ދޯންޏެއްގެ އިންޖީން ރޫމަށް ފޭބި މީހެއްގެ ހާލު ދެރަވެގެން ސިފައިންގެ އެހީގައި އޭނާ މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާލެ ގެނެސްފައި ވަނީ 35 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގާފައި ވ.ފުސްފަރާ ހިސާބުންނެވެ.

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރި "އަމަން" ނަމަކަށްކިޔާ ދޯންޏެއްގައި އޮތް ހާލުބޮޑު ބަލިމީހަކުގެ ހާލު ދެރަވެގެން ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 06:33 ގައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ.

"އަމަން" ދޯނީގެ ބަލިމީހާ ގޮވައިގެން ސީ އެމްބިއުލާންސް މާލެއަށް ކުރި ދަތުރުގައި، ދ.ކުޑަހުވަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ވައިލެޓް" ބޯޓްގައި ތިބި ފަސް ކުޑަކުދިންނާއި ފަސް އަންހެނުން ވެސް ވަނީ މި ސީއެމްބިއުލާންސްގައި މާލެ ގެނެސްދީފައެވެ.

ވައިލެޓް ބޯޓްގައި ތިބި ކުޑަކުދިންނާއި އަންހެނުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓްގެ އިންޖީނުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެމްއާރުސީސީގެ އެހީތެރިކަމަށް އެދުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނދުވާ

    ދިވެހީންގެ ބަޔަކު އެއްމެ ރުޅިއަރާ، ބަދު ދުޢާކޮށް ހަދަނީ، ސިފައިންނާ، ފުލުހުންނަށް. އެކަމަކު ކޮންމެ ހިތާމަޔަކާއި، ހިތްދަތިކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު، އެހީތެރިކަމާއި، އޯގާތެރިއަތެއް ފޯރުކޮށްދެނީ، ސިފައިންނާއި، ފުލުހުން.

  2. ވަރުވާ

    ދިވެހީންގެ ބަޔަކު އެއްމެ ރުޅިއަރާ، ބަދު ދުޢާކޮށް ހަދަނީ، ސިފައިންނާ، ފުލުހުންނަށް. އެކަމަކު ކޮންމެ ހިތާމަޔަކާއި، ހިތްދަތިކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު، އެހީތެރިކަމާއި، އޯގާތެރިއަތެއް ފޯރުކޮށްދެނީ، ސިފައިންނާއި، ފުލުހުން.

  3. ނުރަބޯ

    އެ ދެބައިމީހުން ހުވާކުރަނީ އެކަމަށްނޫންތަ؟ ދެން ފުލުހުންގެ ގައިގާތަޅާ އަނިޔާކުރާނެ ބަޔަކު ނުލިބިގެން އުޅުނީ ދިވެހިރައްޔިތުންތަ؟ ސިފައިންނަށް ފުރައްސާރަ ކޮށް މަނީމަނީ ޔޭސްޔޭސް އޭ ގޮވަމުން އެމީހުންގެ ފަހަތުން ދުވީ ރައްޔިތުންތަ؟