ކޮންމެ އަހަރެއްގެވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދެމުން ގެންދާ ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތު އިން މި ފުރުސަތު ހުޅުވާލާފައިވާއިރު، އެމިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މި އިނާމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، އެފަރާތްތަކުން މަސައްކަތުގައި ތިބުމަށް ހިތްވަރު ދިނުމަށް ދޭ އެވޯޑެއްކަމަށެވެ.

މީގެއިތުރުންވެސް، ހެލްތު މިނިސްޓްރީ އިން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކޮށް، އޭގެ ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި އެ އަހަރެއްގައި މި ދުވަހަކަށް ކަނޑައަޅާފައިވާ ޝިއާރާ ގުޅުން ހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މި އެވޯޑަށް ހުށަހެޅޭނެކަމަށެވެ.

އެގޮތުން، އާއްމު ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތައް އަދި އިދާރާތަކަށްވެސް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ޑަބްލިޔު.އެޗް.އޯގެ ވެބްސައިޓުން ފޯމު ލިބެން ހުންނައިރު، ފޯމު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 21ގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަށެވެ.

މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ "ޓޮބޭކޯ އެންޑް ލަންގް ހެލްތް" އެވެ.