ނ.މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް، އަންނަ ފެންރުއަރީ 28 އަށް ނިމޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް ވިދާޅުވެއްޖެއެވެ.
މާފަރު އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ސާމީ ވިދާޅުވީ، އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ މަހުގެ ނިޔަލަށް އެއާޕޯޓުގެ ހުރިހާ މަސައްކަތެއްވެސް ނިމޭނެ ކަމަށެވެ. އަދި ކުރީގައިވެސް އެއްބަސްވެފައިވާ ގޮތަށް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، އެއާޕޯޓުގައި، ވީ.ވީ.އައި.ޕީ ލޮންޖަކާއި، ސިޓީ ހޮޓަލެއްވެސް ތަރައްޤީވެގެން ދާނެ ކަމަށް ސާމީ ވިދާޅުވިއެވެ.
"ފެބްރުއަރީ 28 އަށް ނިމޭނެ. އެމީހުންނަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތް ނިމެނޭ. ދެން ޝެޑިއުލް ދަތުރުތަށް ފެށުމާއި އެކަންކަން ކުރާނީ އެހެން ބައެއް. އެއީ ފްލައިޓްސް އޮޕަރޭޓަރުން ކުރާ ކަމެއް ދެއްތޯ." ސާމީ ވިދާޅުވިއެވެ.
މާފަރު އެރަޕޯޓުގެ މަސައްކަތަކީ 2007 ވަނަ އަހަރު އިޢުލާން ކުރެވި، މިއަދާއި ހަމައަށް އައިއިރުވެސް އެއްކޮށް ނިންމާލެވިފައިނުވާ އެއަރޕޯޓެކެވެ. 2200 މީޓަރުގެ ރަންވޭއަކާއި އެކު ހަދާ، މާފަރު އެއާޕޯޓުގައި ޕްރައިވެޓް ޖެޓް ޕާރކިންގ ޒޯނެއްވެސް އޮވެއެވެ.
ސިންގަޕޫރުގެ އޮފްޝޯ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތާއި، އަދި ބައެއް މަސައްކަތްތައް ސަބް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން މީގެ ކުރިންވަނީ މީޑިޔާގައި އަޑުތަކެއް ފެތުރިފައެވެ. އެގޮތުން ބައެއް ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމާއި، އަދި އެކަމުގެ ސަބަބުން ބައެއް ކުންފުނިތައް އެމީހުންގެ މަސައްކަތް ހުއްޓާލުމަށްފަހު މާފަރުން ފައިބައިގެން ގޮސްފައިވާ ކަމުގެ މަޢުލޫމާތު ތަކެއްވެސް ވަނީ ލިބިފައެވެ.
މިކަމާއި ގުޅޭގޮތުން ސާމީ ވިދާޅުވީ، ސަބް ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތް ހަވާލުކުރާ ފާރާތްތަކަކީި ކޮންބައެއްތޯ، ނޫނީ ކިހާ ފެންވަރެއްގެ ބައެއްތޯ ބެލުމަކީ ރީޖަނަލް އެއާޕޯޓްސް ގެ ޒިންމާއެއް ނޫން ކަމަށާއި އެކަންކަން ބަލާނީ މަސައްކަތް ނަގާފައިވާ މައި ކުންފުނިންކަމަށެވެ.
މާފަރުގައި ތަރައްޤިވެގެންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބަބުން ނ.އަތޮޅުގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެއެވެ. މިހާރުވެސް ނ.އަތޮޅަކީ ރާއްޖޭގެ އެންމެ މަޤުބޫލު ރިސޯޓުތައް ހިމެނޭ އެއް އަތޮޅެވެ.
ސިންގަޕޫރު ކުންފުނީގެ ނަމަކީ ޓަފް އޮފް ޝޯ. މައި ކުންފުނީގެ ބަހެއް އަދި އަބޫދާބީ ފަންޑުގެ ބަހެއް ހިމަނާލި ނަމަ ވަރަށް ރަނގަޅުވީސް.
29 ފެބްރުއަރީ 2019 ގައި، ކުޅުދުއްފުށި އެެއާރ ޕޯޓް