އާބާދީގައި 485 މީހުން ދިރިއުޅޭ ނ.ފޮއްދޫއަކީ ހިތްގައިމު ރަށެކެވެ. ހިތްހެޔޮ ރައްޔިތެއް ދިރިއުޅެމުންއަންނަ އަމާން ވެއްޓެއް ޤާއިމުވެފައިވާ ރަށެކެވެ. ވައްކަން ކުރުމާއި މާރީމާރީ ހިންގުން ފަދަ ގޯސް އާދަތަކަކީ ފޮއްދޫ ރައްޔިތުން ދަންނަ ކަންތައްތަކެއް ނޫނެވެ. ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް އަބަދުވެސް މަރުޙަބާ ކިޔާނެއެވެ. ރަށުތެރެ ސާފުވެފައި ނަލައެވެ. ކޮންމެ ފަރުދަކަށްވެސް އިޙްޞާސްކުރެވޭނީ ޖަޒީރާ ވަންތަ ސާދާ ދިރިއުޅުމަކުން ލިއްބައިދޭ އުފާވެރިކަމެވެ.

އާބާދީ ކިތައްމެ މަދުނަމަވެސް ރާއްޖޭގެ އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ފަދައިން ފޮއްދޫ ރައްޔިތުންވެސް އަސާސީ ޚިދުމަތްތަކަށް ބޭނުންވާނެ ތާއެވެ. ޒަމާނަށް އަންނަ ކުރިއެރުމާއި އެއްވަރަށް ރަށުން ލިބޭ ވަޞީލަތްތަކުގެވެސް ފެންވަރު ރަނގަޅުވުމަށް އެދޭނެއެވެ. އެއީ އިންސާނަކަށް ވީތީ، ކޮންމެހެން ބޭނުންވާ މުހުތާދު ތަކެކެވެ.

އަސާސީ ޚިދުމަތްތަކަށް ނުހަނު ބޭނުން

ފޮއްދޫ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ އެއް ޚިދުމަތަކީ ފެނާ ނަރުދަމާގެ އަސާސީ ޚިދުމަތެވެ. ފޮއްދޫއަކީ ލޯކަލް ޓުއަރިޒަމަށް ފައްކާ ވަމުން އަންނަ ރަށަކަށްވެފައި، ފެނާއި ނަރުދަމާގެ ޚިދުމަތް ރަށުން ލިބެން ނެތުމުގެ ދަތިކަން އެރަށު ރައްޔިތުން އަންނަނީ އިޙްސާސް ކުރުމުންނެވެ. މީގެ އިތުރުން ފޮއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީވެސް ވީ އެންމެ އަވަހަކަށް ހައްލު ބޭނުންވާ މައްސަލައެކެވެ. ދެ މޫސުމުގައިވެސް މި މައްސަލަ އަންނަނީ ކުރިމަތި ވަމުންނެވެ.

ރާއްޖޭގެ ގިނަ ރަށްތަކާއި ޚިލާފަށް ފޮއްދޫއަކީ ބަނދަރެއް ހެދިފައިވާ ރަށެއް ނޫނެވެ. ލަފާ ފުރުމަށްޓަކައި އެ ރަށުގެ ރައްޔިތުން ބޭނުންކުރަމުން އަންނަނީ ރަށުގެ އިރުމަތި ފަރާތުގައި ހަދާފައި އޮންނަ ޖެޓީއެކެވެ. އިރުވައި މޫސުމުގައި އެރަށު ރައްޔިތުންނަށް ލަފާފުރުން ވެފައި އޮންނަނީ ނުހަނު ބޮޑު ތަކުލީފަކަށެވެ. ކަންމިހެން ހުރި އިރު، އިރުވައި މޫސުމުގައި އެ ރަށު ރައްޔިތުންނަށް ލަފާ ފުރޭނެ ފަސޭހަ ގޮތެއް ހަމަޖެހިގެން ދިއުމަކީ އެ ރަށު ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. މިކަމަށް ހައްލެއް ލިބޭނެގޮތްކަމަށް އެރަށުގެ ގިނަ ރައްޔިތުން ޤަބޫލުކުރަނީ، ރަށުގެ ހުޅަނގު ފަރާތުގައިވެސް ޖެޓީއެއް ހެދުމެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުންއަންނަ ފޮއްދޫގެ ވަށައިގެންވާ ވެލިގަނޑަކީ އަބަދުވެސް ދުވާ ވެލިގަނޑެއްކަމަށްވާތީ، ބަނދަރެއް ހަދައިފިނަމަ އެ ވެލިގަނޑު ނެތިގެން ހިނގައިދާނެކަމަށް އެ ރަށުގެ ގިނަ ރައްޔިތުން ދެކެއެވެ.

ފޮއްދޫ އަށް ދިމާވެފައިވާ އަސާސީ ޚިދުމަތްތަކުގެ ދަތިތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އިމްރާޙު ވިދާޅުވީ، ފޮއްދޫގެ ފެނާއި، ނަރުދަމާ ގެ މައްސަލަ ހައްލުވެ، އިރުވައި މޫސުމަށްވެސް ލަފާފުރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ އެންމެ އެދޭ ދެ ކަންތައް ކަމަށާއި، އޭރުން ފޮއްދޫ އަކީ ހުރިހާ ގޮތަކުންވެސް ދިރިއުޅެން ފަސޭހަ ރަށަކަށް ވެގެން ދާނެ ކަމަށެވެ.

"މިރަށުގެ ޞިއްޙީ ހިދުމަތްތަކާއި މެދު ހިތްހަމަޖެހޭ. ރަށުގެ ތަޢުލީމީ ޙާލަތު ވަރަށް ރަނގަޅު. މިރަށުގަ މާރާމާރީއެއް ނުހިންގާނެ. ވައްކަމެއް ނުކުރާނެ. މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބައެއް. ހަމަ އެކަނި މިހާރު ބޭނުންވަނީ ފެނާ ނަރުދަމާގެ ޚިދުމަތް. ދެން ލަފާފުރޭނެ ފަސޭހަ ނިޒާމެއް." އިމްރާޙު ވިދާޅުވިއެވެ.

އެރަށު ބައެއް ރައްޔިތުންގެ ފަރާތުންވެސް މަޢުލޫމާތު ލިބުނު ގޮތުގައި އެރަށަކީ ވަރަށް އަމާން ވެއްޓެއް އަބަދުވެސް އޮންނަ ރަށެއް ކަމަށާއި ، ހުރިހާ ރައްޔިތުންވެސް ދިރިއުޅެމުންދަނީ ވަރަށް ގުޅިގެން ކަމަށެވެ. ޒަމާނުންސުރެ އެ ރީތި އާދަ އެ ރަށުގައި ވަނީ ހަރުލާފައެވެ.

ނ.ފޮއްދޫ ، ފޮޓޯ ފޮއްދޫ ކައުންސިލް

ގެސްޓް ހައުސް ވިޔަފާރިއަށް ހުރި ގޮންޖެހުންތައް

މީގެ ދޮޅު އަހަރު ކުރިން، "ސާއްބަ ސަމަރ ސުއިޓް" ގެ ނަމުގައި ގެސްޓް ހައުސް އެއް ރަޖިސްޓްރީ ކޮށްގެން އެ ރަށުގައި އަންނަނީ ހިންގަމުންނެވެ. ނަމަވެސް މިހާރު ވަނީ އިތުރު ތިން ގެސްޓް ހައުސް އަޅަން ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ގާތްގަނޑަކަށް 150 ގެސްޓްހައުސް އެ ރަށުގައި ތަރައްޤީވެގެން ދާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

ރަށަށް ލިބެންޖެހޭ އަސާސީ ޚިދުމަތައް ނުލިބުމުގެ ސަބަބުން ގެސްޓް ހައުސްގެ ވިޔަފާރިއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތި ވެފައެވެ. އެގޮތުން އެކަށީގެންވާ ބިން ނުލިބުމާއި، ރަށުގެ ފެންފަށަލައަށް ދިމާވެފައިވާ ތަޣައްޔަރުކަމާއި، ދަތުރުފަތުރު ކުރުމަށް ދިމާވެފައިވާ ހުރަސްތައް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

މިކަމާއި ގުޅޭގޮތުން "ސާއްބަ ސަމަރ ސުއިޓް" ގެސްޓް ހައުސްގެ މެނޭޖަރ، ޢަބްދުﷲ އައްބާސް ވިދާޅުވީ، ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވެފައި ނެތުމުން ބޭނުންވާ ވަރަށް ރަށުން ބިން ނުލިބޭ ކަމަށާއި، މިހާރު ހިންގާ ގެސްޓް ހައުސްގައިވެސް ފެން ބޭނުން ކުރަމުން މިދަނީ ވަޅުތަކަށް ޕަންޕު ލައިގެން ކަމަށެވެ.

