ނައިބު ރައީސް ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމްގެ މި ޒިޔާރަތުގައި މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވެވި ކަމަށެވެ.

ނައިބު ރައީސް އިސްލާމިކް މިނިސްޓްރީ އަށް ކުރެއްވި ޒިއާރަތާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ނައިބު ރައީސް ފައިސަލް ވަނީ މިދިޔަ ހަފްތާގައި ވެސް ބައެއް އިދާރާތަކަށް ޒިއާރަތް ކުރައްވާފައެވެ.

އެގޮތުން ޓިވެޓް އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް، ސްޓެލްކޯ، ގައުމީ ޔުނިވަސިޓީ، އިސްލާމިކް ޔުނިވަސިޓީ އަދި ޔޫތު މިނިސްޓްރީ އަށް ވެސް ނައިބު ރައީސް ފައިސަލް މިދިޔަ ހަފްތާގައި ޒިއާރަތް ކުރެއްވެވިއެވެ.

ސަރުކާރުގެ ސޯޝަލް ކައުންސިލް ހިންގަމުން ގެންދަވަނީ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުންނެވެ. ނައިބު ރައީސް ޒިއާރަތް ކުރައްވަމުން ގެންދަވަނީ އެކައުންސިލްގެ މަސައްކަތްތަކާއި ގުޅުން ހުރި މިނިސްޓްރީތަކަށާއި އިދާރާތަކަށެވެ.