ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން، އަންނަ ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ފަށަން ހަމަޖައްސައިފިއެވެ.

"އެޖެންޑާ 19" ގެ ނަމުގައި އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކެމްޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ އެއްވަނަ ދުވަހުގެ ރޭ، 09:00 ގައި ކާނިވަލް ސަރަޙައްދުގައެވެ.

އެމްޑީޕީ އިން މި ހަފްތާގެ ހުކުރު ދުވަހު ރަސްމީކޮށް ކެމްޕޭން ފަށަން ހަމަޖެއްސިއިރު، އެޕާޓީގެ ޓިކެޓު ދޭނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީ ނުވަތަ އެތެރޭގެ އިންތިޚާބު ބާއްވާފައިވަނީ މި މަހުގެ 18 ވީ ހުކުރު ދުވަހުއެވެ.

އެކި ދާއިރާތަކުގެ ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކާއެކު، މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީ އިން ވަނީ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން، އެކި އެކި ކަންކަމަށް އެޕާޓީން ކަނޑައަޅާފައި އެޖެންޑާތައް ކެންޑިޑޭޓުންނަށް ސާފު ކޮށްދީފައިވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް އެމްޑީޕީން ކުރިމަތިލުމަށް ނިންމާފައިވާއިރު، އެކަމުގެ ސަބަބުން ކޯލިޝަންގެ މެދުގައި މައްސަލަތަކެއްވެސް ވަނީ އުފެދިފައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާ ފަލި

    ވަގުންނަށް ދޭނެ ވޯޓެއް ނެތް. ގައުމު ބަނޑުއަޅަން ނޫޅެ

  2. ސިދާތު

    ފުޅާކޯޅޭސަން ދެމެހެއްޓުމަށްއޮތް ހަމައެކަނި ގޮތަކީ އެމްޑީޕީ ކެއްކި ކޮންމެ އެއްޗެއް ކައިގެން ކޯޅޭސންގެ އެހެން މީހުން ހިތްހަމަޖައްސައިލުމެވެ.