"ފެނުގެ މައްސަލަ އެންމެ ބޮޑީ. ދެން ބޭނުންވާ އަދަދަށް ރަށުން ބިން ލިބެން ނެތުމުގެ މައްސަލަ. އެހެން ހުރިހާ ކަމެއް ޖުމްލަ ގޮތެއްގަ ވަރަށް ރަނގަޅު. ފޮއްދޫ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ ބައެއް." އައްބާސް ވިދާޅުވިއެވެ.

ކަންމިހެން ހުރިއިރު، މުޅި ރާއްޖެ، އެ ދާއިރާއަކަށް ބަރޯސާވެފައިވާ ދާއިރާ އަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ފޮއްދޫ ކަހަލަ ކުޑަ އާބާދީއެއްގައި މިހާ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރި ކުރިއަރަމުން އަންނަ އިރު، އެ ވިޔަފާރިން ރަށަށް ލިބޭ ނަފާއާއި، މަންފާ އޭގެ އެންމެ ފުރިހަމަ ގޮތެއްގައި ލިބޭނީ ، ފޮއްދޫއަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް އެދެވޭ ގޮތެއްގައި ލިއްބައިދީގެންނެވެ. އަމާން ހިތްފަސޭހަ، ކުޑަ ކުޑަ ފޮއްދޫގައި ދިރިއުޅޭ ކުދި ބޮޑު އެންމެންވެސް ދެކެން ބޭނުންވާ ދުވަހަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޒާ

    ތި ފޮޓޯތަކުން ފޮއްދޫގެ ސާފުރީތި ގޮނޑުދޮއްތަކާއި ރީތިކަން ހާމަވޭ. އަުފާވަނީ ނުބައި ކަންކަމުން ދުރުވެފައިވާ ޒުވާނުންނާއި ރައްޔިތަކު އުޅޭތީ. ތިޔަގޮތުގައި ރަށް އަބަދުވެސް ބޭއްވޭތޯ ރަށުގެ ކޮންމެ ރައްޔިތަކުވެސް އަޒުމު ކުރާތި. ތިއީ އަހަރެމެންގެ ކާބަފައިން ގެނެސްދިން ރީތި ސިފައަކީ. ފޮއްދޫއަށްވެސް މިޒަމާނުގެ ތަރައްގީ ލިބެންވާނެ. ނަމަވެސް ރަށުގެ އަމާންކަން ނަގާނުލާތި.

  2. ސޯޅަ ގެވަޅު

    ތަރުޖަމާނުގެ ރަށްވީމަ

  3. ރޯނުއެދުރު

    ގޮތް ދޫނުކުރާ'އަނެކުންގެ އިހުސާސްތައް ނުވިސްނާ ބަޔަކު ގިނަ ރަށެއް

    • ޕޮކި

      ހަސަދަވެރި ވުމުގެ ނުބައި ސިފައިން ރޯނު އެދުރު ދުރުވުމަށް ނަސޭހަތްތެރިވަން

    • ރަދުން

      ތިޔަބުނީ ހެޔޮކޮށް. 2 ރުފިޔާ ފެނުނަށް ތިމާވަރެއް ނެތިގެންއުޅޭނީ. ތިރަށުމީހުންގެ ފޮނިބޮޑުކަމުން ގައިން ހަކުރު ވިރިގެންފައިބާހެން ހީވަނީ.

  4. ޢަލީ ހަމީދު

    ރައީސް އިބޫ އައް ދަންނަވަން ފޮއްދޫގަ ދިރިއުޅޭ އެއްމެންނައް މަނަދޫގަ ގެދޮރު އަޅައި ދިނުމައް ފަހު މީހުން ބަދަލް ކުރުމައް.. 2000 އަކަފޫޓް ބިމުގަ 3 ކޮޓަރި ގެއެއް އަޅައިދިނުމައް.. މިފައިސާ ހޯދާނީ ޓުއަރި ޒަމު މަސައްކަތައް ވިއްކާލައިގެން.. ރަށުން ލިބޭ ފައިދާ ނ.އަތޮޅު ރައްޔަތުން ނައް ލިބޭގޮތައް ބޭއްވުމައް..

