ބިޑްކުރަން ސަރުކާރުން އިއުލާން ނުކުރަނީސް ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތާއި މަޝްރޫޢުތައް ހަވާލު ކުރެވޭނެ އުސޫލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާންކޮށް، އެއުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

ރައީސް އޮފީހން އިއުލާން ކުރި "ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލް" އަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި އުސޫލުގެ ދަށުން ވަކި މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އިޢުލާންކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން، ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރުން ކަނޑައަޅައިފައިވާ ވަކި މަޝްރޫޢަކަށް ނުފެތޭ، ނަމަވެސް ސަރުކާރުގެ ތަރައްޤީގެ އަމާޒުތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭފަދަ މަޝްރޫޢުތަކާ ގުޅޭ ޕްރޮޕޯޒަލްތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭފަދަ ޕްރޮޕޯޒަލްތައް ބިޑަށް ހުޅުވައިނުލިޔަސް، އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން ސަރުކާރަށް ހުށަހެޅިދާނެއެވެ.

ނަމަވެސް އިޢުލާނުކޮށްފައިވާ ނުވަތަ އިޢުލާނުކުރުމަށް ރާވައިފައިވާ، އަދި އިޢުލާނުކޮށްގެން މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުޙަލާއެއް ފަށައިފައިވާ މަޝްރޫޢަކާ ގުޅޭ ޕްރޮޕޯޒަލެއް މި އުސޫލުގެ ދަށުން ބަލައެއްނުގަންނާނެ ކަމަށް އުސޫލުގައި ވެއެވެ.

ރައީސް އޮފީހުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ފްރޮޕޯޒަލް ހުށަހަޅަންޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓަށެވެ. ނަމަވެސް މިފަދައިން ބިޑްކުރުމަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލްތަކާ ގުޅިގެން އެންމެ ފަހު ނިންމުން ނިންމާ ފަރާތަކީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލްކަމަށް މިއުސޫލުގައި ވެއެވެ.

ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލްގެ މަޤްޞަދަކީ ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ޚިޔާލު ބައިވެރިކުރެވޭނެ ގޮތްތަކެއް ހޯދައިދިނުންކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނުރަބޯ

    ޕަކާސް.......!! މާލީގޮތުން އެހީތެރިވިމީހުންނަށް ފައިސާ އަނބުރާދައްކަނީ ވެސް ގައުމު ފެލައިގެން. ބަލަގަ ވަގުން ކިޔަނީ ހަމައެކަނި ފޮށިފަޅާ މީހުންނަކަށް ނޫނޭ. ތިޔައީ ދުވާލުގެ އަލިކަމުގައި ކުރާ ބޮޑެތި ވައްކަން.

  2. ބޮއްބޮ

    ސުބްޙާނަﷲ. އަދިކިރިޔާދޯ ކުޅިގަނޑު މިފެށެނީ.

  3. ބީނޫ

    ކުބާ ކުބާ މިއޮތީ ޕާޓީ ކުދިންނަށް ހަދިޔާ ދޭން ފުރުސަތު ހުޅުވާލާފަ...މީހަމަ ސީދާ ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް އުސޫލެއް...މިކަމާ ލާދީނީ ގުރޫޕު ޗުއްޕުވެސް ނުބުނާނެ.

  4. ޞދ

    މިހާރު ކޮންތާކު މިޖެހުނީ

  5. Anonymous

    ސުބުހާނަﷲ

  6. Miadhu

    މިރަށުގެ ފެނާއި ނަރުދަމާ އެޅުމަށް 7.5 މިލިއަންރުފިޔާއަށް ބިޑް ހުށައަޅަން ސަރުކާރުން ޕްލޭނުއޮތީ 2022 ވަނައަހަރު އެކަންކޮށްދިނުމަށް ދެން ފައިސާލިބޭނީ ކޮންދުވަހަކުން

  7. ފަހަރި ދައިތަ

    މި މީހުންކުރީމަ އޯކޭ..ޔާމީން ކުރީމަ ގޯސް..

  8. ޔުން

    ހަމަ އެއްތާކު ނުން މިޖެހެނީ

  9. ރައްޔިތުން

    މިޔައް ކިޔަނީ ކޮރަޕްޝަން...

  10. ޖ

    މީކިހިނެއްތަ މިވަނީ

  11. ބެއްޔާ

    ވަގަށް ފައިސާ ނެގޭނެ ސަޅިގޮތެއް.

  12. ނޫސްކިޔާމީހާ

    ކޮބާ ކިހާވަރެއްވި، ރައީސް ޔާމީންގެ ސަރުކާރުން ބިޑުނޮކޮށް ޕުރެޖއްކްޓްތައް ދިނުމުން ބޮނޑުމައްސަލައަކަށްވެ އިންތިޚާބު ތެރޭގެ މީ ބޮނޑުކޮރަޕްޝަން ގެ ޢަމަލުތައްކަމަށް ބުނެ ރައްޔިތުންގުބޯ ހައްދައިގެން ވެރިކަން ހޯދުމަށްފަހު ބިޑުނުކޮށް ޕުރެޖެކްޓްތައް ދިނުމަކީ މިހާރު ވިވެރިންނަން އެންމެ ކަމުދާގޮތްކަމަށްމިވީ.

  13. ޚަޒާނާކާ

    ދެން ދުވަހަކު ވެސް ޕްރޮޖެކްޓެއް ސަރުކާރަކުން އިއުލާނެއް ނުކުރާނެ. މުޅިން ވެސް އަމިއްލަ އަށް ފެނިގެން ހުށަހަޅާ ޕްރޮޕޯޒަލް ދެން ހުންނާނީ. މީވާ ބައެއް ސަހާދެ. ދެން އަވަހަށް ކޮމިޓީއެއް ހަދާ "އަމިއްލަ ފަރާތްތަކުން ޤައުމުގެ ތަރައްޤީއަށް ހިންގުމަށް ޕްރޮޕޯޒަލް ހުށަހަޅާ ޕްރޮޖެކްޓްތައް އިވަލުއޭޓް ކުރާ ކޮމިޓީ". މީގެ ބޮޑަކަށް އަލީ ވަހީދު ލީމަ ހުންނާނީ ރަގަޅަށް.

  14. ވިސްނާ

    މިއީ ކޮރަޕްޝަނަށް މަގުފަހިވާއަމަލެއް ކޮރަޕްޝަންހުއްޓުވުމަށް އަޑުއުފުއްލަވާ ވަޑައިގަތް
    ބޭފުޅުންގެފަރާތުންމިކަހަލަކަންތައްފެނުމަކީ ވަރަށްދެރައިތުބާރުކުޑަވާނެކަމެއް ކޮރަޕްޝަނަށް
    ވާނެކޮންމެފަރާތަކުން ކުރެއްވިއަސް ދެރައީ ފާރުބުޑުންދަންޏާމުން ކެޔޮގަނޑުކަޑާލާނެކަމަށް
    އަޑުއުފުއްލަވާތީ

  15. ނައިސް

    ޔާމީން ނަމަކަށްވާނީ.... އަންނި އާއި ޖިންނީއާއި ކިނބޫ.... ހަމަ އޯކޭ.... ހަލާކުހުރި. ސަރުކާރު ވައްޓާލަން ނުކުންނަގަޑި ޖެހެނީ.... ތައްޔާރުވޭ ދިވެހި ދަރިންނޭ.... އިބުރާ އާއި ޝަހިންދާ ދަންޖައްސަމާ...؟ މާލަސްނުވަނިސް މިގައުމު ސަލާމަތްކުރަންޖެހޭ....

  16. މުގުރާން

    މި ގައުމުގެ ދުވަސް ދެން މިދިޔައީ؟؟ ޕާޓީ އަށް ބައިއަޅާ ގޮތަށް ހުރިހާކަމެއް އިންޑިއާ މީހުންނަށް ދޫކޮށްލާނެ!! މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާ މީހަކު އަޅުގަނޑު ގާތު މިވާހަކަ ބުނި؟

  17. ޙިޔަޅު

    ލައިލާގެ އެލިޔާ އަށް ރަނުގެ ފުރުސަތް.
    މީ ކަރަފްސަނާ އޮޅުވާލުން

  18. މަތިވަރު

    ޚުދުމުޚުތާރު ކަން އިންތިހާއަށްދަނީއެވެ. މިވަރުން ކަންތައްދާނަމަ ހުރިހާ ސިޔާސީ ޕާޓީތަކެއްވެސް އުވާލާފަ ރީނދޫޕާޓީ އެކަނި އޮންނާނީ. އެއީ އެމީހުން ދަންނަ ޑިމޮކްރަސީޔޯ.

  19. ޕަކާސް އަހަންމަދު

    ހެހެހެހެހެހެހެ ކޯއްޗަަކަށްމިވީ؟؟؟؟ ސީދާ ކޮރަޕްޝަން. ރައްޓެހިންނާ ޕާޓީ މީހުންނަށް ނާޖާއިޒްކޮށް ފުރްސަތު ހޯދައިދިނުން. ސީދާ ކުށެއް. އަދުވެސް ކޮމ،ިޝަންތައް ހަދާ!!!!!
    މި ގއުމުން ދުވަހަކުވެސް ކޮރަޕްޝަން ވަބާ ނުދާނެ! މި 5 އަހަރު މޫލާ ހަރުވާނެ. ކުރީ 5 އަހަރު ނިރު ލާފަ އޮތީ.

  20. ރެމްސީސް

    އޮހޮހޮހޮހޯ އެބުނާހެން ކުޅިގަނޑު ފެށުނީއެވެ. ނަގޫރޯޅީގެ ވައި އަރަންފެށީއެވެ. މިކަމުން ސަރުކާރުގެ ކުންފުނިތައް ސަލާމަތްވާނެބާވައޭ ހިތައްއަރައެވެ. ޔާރައްބު ރީނދޫ ޣައްދާރު ޚާއިނުންގެ ކިބައިން އަޅަމެން ސަލާމަތް ކޮށްދެއްވަވާފާނދޭވެ....އާމީން.

  21. ރައްޔިތުން

    ވަރަށް ރަނގަޅުކަމެއް. ބޮޑެތި ފާމް ތަކާއި. ބިޔަ އާ ޕްރޮޖެކްޓްތައް ފައިސާ ހުރި ފަރާތްތަކުން ކުރުމުގެ ފަހިފުރުސަތެއް.

  22. ގުއިރޯނު

    އެއްދާން ކުރުމުގެ ކޮމިޓީއެއް އެކުލަވާލަން ފެނޭ!!!