ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަން ހާމަވާ ލިޔުންތަކަކީ އަމިއްލަ ވަންތަ ކަމަށްޓަކައި ދަމަހައްތަންޖެހޭ ތަރިކަތަކެއް ކަމަށް މިނިސްޓަރ އޮފޮ އަރޓްސް ކަލްޗަރ އެންޑް ހެރިޓެޖްް ޔުމްނާ މަޢުމޫނު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފާހަގަކުރަމުން ގެންދާ 30 ވަނަ ޅެންވެރިންގެ ދުވަހާއި ގުޅިގެން ރ. އިނގުރައިދޫގައި ބޭއްވި ޅެންވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ކަލާފާނު ރައިވަރާއި، ދޮންމޮހޮނާއި މިޔަރު އަދި ދޮންހިޔަލައާއި އަލިފުޅު ފަދަ ރައިވަރު ބަޔަކީ ޤައުމުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް މުހިންމު ތަރިކަތަކެއް ކަމަށެވެ.

ޅެންވެރީގެ މުހިންމުކަން ހާމަކޮށްދިނުމަށް މިނިސްޓަރު ޔުމްނާ ވިދާޅުވެފައި ވަނީ ޅެންވެރީންނަކީ މުފައްކިރު، ފަލްސަފާވެރި އަދި ޢިލްމުވެރި މީހުން ކަމަށެވެ.

މިއަހަރު ޅެންވެރީންގެ ދުވަސް ހާއްސަކޮށްފައި ވަނީ ޅެންވެރިޔާ އަލްމަރްޙޫމް ޔޫސުފް މުހައްމަދުފުޅަށެވެ. މިނިސްޓަރު ޔުމްނާ ވަނީ އެބޭފުޅާގެ މަސައްކަތައް އަލިއަޅުވައިލައިފައެވެ. ޔުމްނާ ވިދާޅުވެފައި ވަނީ އެދުރުބެ ވަނީ ދަރިވަރުންގެ ސިކުނޑިތައް ހުޅުވައިލައި، ޅެންބަހުރުވައާއި އެހެނިހެން ގޮތްގޮތައް ހިޔާލުފާޅުކޮށްދެއްވުމަށް ދަސްކޮށްދިނުމުގެ މަސައްކަތް ކުރައްވައިފައިވާ ކަމަށެވެ.

ޔުމްނާ އިތުރައް ވިދާޅުވީ އަޅުގަނޑުމެން ކުރިޔަށް އޮތް ތަނުގައި މަސައްކަތް ކުރަންވީ އެދުރުބެ އިރުޝާދު ދެއްވިގޮތަށް ދަރިވަރުންގެ ސިކުނޑިތައް ފޮއްޓަކަށް ލެވުނަ ނުދީ ކަންކަމާ ވިސްނާ ޚިޔާލުކުރާ ބަޔަކަށް ހަދަައި، އެކުދީންގެ ވިސްނުން ހުޅުވައިލުމަށް ކަމަށެވެ.

ޅެންވެރީންގެ ދުވަހާއި ގުޅިގެން އިނގުރައިދޫގައި ކުރިޔަށް ގެންދިޔަ ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯހުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ޅެންތައް އެކުލަވައިލައިގެން، އެ ޖަލްސާގައި ވަނީ ފޮތެއް ނެރެފައެވެ. މީގެ އިތުރުން މަޝްހޫރު ޅެންވެރިޔާ އަމްޖަދު ރަޝާދުގެ ޅެންތައް "މަލަސް" ގެ 96 ވަނަ އަދަދުގެ ގޮތުގައި އެ ޖަލްސާގައި ވަނީ ނެރެފައެވެ.