ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި މެދު ހެންވޭރު ދާއިރާއަށް ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ވާދަކުރަން ނިންމައިފިއެވެ.

ހަސަންއަކީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ކޮއްކޮއެވެ.

ހަސަން މެދު ހެންވޭރު ދާއިރާއަށް ނުކުންނަވަން ނިންމެވިކަން އިއުލާން ކޮށްފައި ވަނީ އޭނާގެ ޓްވިޓާގައެވެ. ހަސަންގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން، މާތް ﷲގެ ވާގިފުޅާއެކު، މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލާން ނިންމައިފައިވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ޕްރައިމަރީން ހޮވި، އެދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ނުކުންނާނީ މިހާރު ވެސް މެމްބަރު އަލީ އާޒިމެވެ. ހަސަން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކުރިއަށް ދިޔަ ގޮތުން އެ ދާއިރާއަށް ބަދަލެއް ބޭނުންވާކަން އެނގުނު ކަމަށާއި، ނުކުންނާނީ ރައްޔިތުންނަށް އެ ބަދަލު ގެނެސްދިނުމަށް ކަމަށެވެ