ޕީޕަލްސް އެކްޝަން ޕާޓީ، ނުވަތަ ރައްޔިތުންގެ ހަރަކާތުގެ ޕާޓީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ "ހިއްސާކުރެވޭ ލާމަރުކަޒީ އިއްތިހާދީ، ނިޒާމުގެ ސަރުކާރެއް" ދިވެހިރާއްޖޭގައި ޤާއިމު ކުރުން ކަމުގައި އެ ޕާޓީގެ ވަގުތީ ރައީސް ފުޢާދު ޒާހިރު ވިދާޅުވެއްޖެއެވެ.

ފުޢާދު މިހެން ވިދާޅުވީ، އެ ޕާޓީގެ އަސާސްތަކާއި މަޤްޞަދުތަކާއި ގުޅޭގޮތުން މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް މާފަންނު ބަހީޖު ޕެލަސް ގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަނީ، ޕީ.އޭ.ޕީ ހިންގާނެ ގޮތުގެ އަސާސްތަކާއި، އުޞޫލުތައް ހިމެނޭ އަތްމަތީ ފޮތެއްވެސް ނެރެފައެވެ. މި ފޮތް ނެރެދެއްވީ، އެ ޕާޓީގެ ވަގުތީ ޕޮލިޓިކަލް އެޑްވައިޒަރ ސަންދާނު އަހަންމައިދީދީ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުން ފުޢާދު ވިދާޅުވީ، ޕީޕަލްސް އެކްޝަން ޕާޓީން އެންމެ އިސްކަމެއްދޭނީ ތަރައްޤީގެ މަންފާ އެންމެންނަށް ފުޅާކޮށް ފެތުރޭ، ޢަދުލުވެރި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށް ކަމަށާއި، މިހާރު ރާއްޖޭގައި މި ހިނގާ ލާމަރުކަޒީ އޮނިގަނޑު ބަދަލުކޮށް އެންމެންނަށްވެސް ބައިވެރިވެވޭ، ލާމަރުކަރީ، ސިޔާސީ، އަދި އިދާރީ އޮނިގަނޑެއް ޤާއިމު ކުރުމަށްކަމަށެވެ.

"ރާއްޖޭގައި މިހާރު މި އޮތް ނިޒާމަކީ މަރުކަޒީ ނިޒާމެއް. މި ނިޒާމާއި އެކު މި ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. ތަފާތު ހަތަރު ސްޓޭޓް ތަކަކަށް މި ރާއްޖެ ބަހާލަން އެބަ ޖެހޭ. އޭގެ ދަށުން ޕްރޮވިންސްތައް އުފައްދަން އެބަ ޖެހޭ. ބާރުތައް ވަކިން އެ ސްޓޭޓްތަކަށް ލިބެން އެބަ ޖެހޭ. މިއީ މުޅި ދުނިޔޭގަވެސް އެންމެ ކާމިޔާބު ނިޒާމު." ފުޢާދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މި ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ، އިބްރާހީމް ޞަބާޙް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ ހިއްސާކުރެވޭ ލާމަރުކަޒީ އިއްތިޙާދީ ނިޒާމެއްގައި ސްޓޭޓް ސަރުކާރުތަކާއި، ޤައުމީ ސަރުކާރެއް އޮންނާނެ ކަމަށާއި މި ދެ ސަރުކާރުންވެސް ޙިއްސާވާ ކަންކަން ހުންނާނެ ކަމަށެވެ. އޭގެތެރޭގައި ޓެކްސް ނެގުމާއި، ޤާނޫނާއި ޤަވާއިދުތައް ނެގެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ދަރަނި ނެގުން ފަދަ ކަންކަން ކުރާނީ ދެ ސަރުކާރުން ޙިއްޞާވެގެންކަމަށްވެސް ޞަބާޙު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށްފަހު، ތަފާތު ގިނަ ޕާޓީތަކެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕީ.އޭ.ޕީ އަށްވެސް 3000 މެމްބަރުން ހޯދައި، ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ މުއްދަތު ދެއްވާފައެވެ. ޕީ.އޭ.ޕީ އުފެއްދުމުގެ ހުއްދަ ދެއްވާފައިވަނީ، ކ.މާލެ، ދަފްތަރު ނަމްބަރ 9799، އަލްފާޟިލް ޝުއައިބު ޢަލީ ރަޝީދަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    ލާމަރުކަޒީ ނިޒާމް ގާއިމުކުރަން ރާއްޖެގަ އަދި 50 އަހަރު ހޭދަވާނެ . ނިޒާމް މިގެނައީ ނިޒާމްތަރައްގީ ވުމުގެ މާކުރިން . މިހާރު ލާމަރުކަޒީ ނިޒާމްގެނެވިފާ މިވަނީ ހަމަ އެކަނި ނަމަކަށް. މިހާރު މި ނިޒާމުގެ ސަބަބުން ދަވްލަތަށާ ރައްޔިތުންނަށް ވަނީ ގެއްލުން. ނިޒާމް ގެނައުމުގެ ކުރިން އެނިޒާމް ގެނައުމަށްޓަކާ ކުރަންޖެހޭ ކަންކަން ފުރިހަމަކުރަންޖެހޭނެ . ނިޒާމް ޕްރޮމޯޓް ކުރަންވާނީ އޭގެ ފަހުން. ތަރައްގީ ވާއިރު ކޮންމެ އަތޮޅެއްގެ އާމްދަނީ އިން އެ އަތޮޅެއް ހިންގޭނެ . މައިސަރުކާރުން ކޮށްދޭންޖެހޭކަމެއްނޯންނާނެ.

  2. އަންޒާން

    ލާމަރުކަޒީ ސަރުކާރެއް ބޭނުމެއްނޫން.. ބޭނުމީ މަރުކަޒީ ހިންގުންތެރި އަދި އިންސާފުވެރި ސަރުކާރެއް. ސިންގަޕޫރު ސިންގަޕޫރައްވެގެން ދިޔައީ ލާމަރުކަޒީ ސަރުލާރެއްގެ ސަބަބަކުންނެއް ނޫނެވެ.

  3. عبدالله

    މަރުކަޒީއާއި ލާމަރުކަޒީގެ ތަފާތު ރައްޔިތުންގެ ގާތުގައި ސަރުކާރުން ބުނަށްޖެހޭނެއެވެ.