2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅާ، އެޓެންޑް ވެފައިވަނީ ޖުމުލަ 290 މައްސަލައަށްކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި 290 މައްސަލައިގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ހުށަހެޅި މައްސަލަތަކުގެ 45 އިންސައްތައެވެ.

މި ބާވަތުގެ މައްސަލައިގެ ތެރެއިން އެންމެ ގިނައިން އިހުމާލުވުމުގެ މައްސަލަތައް ހުށަހަޅާފައިވާއިރު، އެބާވަތުގެ 48 މައްސަލަ ހުށަހެޅިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން، ޖިސްމާނީ ހާނީއްކައިގެ 39 މައްސަލަ، ޖިންސީ ހާނީއްކައިގެ 23 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 5 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 5 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ، ކުދިން ދޫކޮށްލައިފައި ދިޔުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން މަހުރޫމުކުރުމުގެ މައްސަލަތަކުގެ ތެރެއިން ތައުލީމަށް ހުރަސް އެޅުމުގެ ތިން މައްސަލައެއް ހުށަހަޅާފައިވާއިރު ގިނަ އަދަދެއްގެ އާއިލީ މައްސަލަތައްވެސް ހުށަހަޅާފައިވެއެވެ. އެގޮތުން އެބާވަތުގެ 50 މައްސަލައެއް ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 35 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 11 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލައެއް ހުށަހަޅާފައިވާއިރު ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 10 މައްސަލަވެސް ހިމެނެއެވެ.

މީގެއިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލައެއް ހުށަހަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަދި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ 31 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ހަމައެހެންމެ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ފަސް މައްސަލައެއްވެސް މިދިޔަ މަހު ހުށަހެޅިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞިރާޠު

    ހާދަ ކުށްމަދުވެއްޖެޔޭ ދޯ؟

  2. އިންސާނާ

    ބަލަގަ ކަމަނާ ފަހުރުވެރިކަމާއެކު މިވެނިއަދަދަކަށް މައްސަލަ ހުށަހެޅިއޭ ބުނާއިރު ކިތައްމައްސަލަޔައް ހައްލު ހޯދާދީފިންތަ މީކޮންކަހަލަ ގަމާރުން ެއްތަ

  3. ކަންބޮޑުވޭ

    މިދިޔަ މަހު އެކަނި 290 މައްސަލަ ހުށައަޅާފައި ވުމުން ދޭހަ ކޮށްދެނީ ފަހެ ކޮންކަމެއް ތޯއެވެ. ކުށް މަދުކުރުމަށް މިސަރުކާރު އެޅި ސިޔާސަތުގެ ހަރުދަނާކަން ތޯއެވެ. ނުވަތަ ކުށް މަދު ކުރުމަށް މިސަރުކާރު ގެންގުޅޭ ސިޔާސަތު ރަނގަޅު ނޫން ކަމުގައި ތޯއެވެ. ނުވަތަ މިފަދަ ޤާބިލު ކަމެއް ތިމާމެންގެ ކިބައިގައި ނެތްކަމަށް ތޯއެވެ.