ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އިންތިޚާބު ކޮށްފައި ތިބި ބައެއް ކައުންސިލަރުންނާމެދު، ކުރީގެ ސަރުކާރުން އަޅާފައިވާ ސަސްޕެންޝަންގެ ފިޔަވަޅުތަކާއި، އެކަމާ ގުޅިގެން ހިފަހައްޓާފައި ހުރި މުސާރަތައް ދިނުމަށް ނިންމައިފިއެވެ.

މިކަމަށް ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ އިންނެވެ.

އިއްޔެ ކުރިއަށް ދިޔަ އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމެއްގައި ނިންމާފައިވަނީ ސަސްޕެންޑް ކޮށްފައި ތިބި 78 ކައުންސިލަރުންގެ ތެރެއިން 77 ކައުންސިލަރެއްގެ ސަސްޕެންޝަން އުވާލާ، އެއް ކައުންސިލަރެއްގެ ސަސްޕެންޝަން މުއްދަތ ލުއި ކުރުމަށެވެ. އެއީ ތިން މަހުގެ ބަދަލުގައި އެއް މަހަށެވެ.

މީގެއިތުރުން، މިކަމާ ގުޅިގެން ހިފަހައްޓާފައި އޮތް ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއާއެކު މަސައްކަތް ކުރުމަށްވެސް ނިންމާފައިވެއެވެ.