ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

އަބަދުﷲ ސައީދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރާ ގުޅިގެންނެވެ. ޓެރެރިޒަމްގެ ދައުވާގެ އިތުރުން އޭނާގެ މައްޗަށް އިތުރު ދައުވާތައްވެސް ކޮށްފައިވެއެވެ. ޖެމްސް މެދުކަނޑާލަން އަބްދުﷲ ސައީދު އެންގެވުމުން ދައުލަތުން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެދައުވާ ސާބިތުވާކަމަށް ނިންމާ އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހުގެ ޖަލަށް ލުމަށް ހުކުމެއް އިއްވައިފައެވެ.

އަބްދުﷲ ސައީދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް އަނބުރާ ގެންގޮސްފައެވެ. މި ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެއެވެ.

މި ތިން ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ވެސް ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު