަކުގެ ބާރު ކަނޑުވާލާއިގެން މަޖްލިހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކިމެޓީގެ ބާރު އޮންނާނީ އެމްޑީޕީ އަށް އޭރުން އެމްޑޫޕީ ބޭނުން ގާޒީއަކު ވަކިކޮށް ހެދޭނެ އެމްޑީޕީ އާއި އިނދިކޮޅަށް ހިޔާލުފަތުރާ އެއްމެން ކަނޑާލާނެ.

  13. ސައިޙު އިލްޔާސް

    ނަމަނަމަ ދިވެހިލޮބުވެތި ރައްޔިތުންނޭ ( ޤައުމުދެކެ ލޯބިވާ ދިވެހިދަރިންނޭ ) އެމް.ޑީ.ޕީއަށް މަޖިލިހުގެ މެޖޯރިޓީނުދިނުމަށް ރަވަށްއަސަރާ އާދޭހާއެކު ގޮވާލަން މަޖިލީހުގެ މެޖޯރިޓީ އެބައިމީހުންނައް ލިބިއްޖެނަމަ ދިވެހިޤައުމާއި ދިވެހިންގެ ހަލާކު ކައިވަތަކަށް ވުރެންވެސް ކައިރިވީކަން ހަދާންކުރުމައް ގޮވާލަން

  14. އިންސާފު

    ސްޕްރީމް ކޯޓު އުވާލާފަ އެމްޑީޕީ އޮފީސް އެތަނައް ބަދަލު ކުރަން ފެނޭ

  15. Miadhu

    ކޮބާފަޑިޔާރުން ހީކަރުވާގަނެއްޖެދޯ

  16. މުސްކޮ

    މިއީ ދުނިޔޭގެ ބޯ ހަމަޖެހޭ ގައުމު ތަކުގަ ގެންގުޅޭ އުސޫލުތަކަކީ

  17. ލަބީބު

    ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީނަށް ނޮހޮރުއްޕާންއަރުވާ ދުއްތުރާކުރުމަށް ސްޕްރީމްކޯޓުގެތެރެއިން މި ހުރިހާ ކަމެއްކޮށްފަ އެހެންބަޔަކު މިމީހުންނަދެކޮޅަށް ހަމަ އެގޮތަށް ސްޕްރީމްކޯޓް ބޭނުންހިފާފާނޭކަމަށް ހީވެ ބިރުން ތިތިބަ ތެޅި މަރުވަނީއެވެ.

  18. ފާދިރީ

    ތިތަން ތަޅާފައި ސިނަމާއެއް އަޅާ ވާހަކަ އަސްލަމް ބުނި ވެރިކަން ނުލިބެ މަގުމަތީގައި އުޅުން އިރު.... މީ ފެންވަރު.. މިހާރު ދެން ހަދާނެއްވެސް ނުހުންނާނެ

  19. Anonymous

    ކުރިން ހައްގޭ ހައްގޭ ކިޔައިގެން އުޅުނު މީޙުން މިއަދު ކީކޭބާ މިކިޔަނީ

  20. އަބްދުއްލާ

    ހުރިހާ ބާރެއް މަޖިލީހުގެ ދަށަކަށް ނުގެންދެވޭނެ. މިއީ ރިޔާސީ ނިޒާމެއް . ކޯޓްތަކުގެ ދަވްރު ގަ ސަރުކާރުން ހިންގާކަންކަމާ މަޖިލީހުން ފާސްކުރާ ނިންމުންތައްވެސް ގާނޫނުއަސާސީއާ ހިލާފު ވާމިންވަރެއްބަލާ ބާތިލް ކުރުމުގެ ބާރު ގާނޫނުއަސާސީން ވަނީ ކޯޓްތަކަށްދީފާ. ގާނޫނުއަސާސީގަ އޮތް ޗެކް އެންޑް ބެލަންސް ގެއްލުވާލަން އެމްޑީޕީ ން އުޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް. މިފަދަ ހާލަތްތަކުގާ ޕާޓީ އުވާލުމުގެ އަމުރު ނެރުމުގެ ބާރު ގާނޫނުއަސާސީން ހައިކޯޓްށް ލިބިދީފާވޭ.

  21. ޢަބްދުﷲ

    މިހާރަކަށްއައިސް މީސްމީޑިޔާގައި ވައިރަލްވާ ގޮތަށް ހަމަޤަޞްދުގައި މިދެކެވޭ ވާހަތަކަކީ، ޤާނޫނީ ގޮތުން މަނާކުރެވިފައިވާ ވާހަތަކެވެ. ކޯޓްތަކުގެ ޙުރުމަތް ކަނޑާލުމަށް ފާޅުގައި ކުރެވޭ ކަންކަމާބެހޭ ވާހަކަތަކެވެ. މިރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ސިޔާސީ ޕާޓީއަކުން ދެއްކުން މަނާވާހަކައެވެ. ބިލްތައް ބަލައިގަތުމާ، ބިލްތައް ފާސްކުރުމާ، ބިލްތައް ޕޮރޮމަލްގޭޓް ކުރުމާ، މިކަންކަމަކީ، ސިޔާސީ ޕާޓީއަކުން އެކަނި ކުރެވޭނެ ކަންކަމެއްނޫނެވެ. އެފަދަކަމެއް ކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ ޙައްޤަށް އަރައިގަތުމެވެ.