ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމާ ބެހޭ މަޝްވަރާތަކެއް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިޔާ ސްކޮޓްލަންޑްއާއެކު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ އަލުން ވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ މައިގަނޑު އެއް ވައުދުކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އެޖަމާއަތާ ގުޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް ދިން އަވަސް އިޖާބައަށް މިނިސްޓަރު ވަނީ ސެކްރެޓަރީ ޖެނެރަލް އަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމައެހެންމެ، މެންބަރަކަށްވުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ޕެޓްރީޝިޔާ ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތުން އަލުން މަރުޙަބާ ކިޔާނެ ވަގުތަށް އިންތިޒާރު ކުރަމުންދާކަމަށާއި ވީ އެންމެ އަވަހަކަށް ރާއްޖެ މެންބަރަކަށްވުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި އެއްބާރުލުން ދެއްވާނެކަމުގައެވެ.

ހަމައެހެންމެ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުގެ މިޝަން އެއް ފޮނުއްވާނެކަމަށްވެސް ޕެޓްރީޝިޔާ ވިދާޅުވިއެވެ.