އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން، ކެމިކަލް ރައްކާކުރާ ގުދަންތައް ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިފަދަ ގުދަންތައް ބަލާފާސް ކުރަމުން ދަނީ ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމްގެ ތެރެއިން ގުދަން ހަދާފައިވާ ގޮތާއި، ގުދަނުގައި ކެމިކަލް ރައްކާކޮށްފައިހުރި ގޮތާއި، އެތަނުގެ ތެރޭގައި ކަރަންޓް ވަޔަރިންގ ހުރީ ރައްކާތެރިކޮށްތޯ އާއި ޢިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތް ބަލާ ފާސްކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން އެފަދަ ގުދަންތަކުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިހުރިތޯ އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަލިފާން ނިވާ އާލާތްތައް ހުރިތޯ ވެސް ބަލާފާސްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޕްރޮގްރާމް މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެ ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ އެތެރެކުރާ ކެމިކަލް ރައްކާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ 126 ގުދަނެއް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. އެޕްރޮގްރާމަށް ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު