30 ވަނަ ޅެންވެރީންގެ ދުވަސް ތަޚްސީސް ކުރެވުނީ މަރްޙޫމް ޔޫސުފް މުޙައްމަދުފުޅަށެވެ. އާދެ! ދިވެހި އަދަބީ ދުނިޔޭގައި‏ މަޝްހޫރު ނަމުން ނަމަ އެދުރުބެއަށެވެ.

ޅެންވެރީންގެ ދުވަހާ ގުޅިގެން ރަސްމީ ޙަރަކާތްތައް ހިންގެވުމަށް ދިވެހި ބަހުގެ އެކެޑަމީން ނިންމެވީ އެދުރުބޭގެ އުފަން ރަށުގައެވެ. ރ.އިނގުރައިދޫގައެވެ.

އަދުގެ ގިނަ ޅެންވެރީންތަކެއް ބައިވެރި ކުރައްވައިގެން އެ ރަށުގައި އެކެޑަމީން ހިންގެވި ބައެއް ކަންކަމުގައި ބައިވެރިވުމަށްޓަކައި ދިޔުމުގު ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ. އެކެޑަމީން ކުރެއްވި މަސައްކަތްތައް ލޮލުން ދެކެ އަތުން ހިފުމުގެ ފުރުޞަތު ލިބުނެވެ.

އެދުރުބެ ހަވީރުގެ ތެރެއިން

ދިވެހި ބަހަށާއި ބަހުގެ އަދަބިއްޔާތަށް ދިރުން ގެނުވާނޭ ގިނަ ކަންތައްތަކެއް އެކެޑަމީގެ ފަރާތުން އިނގުރައިދޫގައި ހިންގެވިއެވެ. އިނގުރައިދޫގައި ހިންގެވިޔަސް އެ ޙަރަކާތްތަކަކީ މުޅި އަތޮޅަށް ހުޅުވައިލައިގެން އަތޮޅު ތެރެއިން ބައިވެރިވެގެން ހިންގި ޙަރަކާތްތަކެކެވެ.

ގިނަ ޢަދަދެއްގެ އިސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އެ ނޫން މީހުންނަށް ޅެން ހަދާން ދަސްކޮށްދޭ ކޯހެއް ހިންގިއެވެ. އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރާނޭ ގޮތުގެ ވޯކްޝޮޕެއް ހިންގިއެވެ.

އެދުރުބޭގެ ޒިކުރާ އައު ކުރަމުން އިސްކޫލު ކުދީންގެ ހުށަހެޅުންތަކަކާއެކު ޚާއްޞަ ”އެދުރުބެ ހަވީރު“ގެ ނަމުގައި ޢާއިލީ ހަވީރެއް ބޭއްވިއެވެ. ދަރިވަރުންނާއި ބެލެނިވެރީންނާއި އޮފީސްތަކުންނާއި ޅެންވެރީންގެ ހުށަހެޅުންތަކާއެކު ”ޅެންވެރީންގެ ގުންޒަރު“ގެނަމުގައި ޚާއްޞަ އިސްޓޭޖު ޝޯއެއް ބޭއްވިއެވެ. ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާވެސް އޮތެވެ.

އިސްކޫލް ދަރިވަރިންނަށް ހިންގި ޅެން ހަދަން ދަސްކޮށްދޭ ކޯހުގެ ތެރެއިން

މި ހުރިހައި ކަންތަކެއް ހިންގުމުގައި މަސައްކަތް ކުރަމުން ދިޔައީ ދިވެހި ބަހުގެ އެކެޑަމީގެ ހީވާގި މުވައްޒަފުންނެވެ. މި ބުރަ ބޮޑު މަސައްކަތުގައި އަވަދި ނެތި އެވެރިން އުޅެމުން ދިޔަ މަންޒަރު ލޮލުން ދުށީމެވެ.

އެ މުވައްޒަފުންގެ ފަރާތުން ފެނިފައިވަނީ ހަމައެކަނި ރަސްމީ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުޅައުމުގެ ޙައިޘިއްޔަތުން ކުރަމުން އައި މަސައްކަތްތަކެއް ނޫނެވެ. ބަހުގެ ދިރުމާ އެ މީހުންގެ ވިންދާ ގުޅި ލާމެހިފައި ވާ ފަދައެވެ. ބަހަށްޓަކައި ޤުރުބާން ވާން ވެސް ތައްޔާރޭ ބުނާ ފަދައެވެ.

އެދުރުބޭ ހަވީރުގެ ތެރެއިން

އެކެޑަމީ މުވައްޒަފުންގެ އާރުކާޓީއަކީ އަދި ހިންގެވިހައި ކަމެއްގެ މޭސްތިރިޔަކީ އެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.
އޭނާގެ ރޭވުންތެެރިކަމާއި ހިތްވަރާއި މި ކަމަށް ހުރި ޖޯޝު ގާތުން ފެނުނު މީހެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ހުރީ ހަމަ އަންތަރީސް ވެފައެވެ. ދިވެހި ބަސް ދެކެ އިންތިހާއަށް ލޯބިފުޅު ވާ ކަމަށް އަބަދުވެސް ވިދާޅުވެއެވެ. އެހެން ނަމަވެސް އެ ކަމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުން ބައެއް ގާތުން ފެނުމުން އެ ވާހަކަފުޅުގެ ތެދުކަން ޔަގީންވިއެވެ. އެ ބަހައްޓަވާ ޝަޢުޤުވެރިކަމަކާއި ބަހަށް ދެއްވާ އަހައްމިއްޔަތުކަން ފެނި ހަމަ ރަނގަޅަށްވެސް ޙައިރާންވެ ބަސް ހުއްޓުނެވެ.

ދިވެހި ބަހާއި ބަހުގެ އަދަބިއް​ޔާތު ނެގެހެއްޓުމަށާއި ދެމެހެއްޓުމަށްޓަކައި ދިވެހި ބަހުގެ އެކެޑަމީގެ ހީވާގި މުވައްޒަފުންނާއި ރައީސް ޢަޝްރަފް ޢަލީ ކުރައްވާ މިންނެން މަސައްކަތްޕުޅުތަކަށް ޓަކައި އައްސަރިބަހާއި ސާބަސް ދަންނަވަމެވެ. ދުޢާއަކީ ތިޔަ ކުރައްވާ އަގުހުރި މަސައްކަތްތަކުގައި ތައުފީޤު ދެއްވައި ﷲ ބަރަކާތް ލެއްވުމެވެ. އާމީން!

ބަހަކަށް މަށަށް ހަމަ އެންމެ މޮޅު، ބަހަކީ މި ރީތި ދިވެހި ބަހޭ
ބަހަކުން ލިޔަން އަދި މޮށެ އުޅެން، ބަސްތަކު ތެރޭން އެއްވަނަ ބަހޭ

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޅި

    ވަރައްސަޅި ތިތިބީ ވަރަށްދިވެހިވެފައި ޅެންވެރިވެފައި އެކަމަކު ދެން ގެއަށްގޮސް ދަރިޔަކާ އެހެންމީހަކާވެސް ދިވެހިބަހުން ނަމަ ނަމަ ވާހަކަނުދައްކާތި އޭރުން އެއޮތީ ދިވެއްސަކަށް ވީތީ ފަހުރުވެރިވެވިފައި....

  2. ޝިޔާމު

    އިނގުރައިދޫ ރައްޔިތުންގެ ހިތްހެޔޮ ކަމާއި އަދި އޯގާތެރިކަން މިދަތުރުން އަޅުގަނޑަށް ތަޖުރިބާ ކުރެވުނު މިއީ މިފަހުން ރަށަކުން މިފަދަ ރަސްމިއްޔާތަކަށް ނުކިޔާވަރުގެ ހޫނު މަރުޙަބާ އަކާއި މެހެމާނު ދާރީއެއް ފެނިގެން ދިޔަ ރަސްމިއްޔާތެއް އިނގުރައިދޫ ރައްޔިތުން ވަރަށް ބޮޑަށް ޝުކުރިއްޔާ އަދި އެކަޑަމީގެ ހުރިހާ މުވައްޒަފުންނަށް ވެސް ކުރެއްވި ބުރަމަސައްކަތައްޓަކައި ފަށްފަށުން ޝުކުރިއްޔާ .

  3. ކޮސް

    ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދު ކޮށްފައި އެކި ނަންނަމުގައި ދަތުރުތައްކޮށް މަޖާކޮށް، ކުދިން ލައްވާ ބަނޑިބަނޑިލައްވާ ނަށުވާ ހަދާފައި ކޮންމެ މީހަކު ހަބަނޑަށް ކާލައިގެން އައުމުން ބަހަށް ޚިދުމަތް ކޮށްދެވުނީބާ؟ އަދި އަދަށްވެސް ކުޑަކުދިން އެންމެ ގިނައިން ބަލާ ކާޓޫނު ތަކާއި ލަވަތައް ވެސް މިހުންނަނީ ފަރަންޖީ ބަހުން. އިސްލާމްދީނާ ދުރު އަމަލުތައް ހިންގާތަން އެއިން ފެންނަނީ. އެންމެންގެ އަތުގައި އޮންނަ ސްމާޓް ފޯނުންނާއި ގޭގައި ހުންނަ ޓީވީއިން ވެސް ކުދިން މުނިފޫހި ފިލުވަން ފެންނަން ހުރީ ހަމަ އެ. ދެން ކުދިން ދިވެހި ބަހަށް ފަރިތަ ވާނެ ވަރު ވިސްނާ. މިދާ ގޮތަށް ކަންތައް ދާނަމަ ކައިރި މުސްތަގުބަލެއްގައި ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު ވެސް ރާއްޖޭގައި ނޫޅޭނެ.