ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް "ނޭޝަނަލް ޕޭ ކޮމިޝަން" ގައި މިހާތަނަށް ތިއްބެވި ބޭފުޅުން ވަކި ކުރައްވައި، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ކޮމިޝަނަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.

"ނޭޝަނަލް ޕޭ ކޮމިޝަން" އަށް މިއަދު އައްޔަން ކުރެއްވި މަރްޔަމް ނިޔާފް މުޙައްމަދު (ހެންވޭރު. ނީލަމް) ޢަފާފް އިބްރާހީމް ޢަލީދީދީ (ވިލިނގިލި. މިންނަތް) ޢަބްދުﷲ ޢަލީ (ރޯނުގެ، ހދ. ހަނިމާދޫ) ފާޠިމަތު ޝާނާ ފާރޫޤު (މާފަންނު. ލަންސިމޫގެ) އެވެ.

މަރްޔަމް ނިޔާފް މުޙައްމަދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން މާސްޓަރ އޮފް ސައިންސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ގެންދަވަނީ މެލޭޝިޔާގެ މެނެޖްމަންޓް ސައިންސް ޔުނިވަރސިޓީ އިން ބިޒްނަސް/އެޗް.އާރ ދާއިރާއިން ޕީ.އެޗް.ޑީ ފުރިހަމަ ކުރައްވަމުންނެވެ. މަރްޔަމް ނިޔާފް މުޙައްމަދު ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ލެކްޗަރަރއެއްގެ މަގާމު އަދާ ކުރައްވަމުންނެވެ.

ޢަފާފް އިބްރާހީމް ޢަލީދީދީ އަކީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބްދުﷲ ޢަލީ އަކީ އެމެރިކާގެ އީސްޓަރން މިޝިގަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް އާޓްސް އިން އިކޮނޮމިކްސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޢަލީ ގެންދަވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓްގެ މަގާމު އަދާ ކުރައްވަމުންނެވެ.

ފާޠިމަތު ޝާނާ ފާރޫޤު ގެންދަވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާ ކުރައްވަމުންނެވެ.

"ނޭޝަނަލް ޕޭ ކޮމިޝަން" ގެ ނައިބު ރައީސް ކަމަށް ހަމަޖައްސަވާފައިވަނީ މަރްޔަމް ނިޔާފް މުޙައްމަދެވެ. އެކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރެވެ.

ޤާނޫނު އަސާސީގައި ރާއީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ފަރާތްތައް ފިޔަވައި، ދައުލަތުގެ އެހެނިހެން މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެމީހުންނަށް ދެވިދާނެ ޢިނާޔަތްތަކާއި ވަޒީފާއިން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ޢިނާޔަތްތައް ދެވޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅާނީ ޕޭ ކޮމިޝަނުންނެވެ.

ރާއްޖޭގެ އެކި ސަރަޙަ އްދުތަކުގައި ދިރިއުޅުމުގެ ޚަރަދު ހުރި ނިސްބަތަށް ބަލައި، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޢިނާޔަތްތަކުގެ ތަފާތުކުރުން ގެނެވިދާނެ ހަމަތަކާއި އުސޫލުތައް އެކުލަވާލުމުގެ ބާރު ވެސް މިކޮމިޝަނަށް ލިބިގެން ވެއެވެ.

ޕޭ ކޮމިޝަން ފުރަތަމަ އެކުލަވާލީ 2016 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދދދދދދ

  އޭއި އޭއި ކުރީގަ ހެދިހެން މުސާރަކޮޅުން އެއްބައި ފޭރިގަންނާނީކީ ނޫން.

 2. ކޮމިޝަންބަލާ

  މިއޮތީ ވާ ކަމެއް. ހުރިހާ މިނިސްޓްރީތަކާ މުައައްސަސާތައް އުވާލަން ފެނޭ. ކޮމިޝަންތަކެއް ބެހެއްޓީމަ ނިމުނީނު ކޮންމެ ކަމަކަށް. ބލއެއް

 3. ރަސީދު

  އަނެއްކާ ކޮމެޓީއެއް

 4. ޒަރޫރީ

  އިންސާނާއަށް އެންމެ އަސާސީ އެއްޗަކީ ރުފިޔާ ސަބަބަކީ ކާނާ، އަންނައުނު، ބޯހިޔާވަހިކަން ފޯނު މިފަދަ ޒަރޫރީ އެއްޗެހި ގަންނަން އަހަރަމެން ބޭނުންކުރާ އެއްޗަކީ ރުފިޔާ. އެހެންކަމުން ރުފިޔާ ޑިސްޓްރިބިޔު ކުރުމުގައި އެއްވެސް ތަފާތެއް ހުރެގެންނުވާނެ. ޑޮކްޓަރެކޭ ޕީއެޗްޑީ ހަދާފަހުރި މީހެކޭކިޔާފަ ލާރި ގިނައިން ދީގެންނުވާނެ. ކިޔަވަންބޭނުންމީހަކު ކިޔަވަންޖެހޭނީ ކިޔަވާހިތުން.

  • މަގޭ ހިޔާލު

   ނުކިޔަވާ ތިބޭ މީހުންގެ ވިސްނުް ހުންނާނީ ތިހެން. ކިޔަވާ މީހުން އެކަމަށް ކުރާ ހަރަދާ އެކަމަށް ހޭދަކުރާ ވަގުތާ އެކަމަށްޓަކައި ވާ ޤުރުބާނީތަކެއް އިހްސާސްއެއް ނުވާނެ. ނުކިޔަވާ މީހުންނާ ކިޔަވާގެން ތިބޭ މީހުންނާ ސެލެރީގެ ތަފާތެއް ނުވަންޔާ ކޮބާ ކިޔެވުމުގެ ބޭނުމެއް ؟

 5. ރެޑިކަލް

  އިންސާނާއަށް އެންމެ އަސާސީ އެއްޗަކީ ރުފިޔާ ސަބަބަކީ ކާނާ، އަންނައުނު، ބޯހިޔާވަހިކަން ފޯނު މިފަދަ ޒަރޫރީ އެއްޗެހި ގަންނަން އަހަރަމެން ބޭނުންކުރާ އެއްޗަކީ ރުފިޔާ. އެހެންކަމުން ރުފިޔާ ޑިސްޓްރިބިޔު ކުރުމުގައި އެއްވެސް ތަފާތެއް ހުރެގެންނުވާނެ. ޑޮކްޓަރެކޭ ޕީއެޗްޑީ ހަދާފަހުރި މީހެކޭކިޔާފަ ލާރި ގިނައިން ދީގެންނުވާނެ. ކިޔަވަންބޭނުންމީހަކު ކިޔަވަންޖެހޭނީ ކިޔަވާހިތުން.

 6. އާދަމް ޒާހިރު

  މަޖިލީހުގެ މެމްބަރުންގެ މުސާރަ ކަނޑައެޅުން، މެމްބަރުންގެ އަތުން އަތުލަންޖެހޭ

 7. ހުސްނީ

  ކޮމެޓީ ސަރުކާރު. ހިންނަވަރު ތަރައްޤީ ކޮމެޓީ. ނުވިހާ ދަރިންގެ ކަންކަމާއި ބެހޭ ކޮމެޓީ. ނަރުދަމާ އިން ބޭރުވާ ނަޖިހުގެ ކޮމެޓީ.