މެލޭޝިޔާގެ ރަސްކަމުގެ ތަހުތަށް އިސް ކުރެވުނު އައު ރަސްގެފާނު، އަލް ސުލްތާން އަބްދުﷲ ރިއާޔަތުއްދީން އަލް މުސްތަފާ ބިލާލް ޝާހު އަށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެޤައުމުގެ ރަސްކަމަށް އެމަނިކުފާނު އިސް ކުރެވުމުން ރައީސް ސޯލިހު ތަހުނިޔާ ވިދާޅުވީ އެމަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވީ ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތަހުތަށް އިސްވުމުން ރަސްގެފާނަށް ތަހުނިޔާ ދަންނަވާކަމުގައެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވީ ސުލްތާން އަބްދުﷲ ގެ ރަސްކަމުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައެވެ. ހަމައެހެންމެ، ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރުވެ، ދެ ޤައުމުގެ ޚާރިޖީ ގުޅުމުގެ އައު ބާބެއް ހުޅުވިގެން ދިއުމަކީ ކުރާ އުންމީދެއްކަމުގައެވެ.

ހަމައެހެންމެ، ރައީސް ވަނީ ރަސްގެފާނަށް ހެވާއި ލާބަ އަދި ދުޅަހެޔޮ ޞިއްޙަތެއް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ސުލްތާން އަބްދުﷲ، މެލޭޝިޔާގެ ރަސްކަމަށް އިސްވެފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.