    • ފޮއްދޫ މޯލްޑިވްސް

      ތިތާކަށް ނުދާނަން ދިރި އުޅޭނެ ތަނެއް ނެތަސް

  5. އިބްރާހިމް

    ނ. ފޮއްދޫ ރައްޔިތުންނަށް. ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ތިޔަފަދަ އާބާދީ މަދު ކުދި ރަށްރަށުގައި ދިރިއުޅުމަކީ ވަރަށް ދަތި އުނދަގޫ ކަމެއްނޫންތޯއެވެ؟. ތިޔަބޭފުޅުން ސަރުކާރާއި ވާހަކަދައްކައިގެން ފޮއްދޫ ރިސޯޓްހަދަންދީ ލިބޭ ފައިސާއިން ތިޔަބޭފުޅުންނަށް ރާއްޖޭގައި މީހުންދިރިއުޅޭ ، ވަސީލަތްތަށް ގާއިމްކޮށްފައިވާ ބޮޑު ރަށެއްގައި ގެދޮރުއަޅާގޮތަށް ވާހަކަދެއްކުން ބުއްދިވެރި ނޫންތޯއެވެ؟ ވަކި ނަމެއްކިޔާ ރަށެއްގައި ދިރިއުޅެގެން ލިބޭނެ މޮޅެއް އެބައޮތްތޯއެވެ؟. ދަތުރު ފަތުރުގެ ނިޒާމު ދަތި ، ފެނާއި ނަރުދަމާ ނެތް، އާބާދީ މަދުވުމުގެ ސަބަބުން ސިއްޙީ ނިޒާމާއި ތަޢުލީމީ ނިޒާމު ނެތް ކުދި ރަށްރަށުގައި އުޅެގެން ޙާސިލްވާނެކަމެއް ނެތެވެ. ރަށުގެ ބޮޑުންގެ ދެތިންމީހުންގެ ވަޒީފާ ގެއްލިދާނެތީވެ އެހެން ރަށަކަށް ބަދަލުވާން އެމީހުން ބޭނުމެއްނުވާނެއެވެ. ނަމަވެސް ދެތިންމީހުންގެ މަސްލަހަތަށްޓަކައި މުޅިއާބާދީ ދަތިހާލުގައި އުމުރު ހޭދަކުރުމަކީ ކޮންކަހަލަ އިންސާފެއްތޯއެވެ؟

    • ފޮއްދޫ މޯލްޑިވްސް

      މިރަށު މީހުން ބޭނުމެއް ނުވޭ މިތަން ދޫކޮށް ދާކަށް

      • ނަން ނުޖެހޭ ބުނާކަށެ

        ފޮއްދޫގެ ބައެއް މީހުން ބޭނުން ނުވަނީ .. އެއީ އެ މީހުން ގެ ކާބަފައިން ވަޅުލެވިފާ އޮތީ މާ . އެކަމަކު ގިނަ މީހުން އުޅެމުން ދަނީ ފުރަ މާލޭ ގަ ކަމަށް ދިރާސާ ތަކުން ދައްކާ ...

  6. އަލީ

    ބަނަދަރު ހެދީމާ ޖަޒީރާ ވަންތަކަން ގެއްލި ހިގާދާނެ ، ޖެޓީ އެއް ހެދިއްޔާ މާރަގަޅުވާނެ

  7. ބެރެބެދި

    އިބުރާހިމް އާ އަލީހަމީދުގެ ކޮމަންޓް އައް ވަރައްތާއީދު..

  8. މެހެމާނެއް

    ފޮއްދޫ މީހުންނަކީ ވަރަށް ހިތްހެޔޮ، ރިވެތި އަޚުލާގެއްގެ ބައެއް.

  9. ޭއެމަންޖެ

    މީހުންގެ ފިރިން ކާ އަންހެނުން އުޅޭ ރަށެއް

  10. ދޯ

    150 ގެސްޓްހައުސްއޭ. ތިޔަރަށު މީހުންދިރިއުޅޭ ގެތަކުގެ އަދަދު ކިހާވަރެއް؟ ތިހާވަރަށް ގެސްޓްހައުސް އެޅާން ނިންމީ މޫދުކޮޓްރިއާއެކުތަ؟ އެހެން ިއްޔާ މިހާރު ތިޔަ ރަށުގައި ދިރިއުޅޭ މަދު މީހުންކޮޅު ފައިބާންވީ ތިޔަ ރަށުން. މުޅި ރަށް ރިސޯޓަކަށް ބަދަލުކޮށްލާ.

  11. ނަން ނުބުނާނަން

    ގުދުރަތީ ގޮތުން ރީތި ރަށެއް . އެކަމަކު ފޮއްދޫ ބައެެއް މީހުން ދިރި އުޅެމުން އަންނަނީ ފުރަ މާލޭ ގައި ...
    މިހާރު ވެރިކަން ކުރާ މީހާ ކާރި ބުނެގެން ނަރުދަމާ އަޅަން ވިސްނަން ވީ ކަންނޭގެ ..

  12. ބޭބެ

    ފޮއްދޫ މީހުން ހުޅުމާލެއަށް ބަދަލް ކޮށްދީބަލަ

    1
    1